ވިޔަފާރި

ފެމިލީ ރޫމްގެ މާލެ އައުޓްލެޓުން ޙިދުމަތް ދިނުމުގައި 3 ކަނބަލުން

ބައެއް ވަޒީފާތަކަކީ އަންހެނުންނަށް ނުވާނެ ކަންކަންކަމަށް ވަރަށް ގިނައިން އަޑުއިވެއެވެ. އަދި ބައެއް ވަޒީފާތަކަށް އަންހެނުން ނިކުތުމުން މުޖްތަމައުގެ ފާޑުކިޔުން އަމާޒުވާ ފަހަރުތައްވެސް މަދެއްނޫނެވެ. ނަމަވެސް މުޖްތަމައުގެ ގިނަ ވަޒީފާތަކުގައި މިއަދު ފިރެހެނުންނެކޭ އެއްހަމައެއްގައި އަންހެނުންވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ.

ސޯސަލް މީޑިއާއިން އަޅުގަނޑުގެ ލޮލުގައި އަޅައިގަތީ މާލޭގައި ހިންގާ ކޮފީ ޝޮޕެއްގައި ޙިދުމަތްދިނުމުގައި 3 އަންހެނުން މަސައްކަތްކުރާ ފޮޓޯގަނޑެކެވެ. އެއީ ކޮފީ ލެބުން ހިންގާ ފެމިލީ ރޫމް ކެފޭގެ މާލޭގެ އައުޓްލެޓެވެ.

މާލޭގައި ކޮފީ ޝޮޕްތައް އިތުރުވަމުން ދިއުމާއިއެކު ކޮފީ ހަދާ މީހުން، ނުވަތަ "ބަރިސްތާ" ގެ ވަޒީފާއަށް ނިކުންނަ ޒުވާނުންގެ މިންވަރުވެސް ވަނީ އިތުރުވާން ފަށާފައެވެ. ދާދިފަހަކާއި ޖެހެންދެން މިއީ އަންހެން ކުދިން ކުރަން ހަޑި މަސައްކަތެކޭ މީހުން ހީކުރިއެވެ. ނަމަވެސް މިއަދު މި ވިސްނުން ވަނީ ބަދަލުވެފައެވެ.

ފެމިލީ ރޫމް ކެފޭގެ އޯނަރު އަހުމަދު މުހައްމަދު (އަފްރާހު) ބުނީ، ފެމިލީ ރޫމްގެ މާލެ އައުޓްލެޓް ހުޅުވާފައިވަނީ މިއަހަރުގެ ކުރީކޮޅުކަމަށެވެ. އެހެންނަމަވެސް ކޯވިޑް19އާ ގުޅިގެން ކެފޭ ބަންދުކޮށްފައި ހުރުމަށްފަހު އަލުން ޙިދުމަތްދޭން ފަށާފައިވާކަމަށެވެ. ޙިދުމަތް ފަށާފައިވާއިރު އެތަނުގައި މިހާރު ޙިދުމަތް ދެމުން އަންނަނީ 3 އަންހެން ކުދިންގެ ބުރަ މަސައްކަތުންކަން އޭނާ ފާހަގަކުރިއެވެ.

"މާލެ އައުޓްލެޓް ހުޅުވިތަނާ ލޮކްޑައުންއަށް ދާންޖެހުނީ. ލޮކްޑައުން ނިމުނީމައި މާލެ އައުޓްލެޓްގެ ޙިދުމަތް ފެށީ އެ ތިން އަންހެން ކުދިން. އެކަކު ހެނދުނު ހުރެގެން އަނެއް 2 މީހުން މެންދުރުފަހު ތިބެގެން އެތަނުގެ ހުރިހައި ކަމެއްވެސް އެ ބަލަހައްޓަނީ ހަމަ އެ 3 މީހުން." އަފްރާހު ބުންޏެވެ.

އައިޝަތު ރާޔާ، އައިމިނަތު ޒުހާ އަދި ޝައުހާ ލުތުފީގެ ބެލުމުގެ ދަށުން ފެމިލީ ރޫމްގެ މާލޭގެ އައުޓްލެޓުން ކޮފީ ކޮމިއުނިޓީއަށް ކޮންމެ ދުވަހަކުވެސް އަންނަނީ އެތައް ކޮފީއެއް ތައްޔާރުކޮށްދެމުންނެވެ. ކޮފީ ތައްޔާރުކޮށްދީ ތަން ބެލެހެއްޓުމުގެ ޒިންމާވެސް މިތިން ކަނބަލުން އަންނަނީ ނަގަމުންނެވެ. ފެމިލީ ރޫމް ކެފޭއިން ބުނީ މި ތިން ކުދިންނަކީވެސް ހޮސްޕިޓަލިޓީ ދާއިރާއިން ތަޖްރިބާ ލިބިގެން މަސައްކަތްކުރާ 3 ކުދިންކަމަށެވެ.

މިއީ މުޖްތަމައުގައި އަންހެނުންގެ ބާރުވެރިކަން އިތުރުކުރުމަށް ފެމިލީ ރޫމްއިން ކުރި ރަނގަޅު މަސައްކަތެކެވެ. ފެމިލީ ރޫމްގެ މާލެ އައުޓްލެޓްއިން މިވަގުތު ޙިދުމަތް ދެމުން އަންނަނީ ހެނދުނު 9 އިން ރޭގަނޑު 10 އަކަށެވެ. މިވަގުތު ޙިދުމަތްދެނީ ހަމައެކަނީ ޓޭކްއަވޭއަށެވެ. ފެމިލީ ރޫމްގެ އިތުރުން ރާއްޖޭގެ ހިންގާ އެހެން ކޮފީ ސޮޕްތަކުގައިވެސް އަންހެންކުދިން މަސައްކަތްކުރާ މިންވަރު މިހާރު އަންނަނީ އިތުރުވަމުންނެވެ.

ކޮފީ ލެބުން ހިންގާ ފެމިލީ ރޫމްގެ ކެފޭއެއް އެންމެ ފުރަތަމަ ހުޅުވާފައިވަނީ ހުޅުމާލޭގައި 2015 ވަނަ އަހަރުގެ ތެރޭގައެވެ. ހުޅުމާލޭ އައުޓްލެޓްގައި 6 މުވައްޒަފުން ތިބިއިރު މިތަނުންވެސް 2 މުވައްޒަފުންނަކީ އަންހެނުންނެވެ.

ފެމިލީ ރޫމް ކެފޭގެ ކޮންސެޕްޓަކީ އާއިލާއާއިއެކު އައިސް ކޮފީއެއް ބޯލުމަށް ހިތްހަމަޖެހޭނެ މާހައުލެއް ޤާއިމްކޮށްދިނުމެވެ. އަދި ކަސްޓަމަރުންނާއި ރަނގަޅު ގުޅުމެއް އުފެއްދުމަށް އެ ކެފޭއިން އަންނަނީ މަސައްކަތްކުރަމުންނެވެ. މިދިޔަ އަހަރު ބޭއްވި މޯލްޑިވްސް ބިޒްނަސް އެވޯޑްސްގައި ފުޑްސް އެންޑް ރެސްޓޯރަންޓް ކެޓަގަރީން ބެސްޓް ކެފޭގެ އެވޯޑްވެސް ފެމިލީ ރޫމް ކެފޭއިން ވަނީ ހޯދާފައެވެ.

ފެމިލީ ރޫމް ކެފޭ ހިންގާ ކޮފީ ލެބް ކުންފުންޏަކީ ސްޕެޝިއަލިޓީ ކޮފީ ކެފޭތަކަށް ފޯރުކޮށްދިނުމާއި، ސްޕެޝިއަލިޓީ ކޮފީ އިކުއިޕްމަންޓް ފޯރުކޮށްދިނުމުގެ އިތުރުން މި ދާއިރާއިން މީހުން ތަމްރީންކުރާ ދިވެހި ކުންފުންޏެކެވެ. މިތަނުން ތާޒާ ކޮފީ ބީންސް ރޯސްޓްކުރުމަށްފަހު ރާއްޖޭގެ އެހެން ކެފޭތަކަށާއި ބައެއް ރިސޯޓްތަކަށްވެސް ފޯރުކޮށްދެއެވެ.

ޢަހައްމާ

މިހާރު ވެސް ކޮފީ ސޮޕާއި އަދި އެހެނިހެން ވިޔަފާރީގައި އަންހެނުންނާއި އަންހެން ކުދީން ނުލާހިކު ބުރަކޮށް މަސައްކަތް ކުރަމުން ދާކަން ޔަގީނެވެ. ވަކިބަޔަކު ވިޔަފާރި އިސްތިހާރު ކުރަން މީ މޮޅު އުކުޅެއް ނޫންތޯ ؟