ޚަބަރު

ޖިންސީ ގޯނާގެ ހާދިސާތައް ރިޕޯޓްކުރުމުގައި ސަމާލުވުމަށް އިލްތިމާސްކޮށްފި


ޖިންސީ ގޯނާގެ ޙާދިސާތައް ރިޕޯޓްކުރުމުގައި މީޑިއާތަކުން މިހާރަށްވުރެބޮޑަށް ސަމާލުވުމަށް މޯލްޑިވްސް މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަނުން އިލްތިމާސްކޮށްފިއެވެ.

ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކުރެވޭ މައްސަލަތަކާ ގުޅޭގޮތުން މިހާރަކަށް އައިސް ފަތުރަމުންދާ ޚަބަރުތަކާއި މަޢުލޫމާތުގެ ތެރޭގައި އަނިޔާ ލިބުނުކަމަށް ތުހުމަތުކުރެވޭ ފަރާތުގެ ޒާތީ މަޢުލޫމާތު ފަތުރަމުންދާކަން ބްރޯޑްކާސްޓިން ކޮމިޝަނަށް ފާހަގަކުރެވިފައިވާކަމަށް އެކޮމިޝަނުން ނެރުނު ސާކިއުލަރއެއްގައި ވެއެވެ.

މި ގޮތަށް ޚަބަރު ފެތުރުމަކީ އޭގެ ސަބަބުން އެ އަނިޔާ ލިބޭ މީހާ އިތުރަށް ވިކްޓިމައިޒްވެ، އޭނާއާއި އޭނާއާ ގުޅުންހުރި އެހެން ފަރާތްތަކުގެ ޙައްޤަށް ނުވަތަ އިންސާނީ ކަރާމާތަށް އުނިކަން އަންނާނޭކަމަށް ބްރޯޑްކޮމްއިން ވިދާޅުވިއެވެ. އަދި މިފަދަ ޙާދިސާތަކުގެ މައުލޫމާތުގެ ސައްޙަކަން ކަށަވަރުކޮށްގެން މެނުވީ ޙާދިސާގެ މައުލޫމާތު ފެތުރުމަކީ ކަމުގެ ޙަޤީޤަތް ރައްޔިތުންނަށް އޮޅި އޭގެ ސަބަބުން ނުރަގަޅު އަސަރުތަކެއް މުޖުތަމަޢުއަށް ކުރާނޭކަމެއްކަން އެ ކޮމިޝަނުން ފާހަގަކުރައްވައެވެ.

އަދި ޖިންސީ ގޯނާގެ ޙާދިސާތަކާ ގުޅޭގޮތުން ޚަބަރާއި މައުލޫމާތު ގެނެސްދިނުމުގައި، އަނިޔާ ލިބޭ ފަރާތްތަކުގެ މަޢުލޫމާތު ހާމަ ނުކުރުމަށާއި ޙާދިސާ ހިނގައިދިޔަގޮތުގެ މަޢުލޫމާތުގެ ސައްހަކަން ކަށަވަރުކޮށްފައި ނޫނީ ކޮންޓެންޓް ބްރޯޑްކާސްޓް ނުކުރުމަށާއި، ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސް އާއި “ބްރޯޑްކާސްޓްކުރުމުގައި އަންހެނުންގެ ޙައްޤުތައް ޙިމާޔަތްކުރުމުގައި އަމަލުކުރަންވީ ގައިޑްލައިން” އާއި "ބްރޯޑްކާސްޓަކުރުމުގައި ކުޑަކުދިން ޙިމާޔަތްކުރުމަށް ޢަމަލުކުރަންވީ ގައިޑްލައިން"އާ އެއްގޮތްވާގޮތުގެ މަތީން ހުރިހާ ބްރޯޑްކާސްޓަރުންވެސް ޢަމަލުކުރުމަށް ބްރޯޑްކޮމްއިން އިލްތިމާސްކުރައްވާފައިވެއެވެ. އަދި މި ހަމަތަކާ ޚިލާފަށް ކޮންޓެންޓް ބްރޯޑްކާސްޓްކުރާ ބްރޯޑްކާސްޓަރުންނާ މެދު ޤާނޫނާއި ގަވާއިދުގެ ތެރެއިން ފިޔަވަޅުއަޅާނެކަމަށްވެސް ބްރޯޑްކޮމްއިން ވިދާޅުވިއެވެ.

މިފަދަ މައްސަލަތައް ރިޕޯޓް ކުރުމުގައި ސަމާލުވުމަށް މީޑިއާތަކަށް އިލްތިމާސްކުރައްވައި މޯލްޑިވްސް މީޑިއާ ކައުންސިލުންވެސް ވަނީ ބަޔާނެއް ނެރުއްވާފައެވެ.

އެކައުންސިލުގެ ބަޔާނެއްގައި ވަނީ، މިދިޔަ ހޯމަ ދުވަހުގެ ރޭ ބިދޭސީ އަންހެނަކަށް ޖިންސީ އަނިޔާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން އެކި އޮންލައިން ނޫސްތަކުގައި ޝާއިއުކުރަމުން އަންނަ ލިޔުންތަކާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި އެކައުންސިލުގެ ސަމާލުކަމަށް އެކި ފަރާތްތަކުން މިމައްސަލަ ގެނެސްފައިވާކަމަށްވެސް އެބަޔާނުގައި ވެއެވެ.

މިނިވަން ޑިމޮކްރަޓިކް ވެއްޓެއްގައި ދައުލަތުގެ ހަތަރު ވަނަ ބާރަކީ މީޑިއާ ކަމަށްވާއިރު، ދައުލަތުގެ އެކި އިދާރާތަކުގެ މައްޗަށް ފާރަވެރިވެ އެ ފަރާތްތަކުން ހިންގާ ނޭދެވޭ ކަންކަން ހާމަކުރުމާއި އެންމެހާ ރައްޔިތުންގެ އިންސާނީ ޙައްގުތައް ކަށަވަރު ކުރުމުގައި މީޑިއާގެ ދައުރު މުހިންމުކަން އެ ކައުންސިލުން ފާހަގަކުރިއެވެ. އަދި އެ ރޮނގުން މީޑިއާތަކުން ކުރަމުން އަންނަ މަސައްކަތް މީޑިއާ ކައުންސިލުން ފާހަގަކޮށް އެފަދަ މަސައްކަތްތަކަށް ހިތްވަރުދޭކަމަށްވެސް ބަޔާނުގައިވެއެވެ.

އެހެންނަމަވެސް މިޒިންމާ އަދާކުރުމުގައި މީޑިއާތަކުން ހަރަކާތްތެރިވާންވާނީ، ޒިންމާދާރުކަމާއި މުޖުތަމައު ބަލައި ގަންނަ ހަމަތަކާއި އަޙުލާޤީ މިންގަނޑުތަކުގެ ތެރޭގައިކަން އެކައުންސިލުން ފާހަގަކުރައްވައެވެ. އެހެންކަމުން މި އުސޫލުގެ ދަށުން އަމަލުކުރުމަށް އެމްއެމްސީއިން ވަނީ މީޑިއާތަކަށް ގޮވާލައްވާފައެވެ.