ކުޅިވަރު

ކިއެލީނީ އާއި ބުފަންގެ ކޮންޓްރެކްޓް އާކޮށްފި


ތަޖުރިބާކާރު ދެ ކުޅުންތެރިން ކަމަށްވާ ޖިއޯޖިއޯ ކިއެލީނީ އާއި ގޯލްކީޕަރު ޖިއަންލުއިޖީ ބުފޮން ކޮންޓްރެކްޓް ޔުވެންޓަސްއިން އެއް އަހަރަށް އާކޮށްފިއެވެ.

މާދަމާގެ ނިޔަލަށް ކޮންޓްރެކްޓް ހަމަވާ ދެ ކުޅުންތެރިންނާއެކު ހެދި އެއް އަހަރުގެ އެއްބަސްވުމުގެ ދަށުން މި ދެ ކުޅުންތެރިން 2021 ވަނަ އަހަރުގެ ސީޒަނުގެ ނިޔަލަށް ޓީމުގައި ތިބޭނެއެވެ.

ކެޕްޓަން ކިއެލީނީ އަށް އަންނަ އޮގަސްޓް މަހު 36 އަހަރު ފުރޭނެ އެވެ. ނަމަވެސް އޭނާގެ އުއްމީދަކީ މަދުވެގެން އަދި އެއް ސީޒަން ޔުވެންޓަސްގައި ހޭދަކުރުމެވެ. 2005 ވަނަ އަހަރުން ފެށިގެން ޔުވެންޓަސް އަށް ކުޅެމުން އަންނަ ތަޖުރިބާކާރު ޑިފެންޑަރު މިހާތަނަށް ވަނީ 509 މެޗުން 36 ގޯލު ޖަހާދީފައެވެ.

އަނެއްކޮޅުން އެއް ސީޒަން ފްރާންސްގެ ޕީއެސްޖީގައި ހޭދަކުރުމަށްފަހު މި ސީޒަނުގައި ޓީމާ ގުޅުނު ކީޕަރު ބުފޮން އަށް އަންނަ ޖެނުއަރީ މަހު 42 އަހަރު ފުރޭނެ އެވެ. 2001 ވަނަ އަހަރު ޕާމާއިން ޔުވެންޓަސް އަށް ބަދަލުވި އިޓަލީގެ ކުރީގެ ގައުމީ ކީޕަރުވަނީ މިހާތަނަށް ޔުވެންޓަސް އަށް 669 މެޗު ކުޅެދީފައެވެ.

މި ދެ ކުޅުންތެރިންގެ ކޮންޓްރެކްޓް އާކޮށްފައިވާއިރު 70 މިލިއަން ޔޫރޯ އަށް ބާސެލޯނާގެ ބްރެޒިލް މިޑްފީލްޑަރު އަރްތޫރު ވެސް ވަނީ ޓީމަށް ގެނެސްފަ އެވެ. ނަމަވެސް ޔުވެންޓަސްގެ މިޑްފީލްޑަރު މިރަލެމް ޕިޔަނިކް ވަނީ ބާސެލޯނާ އަށް ވިއްކާލައިފައެވެ.