ޚަބަރު

"މުޒާހަރާގެ ބައިވެރިންނާއެކު މަސައްކަތްކުރަން ޖެންޑަރ މިނިސްޓްރީ ތައްޔާރު"


ޖިންސީ އަނިޔާގެ މައްސަލަތައް ޙައްލުކުރުމަށް އެކުގައި މަސައްކަތްކުރަން ޖެންޑަރ މިނިސްޓްރީން ތައްޔާރަށް އޮތްކަން ޖިންސީ އަނިޔާ އާއި ދެކޮޅަށް މިއަދުގެ މުޒާހަރާ އިންތިޒާމުކުރި "ވޮއިސް އޮފް ޗިލްރަން" ބުނެފިއެވެ.

ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ އަނިޔާކުރިކަމަށް ތުހުމަތުކުރާ މައްސަލާގައި ހައްޔަރުކުރި މީހުން ދޫކޮށްލުމުން އެކަމާމެދު ހިތްހަމަނުޖެހުން ފާޅުކޮށް "ވޮއިސް އޮފް ޗިލްރަން" މިއަދު ވަނީ ޖެންޑަރ މިނިސްޓްރީގެ ކައިރީގައާއި މާލޭގެ ބައެއް ސަރަޙައްދުތަކުގައި މުޒާހަރާކޮށްފައެވެ.

މިއަދު ހަވީރު 4 ޖެހިއިރު ފެށި މުޒާހަރާގައި އެކި ޢުމުރުފުރާގެ 100 އެއްހައި މީހުން ބައިވެރިވިއެވެ. މި މީހުން ވަނީ ޖިންސީ ފުރައްސާރަކުރުމާއި ޖިންސީ އަނިޔާކުުރުމާ ދެކޮޅަށް އަޑުއުފުލައި ޝުޢޫރު ފާޅުކޮށްފައެވެ.

މިފަދަ މައްސަލަތައް ބެލުމަށްޓަކައި ޤާނޫނުތައް ހުރިނަމަވެސް މި ޤާނޫނުތައް ތަންފީޒުކުރުމުގައި ޒަމާނުއްސުރު ދައުލަތުގެ އެކި މުއައްސަސާތައް ނުކުޅެދިފައިވާކަމަށް މުޒާހަރާގެ ބައިވެރިން ވަނީ ތުހުމަތުކޮށްފައެވެ. މުޒާހަރާގެ ބައިވެރިންވަނީ މިފަދަކަންކަން ތަޙްޤީޤުކުރުމުގައި ސަރުކާރުގެ ވުޒާރާތަކާއި މުއައްސަސާތައް އަދި މިނިވަން މުއައްސަސާތައް ޒިންމާދާރުވުމަށް ގޮވާލާފައެވެ.

މުޒާހަރާގެ ތެރެއިން ޕީއެސްއެމް ނިއުސްއާއި ވާހަކަދައްކަވަމުން މުޒާހަރާ އިންތިޒާމުކުރި "ވޮއިސް އޮފް ޗިލްރަން"ގެ ފައުންޑަރެއްކަމަށްވާ އިކްލީލާ ހަމީދު ބުނީ މިއަދު ނުކުމެ އަޑުއުފުލީ ޖިންސީ ފުރައްސާރައިގެ މައްސަލަތައް ހުއްޓުވާ އެފަދަ މައްސަލަތައް ބެލުން އަވަސްކުރުމަށްކަމަށެވެ. މިދިޔަ އަހަރުގެ ފަހުކޮޅު އަތޮޅުތަކުގެ ރަށެއްގެ ތުއްތު ކުއްޖަކަށް ޖިންސީ ގޯނާކުރުމާއި ގުޅިގެން ފެށި މުޒާހަރާތައް ފަހަގަކޮށް އިކްލީލާ ބުނީ މި މަސައްކަތާ އެކީ މިފަދަ މައްސަލަތައް ބަލާ ވުޒާރާއާއި މުއައްސަސާތަކާއި ބައްދަލުވެފައިވާކަން ފާހަގަކުރާކަމަށެވެ.

ޖެންޑަރ މިނިސްޓްރީއާއެކު ކުރި މަޝްވަރާގެ ތެރެއިން މިހާރު މިފަދަކަންކަން ރަނގަޅަށް ބެލޭނެކަމުގެ ފެހި ސިގްނަލް ލިބިފައިވާކަމަށް އިކްލީލާ ބުންޏެވެ. "ވޮއިސް އޮފް ޗިލްރަން"އިން މި ހަފްތާގެ ތެރޭ އަމިއްލަ ޖަމްޢިއްޔާއެއްގެ ގޮތުގައި ރަސްމީކޮށް ރަޖިސްޓްރީކޮށް މިމަދައްކަށް ފަށާނެކަމަށް އިކްލީލާ ބުންޏެވެ. މިއާއެކު ޖެންޑަރ މިނިސްޓްރީއާއެކު ގާތުން މަސައްކަތްކުރުމުގެ ފުރުސަތު ލިބޭނެކަމަށް އެމިނިސްޓްރީން ވިދާޅުވެފައިވާކަމަށް އިކްލީލާ ބުންޏެވެ.

"އަޅުގަނޑުމެން ޔުނިސެފްއާއިވެސް ބައްދަލުކުރިން. ޖެންޑަރ މިނިސްޓްރީއާއެކުވެސް ބައްދަލުކުރިން. މި ބައްދަލުކުރުމުގައި އެ މިނިސްޓްރީއިން ވަނީ އަޅުގަނޑުމެން އެންޖީއެއްގެ ގޮތުގައި ރަޖިސްޓްރީވުމުން މިނިސްޓްރީއާއެކު މައްސަލަތައް ހައްލުކުރުމަށް މަސައްކަތް ކުރެވޭނެކަން ހާމަކޮށްފައި" ވޮއިސް އޮފް ޗިލްރަންގެ ފައުންޑަރެއްކަމަށްވާ އިކްލީލާ ހަމީދު ބުންޏެވެ.

އިކްލީލާ ބުނީ "ވޮއިސް އޮފް ޗިލްރަން"އިން އަބަދުވެސް ރައްޔިތުންގެ ހައްޤުގައި މަސައްކަތްކުރާނެކަމަށެވެ. މިކަންކަމުގައި މުޖުތަމަޢުގެ ވިސްނުން ބަދަލުކުރުމާއި ޖެންޑަރ މިނިސްޓްރީއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭނެކަން އެޖަމްޢިއްޔާއިން ފާހަގަކުރިއެވެ.