ޚަބަރު

އައްޑޫސިޓީއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު 6 މީހަކު ހައްޔަރުކޮށްފި


ގދ.ތިނަދޫން އައްޑޫ ސިޓީއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު 6 މީހަކު ހައްޔަރުކޮށްފިއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފުލުހުންނާއި ސިފައިން ގުޅިގެން ރޭގެ ވަގުތެއްގައި ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައި ގދ.ތިނަދޫން އައްޑޫ ސިޓީއަށް އެތެރެކުރަން އުޅުނު 5.5 ކިލޯގެ މަސްތުވާތަކެތި ހިފަހައްޓާފައިވާކަމަށެވެ. މިތަކެއްޗާއެކު މިމީހުން ހައްޔަރުކޮށްފައި ވަނީ ސްޕީޑު ބޯޓެއްގައި ތިނަދޫން އައްޑޫއަށް ދަތުރުކުރަނިކޮށްކަމަށް ފުލުހުން ވިދާޅުވެއެވެ.

ފުލުހުންނާއި ސިފައިން ގުޅިގެން މަސްތުވާތަކެތީގެ ވިޔަފާރިއާ ދެކޮޅަށް އެކި އޮޕަރޭޝަންތައް ހިންގަމުންދާއިރު މިދިޔަ އަހަރު އެކަނިވެސް ފުލުހުންވަނީ 408.3 ކިލޯ ގްރާމްގެ މަސްތުވާތަކެތި އަތުލައިގަންފައެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 4 ގުނަ އިތުރު އަދަދެއްކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. އަދި މަސްތުވާތަކެއްޗާއި ގުޅޭ އެކި މައްސަލަތަކުގައި 1400އަށްވުރެ ގިނަ މީހުން ރާއްޖެއިންވަނީ ހައްޔަރުކޮށްފައެވެ.