ޚަބަރު

އިންޑިއާގައި ޓިކްޓޮކް މަނާކޮށްފި


ގިނަ ބައެއްގެ މެދުގައި މަޤްބޫލް އެޕްލިކޭޝަނެއްކަމަށްވާ "ޓިކްޓޮކް" އިންޑިއާގައި ބޭނުންކުރުން މަނާކޮށްފިއެވެ.

އިންޑިއާ ސަރުކާރުން ޓިކްޓޮކް ބޭނުންކުރުން މަނާކޮށްފައި މިވަނީ، ޗައިނާގެ އެޕްލިކޭޝަންތައް އެޤައުމުގައި ބޭނުންކުރުން މަނާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިންނެވެ. ޓިކްޓޮކްގެ އިތުރުން މަޝްހޫރު އެޕްލިކޭޝަނެއްކަމަށްވާ "ވީ-ޗެޓް" ބޭނުންކުރުންވެސް އިންޑިއާގައި ވަނީ މަނާކޮށްފައެވެ. ޓިކްޓޮކާއި ވީޗެޓްގެ އިތުރުންވެސް ޗައިނާގެ 50 އަށްވުރެ ގިނަ އެޕްލިކޭޝަން ބޭނުންކުރުން އިންޑިއާއިން ވަނީ މަނާކޮށްފައެވެ.

އިންޑިއާގެ ޓެކްނޮލޮޖީ މިނިސްޓްރީން ބުނީ މި އެޕްލިކޭޝަންތަކުގެ ސަބަބުން އެޤައުމުގެ ޤައުމީ ސަލާމަތަށް ނުރައްކާތަކެއް ކުރިމަތިވެދާނެކަމަށެވެ. އަދި އެޕްލިކޭޝަންތައް މަނާކުރީ އެޤައުމުގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅާ ފިޔަވަޅެއްގެ ގޮތުންކަމަށްވެސް އިންޑިއާގެ ޓެކްނޮލޮޖީ މިނިސްޓްރީން ބުނެއެވެ.

އިންޑިއާގެ ނިންމުމުގެ ސަބަބުން އެންޑްރޮއިންޑް އާއި އައިއޯއެސް ސްޓޯރތަކުންވެސް މި އެޕްލިކޭޝަންތައް ނަގާނެއެވެ.

އިންޑިއާއިން ޗައިނާގެ އެޕްލިކޭޝަންތަކެއް ބޭނުންކުރުން މަނާކޮށްފައި މިވަނީ ދެޤައުމުގެ ބޯޑަރު ގުޅޭ ހިމާލަޔަން ސަރަޙައްދުގައި ހިނހގި ކުރިމަތިލުމަކަށްފަހުއެވެ. އެކުރިމަތިލުމުގައި އިންޑިއާގެ ސިފައިންގެ 20 މީހަކު މަރުވިއެވެ.