ޚަބަރު

އަލް އަޤުޞާ މިސްކިތް ހިމާޔަތްކޮށް ރައްކާތެރި ކުރުމަކީ ދީނީ ވާޖިބެއް: އިސްލާމިކް މިނިސްޓަރ


ފަލަސްތީންގެ މައްސަލައާ ގުޅޭގޮތުން ބޭއްވި" ވިތް ޕީސް އެގެއިންސްޓް ދި އޮކިއުޕޭޝަން" ގެ ނަމުގައި ޤުދުސްގައި ބޭއްވި ކޮންފަރެންސްގައި، ދިވެހިރާއްޖެ ތަމްޞީލް ކުރައްވައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ ބައިވެރިވެ ވަޑައިގަންނަވައިފިއެވެ.

އިއްޔެ މި ކޮންފަރެންސް ކުރިއަށް ގެންގޮސްފައި ވަނީ އޮންލައިންކޮށެވެ.

މި ކޮންފަރެންސަކީ މިހާރު ޔަހޫދީން ފަލަސްތީނުގެ ބިންތައް އިތުރަށް މިލްކުކޮށް ފަށައިގެން ކުރިއަށްދާ ދަނޑިވަޅުގައި، އެކަމާއި ގުޅޭގޮތުން މީހުން ހޭލުންތެރިކަން އިތުރުކުރުމަށް މަޝްވަރާ ކުރުމަށް ބޭއްވި ބައްދަލުވުމެކެވެ. އަދި އިސްރާ މިޢުރާޖުގެ ބިން އަދި އަލް މަސްޖިދުލް އަޤްޞާ ހިމާޔަތްކޮށް، ފަލަސްޠީނުގައި އިންސާފައި، އަމާންކަމާއި ހަމަޖެހުން ޤާއިމްކުރުމާއި ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ބޭއްވި ކޮންފަރެންސެކެވެ. މި ކޮންފަރެންސްގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ދީނީ ޢިލްމުވެރިންނާއި ދާޢީންވަނީ ބައިވެރިވެ ވަޑައިގަންފައެވެ.

މި ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން އިސްލާމިކް މިނިސްޓަރ ޑރ އަހުމަދު ޒާހިރު ވިދާޅުވީ ފަލަސްޠީނުގެ މައްސަލައަކީ ދީނީ އަދި އަޤީދާ އާއި ގުޅިފައިވާ މައްސަލައެއް ކަމަށެވެ. އަދި ޤުދުސްގައި މުސްލިމުންގެ ފުރަތަމަ ޤިބުލަ ކަމުގައިވާ އަލް މަސްޖިދުލް އަޤްޞާ ހުރުމުގެ ސަބަބުންވެސް އެތަން ޙިމާޔަތްކޮށް ރައްކާތެރިކުރުމަކީ މުސްލިމުންގެ ދީނީ ވާޖިބެއް ކަމުގައިވެސް މިނިސްޓަރ ވިދާޅުވިއެވެ.

ފަލަސްޠީނުގެ ބިންތަކަށް ގަދަވެގެންފައިވާ ޔަހޫދީން، މުސްލިމުންނާއި ދެކޮޅަށް ދެމުންދާ އަނިޔާތަކާއި ދެކޮޅަށްމ ދިވެހިރާއްޖެއަކީ އެންމެ ކުރީއްސުރެވެސް އަޑު އުފުލައި ވާހަކަދައްކަމުން އަންނަ ގައުމެއް ކަމަށާއި އެގޮތުގައި ދިވެހީން އަބަދުވެސް ދެމިތިބޭނެ ކަމުގެ ޔަޤީންކަންވެސް މިނިސްޓަރ ވަނީ ދެއްވާފައެވެ.

އަދި ރައީސުލްޖުމުހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙް އދ ގެ 74 ވަނަ އާއްމު ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން، ފަލަސްޠީނު މިނިވަންވުމަށާއި ވަކި ދައުލަތެއްގޮތުގައި އޮތުމަށް ކުރާ މަސައްކަތުގައި ދިވެހިރާއްޖޭގެ ފުރިހަމަ އެއްބާރުލުން ދެގޮތެއްނެތި އަބަދުވެސް ދެމުންގެ ދާނެކަމަށް ވިދާޅުވި ބަސްފުޅު މިނިސްޓަރ ވަނީ ތަކުރާރު ކުރައްވާފައެވެ.

މިނިސްޓަރުގެ ވާހަކަފުޅު ނިންމަވާލައްވަމުން މެދުއިރުމަތީގެ މައްސަލަތަށް ހައްލުކުރެއްވުމަށް ފަލަސްޠީނުގެ ރައީސް މަހްމޫދު އައްބާސް ކުރައްވަމުން ގެންދަވާ މަސައްކަތްތަށް ފާހަގަކުރައްވައި، ޚާއްޞަކޮށް ފަލަސްޠީނުގެ ރައްޔިތުންނަށް ދިމާވެފައިވާ ހިތްދަތި ހާލަތު ބަދަލުކުރެއްވުމަށް ކެނޑިނޭޅި ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅު ފާހަގަކުރައްވައި، ޝުކުރު އަދާކުރެއްވިއެވެ.