ރާއްޖޭގައި ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން 1927 މީހުން ބަލިން ރަނގަޅުވެއްޖެއެވެ.
އެޗްޕީއޭއިން ވިދާޅުވީ މިއަދު އިތުރު 16 މީހުން ބަލިން ރަނގަޅުވެފައިވާކަމަށެވެ. މިއާއެކު ޕޮޒިޓިވް މީހުންގެ ތެރެއިން %82 އަށްވުރެ ގިނަ މީހުން މިހާރުވަނީ ބަލިން ރަނގަޅުވެފައިކަމަށެވެ. ރާއްޖެއިން ކޯވިޑް-19 ފެނުނުތާ މިއަދަށް 114 ދުވަސްވެފައިވާއިރު، މިބަލި ފެތުރުން ކޮންޓްރޯލް ކުރުމައްޓަކައި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މާލެ ސަރަހައްދު ފުރަބަންދުކުރުމަށްފަހު މިހާރުމިވަނީ ބޮޑެތި ލުއިތަކެއް ދީފައެވެ. ނަމަވެސް މި ލުއިތަކާއެކުވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުވުމަށް ސަރުކާރުން ވަނީ އިލްތިމާސް ކުރައްވާފައެވެ.
މި ފެށޭ ޖުލައި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ކޯވިޑް-19އާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތައް އާ މަރުޙަލާއަކަށް ބަދަލުކުރައްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްވަނީ މިއަދު ވިދާޅުވެފައެވެ.