ޚަބަރު

ޖިންސީ ގޯނާގެ މައްސަލައިގެ ސީންއަށްދިޔަ ފުލުހުން ކޮމިޓީއަށް ހާޒިރު ކުރަނީ


ހުޅުމާލެ ފަޅުގައި އަޅާފައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލާގައި އެސީންއަށް ދިޔަ ފުލުހުންނާއި އެވަގުތު ސްޓޭޝަން އިންޗާޖަކަށް ހުންނެވި ފުލުސް އޮފިސަރާއި މާދަމާ ބައްދަލުކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަންރައިޓް އެންޑް ޖެންޑާ ކޮމިޓިން ނިންމައިފިއެވެ.

ހުޅުމާލެ ފަޅުގައި އަޅާފައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ގަދަކަމުން ޖިންސީ ގޯނާކުރި މައްސަލާގައިި ޖެންޑާ ކޮމިޓިން މިއަދުވަނީ އެކޮމިޓީން މިމައްސަލާގައި އަމަލުކުރާނެ ގޮތްތަކެއް ކަނޑައަޅާފައެވެ. ކޮމިޓީގެ ރިޔާސަތު ބެލެހެއްޓެވި ވައިކަރަދޫ ދާއިރާ މެމްބަރު އަދި ކޮމިޓީގެ ނައިބު މުޤައްރިރު ޙުސައިން ޒިޔާދު ވިދާޅުވީ ކޮމިޓީގެ އެންމެ ބޮޑު މަސައްކަތަކީ މިމައްސަލަ ފުލުހުން ތަހުގީގް ކުރަމުންދަނީ އެއްވެސް ނުފޫޒެއްނެތި ދެފުށް ފެންނަ ގޮތެއްގައިކަން ކަށަވަރު ކުރުމެވެ.

މިއަދުގެ ކޮމިޓީގެ ބައްދަލުވުމުގައި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒޭނާ އާދަމް ވިދާޅުވީ މިކަން ހިނގާފައިވާ ގޮތް ކޮމިޓީން ބެލުމަކީ މުހިންމުކަމެއްކަމަށެވެ. އަދި ޖިންސީ އަނިޔާ ލިބުނު މީހާ އާއި، އެ އަނިޔާދިން މީހުންގެ މައްސަލަތައް ބެލުމުގައި ޝާމިލްވާ މީހުން ކޮމިޓީއަށް ހާޒިރުކޮށް ޖަވާބުދާރީ ކުރުވަން ޖެހޭކަމުގައި ރޮޒައިނާ ވިދާޅުވިއެވެ. އަދި މިކަމާއި ގުޅިގެން ކޮމިޓީގެ މުޤައްރިރު ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހުމޫދުގެ ފޮޓޯ މީޑިޔާތަކުގައި ދައުރުކޮށް ހަގީޤަތާއި ޚިލާފު ވާހަކަތައް ދައްކާ މައްސަލާގައިި މިކަންކަން މީޑިޔާތަކުގެ ބަލަދުވެރި ފަރާތްތަކަށް އެންގުމަށްވެސް ރޮޒޭނާ ވަނީ ކޮމިޓީގައި ގޮވާލާފައެވެ.

މިއަދުގެ ބައްދަލުވުމުގައި ވަނީ މިމައްސަލަ އާއި ގުޅިގެން ކޮމިޓީން ބައްދަލުކުރާނެ ފަރާތްތައް ކަނޑައަޅާފައެވެ. މި ހާދިސާގެ ސީންއަށް ދިޔަ ފުލުހުންނާއި، އަދި އެވަގުތު ހުޅުމާލޭ ޕޮލިސް ސްޓޭޝަންގެ އިންޗާޖަކަށް ހުންނެވި އޮފިސަރާއި އާއި މާދަމާ ކޮމިޓީން ބައްދަލުކުރުމަށް ވަނީ ނިންމާފައެވެ. އަދި މިމައްސަލާގައި ޖިންސީ އަނިޔާ ލިބުނު އަންހެންމީހާއަށް އޭނާއަށް ފަސޭހަ ވަގުތެއްގައި ކޮމެޓީއަށް މައުލޫމާތު ހިއްސާކުރުމަށް ފުރުޞަތު ދިނުމަށް ވެސް ވަނީ ނިންމާފައެވެ.

މިއަދުގެ ބައްލުވުމުގައި ވަނީ މިމައްސަލާގައި ޖިންސީ އަނިޔާ ލިބުނު މީހާއަށް ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް ޖެންޑާމިނިސްޓްރީއަށް އެންގުމަށްވެސް ނިންމާފައެވެ. އަދި މިކަމުގައި ފުލުހުން އަމަލުކޮށްފައިވާގޮތް ބެއްލެވުމަށް ޕްރޮސެކިއުޓަރ ޖެނެރަލްއަށް ލިޔުމަކުން އެންގުމަށްވެސް މިއަދުގެ ބައްދަލުވުމުގައި ވަނީ ފާސްކޮށްފައެވެ.

ހުޅުމާލެ ފަޅުގައި އަޅާފައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ގަދަކަމުން ޖިންސީ ގޯނާކުރިކަމަށް ހުށަހެޅި މައްސަލަ، އެއްވެސް ނުފޫޒެއް ނެތި ފުރިހަމަ ތަހުގީގެއް ހިންގައި އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅާނެކަމުގެ ޔަގީންކަން ފުލުހުން ވަނީ ދެއްވާފައެވެ.