ޚަބަރު

އެފް.އޭ.އެމް ގެ އިންތިޚާބު ފަސްކުރުމަށް އަންގައި، ފިޔަވަޅުއަޅަން މަޖިލީހަށް މައްސަލައެއް


ކުޅިވަރުގެ ޤާނޫނާއި، ފީފާގެ ހިންގާ ގަވާއިދާއި ޚިލާފަށް އެފްއޭއެމްއިން ހިންގާފައިވާ ކަންކަން ބަލައި ފިޔަވަޅުއެޅިފައި ނުވާތީ އެ އެސޯސިއޭޝަނާއި ދޭތެރޭގައި ގާނޫނުގައިވާ ގޮތުުގެމަތީން ފިޔަވަޅު އަޅައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފިއެވެ.

ކުޅިވަރުގެ ޤާނޫނާއި ފީފާގެ ހިންގާ ގަވާއިދާ ޚިލާފަށް އެފްއޭއެމްއިން ހިންގާފައިވާ ކަންކަން ބަލައި، ފިޔަވަޅު އަޅައިދުނުމަށް އެދި މިމައްސަލަ މަޖިލީހަށް ހުށަހެޅީ އެފްއޭމްގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމްއެވެ. އާޒިމްގެ މައްސަލާގައި ބުނެފައި ވަނީ ޔޫތު މިނިސްޓްރީ އާއި، ކަމިޝަނާ އޮފް ސްޕޯޓްސް އިން ޤާނޫނާއި ކުލަބްތަކުގެ ހިންގާ ގަވާއިދާއި، ފީފާގެ ހިންގާ ގަވާއިދާއި ޚިލާފަށް އެތައްކަމެއް ކޮށްފައިވާއިރުވެސް ފިޔަވަޅެއް އަޅާފައި ނުވާކަމަށެވެ.

އެފްއޭއެމްގެ ހިންގާ ކޮމިޓީ އިންތިހާބުވީ ފަހުން ތަފާތު އެކި ދުވަސްވަރު ހިންގާ ކޮމިޓީ އަށް ރަސްމީކޮށް އިންތިޚާބުވި ބައެއް ފަރާތްތައް އެކިއެކި ސަބަބުތަކާ ހުރެ ހިންގާ ކޮމިޓީން އިސްތިއުފާ ދީފައި ވާއިރު، ހުސްވި މަގާމްތަކަށް އެފްއޭއެމްގެ ހިންގާ ގަވާއިދު ބުނާ ގޮތަށް އެކިއެކި ފަރާތްތައް އައްޔަން ކޮށްފައިވާކަމަށެވެ.

ކްލަބް ޖަމިއްޔާ ރަޖިސްޓްރީކޮށް ހިންގުމުގެ ގަވާއިދުގެ 23 ވަނަ މާއްދާގެ "ށ" ގައި ޖަމިއްޔާއެއްގެ ހިންގާ ކޮމިޓީގެ ދައުރު ހަމަވުމުގެ 30 ދުވަސް ކުރިން ހިންގާ ކޮމިޓީ އަލުން އިންތިހާބު ކުރަން ވާނެ ކަމަށާއި އަދި ހިންގާ ކޮމިޓީގެ ދައުރު ހަމަވުމުގެ ކުރިން ހިންގާ ކޮމިޓީގެ މަގާމެއް ހުސްވެއްޖެ ނަމަ އެ މަގާމަށް 30 ދުވަހުގެ ތެރޭގައި އިންތިހާބުކުރަން ވާނެ ކަމަށް ބުނެފައިވެއެވެ.

އަދި އެ ގަވާއިދުގެ 39 ވަނަ މާއްދާގެ "ހ" ގައި ޖަމިއްޔާ ރަޖިސްޓްރީކުރާ ތާރީހުން ފެށިގެން ދެ އަހަރުވާއިރު، އެ ޖަމިއްޔާއަކުން ކުރުމަށް ކަނޑައަޅާފައިވާ ކަންތައްތަކުގެ ތެރެއިން އެއްވެސް ކަމެއް ނުކުރާ ނަމަ، ނުވަތަ އެއިން އެއްވެސް ކަމެއް ނުކޮށް ވިދިވިދިގެން ދެ އަހަރު، ވެފައިވާނަމަ އެ އެސޯސިއޭޝަނެއްގެ ރަޖިސްޓްރޭޝަން ބާތިލްކުރުމުގެ ބާރު ކޮމިޝަނާ އޮފް ސްޕޯޓްސް އަށް ލިބިގެންވެއެވެ.

ކުޅިވަރުގެ ޤާނޫނާއި، ޤާނޫނުގެ ދަށުން ހެދިފައިވާ ޤަވާދިތަކާއި ޚިލާފަށް އެފްއޭއެމްއިން ހިންގާފައިވާ ކަންކަން ބަލައި ގަވާއިދާ އެފްއޭއެމްއާއިމެދު އަޅަންޖެހޭ ފިޔަވަޅު އަޅައި، އިންތިޚާބް ނުބޭއްވުމަށް މިނިސްޓްރީ އާއި، ކަމިޝަނާ އޮފް ސްޕޯޓްސް އެންގުމަށް މިމައްސަލާގައި ބުނެފައިވެއެވެ.

މިމައްސަލާގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ، ނިމިދިޔަ ވެރިކަމުގައި އެފްއޭއެމްއަށް ސިޔާސީ ނުފޫޒު ވަދެ، ސިޔާސީ ހަރަކާތް ހިންގާ ތަނަކަށް ބަދަލުވެފައި ކަމަށެވެ. ވިޔަފާރި ކުންފުނި ހިންގުންފަދަ އެފްއޭއެމް ހިންގުމާއި ޚިލާފް އެތައްކަމެއް އެއިދާރާ ތެރޭގައި ހިންގާފައިވާކަންކަން އަދާއި ހަމަޔަށްވެސް ބެލިފައިނުވާމަށެވެ. ކުޅިވަރުގެ ޤާނޫނާއި، ކުލަބްތައް ހިންގުމުގެ ގަވާއިދުގައި ބުނާ އެތައްކަމެއް ނުކޮށް އެފްއޭއެމްއިން ތިއްބެވިއިރުވެސް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާކަމީ ޔޫތް މިނިސްޓަރު އަހުމަދު މަހްލޫފް ޒިންމާ އަދާނުކުރައްވާކަމުގެ ހެއްކެއްކަމަށެވެ.

މިމައްސަލާގައި ވާހަކަ ދެއްކެވި މެމްބަރުން ވަނީ ރާއްޖޭގެ ކުޅިވަރުގެ ދާއިރާގައި އޮތް ގޮންޖެހުންތައް ހައްލުކުރުމުގައި ކުޅިވަރާއިބެހޭ ވަޒީރަށް އެކަށީގެންވާ ޒިންމާއެއް އަދާނުކުރެވޭކަމަށް ބުނެފައެވެ. މިމައްސަލާގައި ވާހަކަ ދެއްކެވި ބައެއް މެމްބަރުންވަނީ މިފަދަ މައްސަލަތަކީ މަޖިލީހަށް ވައްދައިގެން ވާހަކަ ދެއްކުމަށްވުރެ ވަކި ހުދޫދުގެ ތެރެއިން ބަލަންޖެހޭ ކަންކަމުގައި ފާހަގަކުރައްވާފައެވެ. އަދި ވަކި އެސޯސިއޭޝަނެއްގެ މައްސަލަ މަޖިލީހުގައި ބަލައި އެހެން އެސޯސިއޭޝަނެއްގެ މައްސަލަ ނުބެލުމަކީވެސް އިންސާފެއް ނޫންކަމަށް މެމްބަރުން ފާހަގަކޮށްފައިވެއެވެ.