ދުނިޔެ

ލަންކާގެ އާންމު އިންތިޚާބު، ވެރިކަންކުރާ ޕާޓީއިން ކާމިޔާބުކޮށްފި


ސްރީލަންކާގައި ބޭއްވި އާއްމު އިންތިޚާބުގެ ދާއިމީ ނަތީޖާ އެގައުމުގެ އިލެކްޝަންސް ޑިޕާޓްމަންޓުން އިޢުލާންކޮށްފިއެވެ.މިނަތީޖާ ބުނާގޮތުން މިދިޔަ ހޯދަދުވަހު ބޭއްވި 106 ގޮނޑިއާ އެކު އާންމު އިންތިޚާބު ކާމިޔާބުކޮށްފައިވަނީ ވެރިކަންކުރާ ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫ.އެން.ޕީ) އިންނެވެ. ނަމަވެސް އެއްވެސް ޕާޓީއަށް ޕާލަމެންޓްގެ އަޣްލަބިއްޔަތު ލިބިފައެއްނުވެއެވެ.ސްރީލަންކާގެ ޕާލަމެންޓްގެ އަޣްލަބިއްޔަތު ލިބޭނީ ޕާލަމެންޓްގެ 225 ގޮނޑީގެ ތެރެއިން 113 ކާމިޔާބުކޮށްގެންނެވެ. 106 ގޮނޑީގެ މިނަތީޖާއާއެކު އެހެންޕާޓީއަކާ ގުޅިގެން ޕާލަމެންޓްގެ އަޣްލަބިއްޔަތު ހޯދައި ކޯލިޝަން ސަރުކާރެއް އެކުލަވާލަން ޔޫއެންޕީ އަށް ފަސޭހަވާނެއެވެ.މިއިންތިޚާބުގައި ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާ ގެ ޔުނައިޓެޑް ޕީޕަލްސް ފްރީޑަމް އެލައަންސް ޕާޓީ (ޔޫ.ޕީ.އެފް.އޭ) އަށް ލިބިފައިވަނީ 95 ގޮނޑިއެވެ. ބާކީ ގޮނޑިތައް ކާމިޔާބުކޮށްފައިވަނީ ތަމަޅައިންގެ "ޓެމިލް ނެޝަނަލް އެލަޔަންސް (ޓީއެންއޭ) އާއި ޖަނައްތަ ވިމުކްތި ޕެރަމުނާ (ޖޭވީޕީ) ގެ އިތުރުން ކުޑަ ދެޕާޓީކަމަށްވާ "އިލާމް ޕީޕަލްސް ޑިމޮކްރެޓިކް ޕާޓީ" އާއި "ސްރީލަންކާ މުސްލިމް ކޮންގްރެސް" ޕާޓީންނެވެ.މީގެއިތުރުން މުސްތަގިއްލު ކެންޑިޑޭޓުންވެސް ބައެއް ގޮނޑި ކާމިޔާބުކޮށްފައިވެއެވެ.މިނަތީޖާއާއެކު ޝްރީލަންކާގައި އައު ސަރުކާރެއް އެކުލަވާލައްވައި ބޮޑުވަޒީރަކަށް ވެވަޑައިގަންނަވާނީ މިހާރުގެ ވަގުތީ ބޮޑުވަޒީރު އަދި  ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫ.އެން.ޕީ) ގެ ލީޑަރު ރަނިލް ވިކްރަމަ ސިންހްއެވެ.