ޚަބަރު

ތެލުގެ ވަގުވިޔަފާރީގެ ރިޕޯޓް މަޖިލީހަށް ފޮނުވަން އޭސީސީއަށް އެންގުމަށް ކޮމިޓީން ފާސްކޮށްފި


އެސްޓީއޯ މެދުވެރިކޮށް ހިންގާފައިވާ 800 މިލިއަން ޑޮލަރުގެ ތެލުގެ ވަގު ވިޔަފާރީގެ މައްސަލައިގައި އިގިރޭސިވިލާތުގެ ގްރާންޓް ތޯޓަންއާއި ހަވާލުކޮށްގެން އެކުލަވާލި ރިޕޯޓުގެ ލިޔުންތައް ރައްޔިތުންގެ މަޖިލީހާއި ހިއްސާކުރުމަށް އޭސީސީއަށް އެންގުމަށް ޖުޑިޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީޙުގެ ޖުޑީޝަރީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ވަނީ މިމައްސަލާގައި އޭސީސީގައި ހުރި ލިޔުންތައް ރައްޔިތުންގެ މަޖިލީހާއި ހިއްސާކުރުމަށް ފާސްކޮށްފައެވެ. ކޮމިޓީގައި ވާހަކަ ދެއްކެވި މެމްބަރުން ވިދާޅުވީ މިމައްސަލާގައި ކަންހިނގާފައިވާ ގޮތް ބަލައި ރިޕޯޓްގައި އޮތް އެއްޗެއް ރައްޔިތުންގެ މަޖިލީހުގެ ކަމާިއ ގުޅުންހުރި ކޮމިޓީތަކަށް އެގެންޖެހޭކަމަށެވެ. އަދި ރައްޔިތުންގެ މާލިއްޔާއިން މިހާބޮޑު އަދަދެއްގެ ފައިސާ ވަގަށް ނަގާފައިވާ މައްސަލަ ސާފުވާންޖެހޭކަމަށެވެ.

އޭސީސީންވަނީ މި ރިޕޯޓާއި ގުޅުންހުރި ލިޔުންތައް އެކޮމިޝަންގައި ހުރިކަމަށް ވިދާޅުވެފައެވެ. އޭސީސީން ވިދާޅުވީ އެސްޓީއޯ މޯލްޑިވްސް ސިންގަޕޫރު ލިމިޓެޑުން ތެލުގެ ވަގު ވިޔަފާރިއެއް ހިންގިކަމަށް ބުނާ މައްސަލަ ތަޙުޤީޤުކުރުމަށް ޙަވާލުކުރި ގްރާންޓް ތޯންޓަން އިން ކުރި މަސައްކަތުގައި ބޭނުންކުރި ލިޔުންތައް 2013 ވަނަ އަހަރުގެ ތެރޭގައި އެޓަރނީ ޖެނެރަލްގެ އޮފީހުން އެކޮމިޝަނާއި ޙަވާލުކޮށްފައިވާކަމަށެވެ.

އޭސީސީން މި މައްސަލަ އަލުން ރިވިއު ކުރުމަށް ނިންމާފައި ވަނީ 2008 ވަނަ އަހަރު މި މައްސަލަ އާއި ގުޅިގެން އިތުރަށް ބަލަންޖެހޭ ކަމެއް އޮތްތޯ ނުވަތަ ނެތްތޯ ބެލުމެއްނެތި އެ މައްސަލަ އިތުރަށް ކުރިއަށް ނުގެންދަން އޭސީސީން ނިންމާފައި ވާތީ، މި މައްސަލައަކީ ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކުރެވޭ މައްސަލައަކަށް ވުމާއެކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި އާންމުން މިކަމާމެދު ސުވާލު އުފައްދަމުން ދާތީ ކަމަށެވެ.

މި މައްސަލައަކީ، 11 މޭ 2011 ވަނަ ދުވަހު އެ ކޮމިޝަނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން ތަޙުޤީޤުކުރަން ފެށި މައްސަލައަކަށްވާއިރު، އެ މައްސަލައިގެ ތަޙުޤީޤު އިތުރަށް ކުރިއަށްގެންދެވޭވަރަށް މަޢުލޫމާތެއް ނެތްކަމަށް 2018 މޭ 8 ގައި ކަނޑައަޅައި، މައްސަލަ ފައިލްކުރުމަށް އޮތީ ނިންމާފއެވެ. ނަމަވެސް، މި މައްސަލަ ކޮމިޝަނުގެ ފަރާތުން ރިވިއުކުރަން ނިންމާފައިވާކަން އޭސީސީން ވަނީ ހާމަކުރައްވާފައެވެ.

މިމައްސަލަ އަކީ އެސްޓީއޯގެ 100 ޕަސެންޓު މިލްކުވެރި ކުންފުންޏެއްގެ ގޮތުގައި 1997 ގައި އުފެއްދި އެސްޓީއޯ މޯލްޑިވްސް ސިންގަޕޯ ޕްރައިވެޓް ލިމިޓެޑުން ރާއްޖެއިން ބޭރުގައި ހިންގިކަމަށް ބުނާ 800 މިލިޔަން ޑޮލަރުގެ ތެލުގެ ވަގު ވިޔަފާރީގެ މައްސަލައެވެ. އެޚިޔާނާތުގެ ތެރެއިން ގެއްލިފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދުމަށް ބޭރުގެ އެކައުންޓިން ފާމަކަށް ހަވާލުކުރީ ރައީސް ނަޝީދު ވެރިކަމުގައި 2010 ވަނަ އަހަރުގެ ޖޫން މަހުގެ 8 ވަނަ ދުވަހުއެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމްގެ ވެރިކަމުގައި އެސްޓީއޯ ތެެރެއިން ހިންގިކަމަށް ތުހުމަތުކުރެވޭ ތެލުގެ ވަގު ވިޔަފާރީގެ ރިޕޯޓް ހޯދުމަށް އެ މައްސަލަ މަޖިލީހަށް ހުށައެޅުއްވީ މާފަންނު ހުނޅަގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހެވެ. މިރިޕޯޓަށް ބަހުސްކޮށް މިމައްސަލަ ބަލައި ގަތުމަށް ވަނީ ވޯޓަށް އަހާފައެވެ. މި މައްސަލަ ބަލައިގަތުމަށް ފާސްވީ 67 މެމްބަރުންގެ ވޯޓާއިއެކުގައެވެ. މިމައްސަލަ ދިރާސާކުރެއްވުމަށް ފޮނުވާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށެވެ.

އެސްޓީއޯއިން ހިންގާފައިވާ 800 މިލިޔަން ޑޮލަރުގެ ވަގު ވިޔަފާރީގެ މައްސަލައިގެ ތުހުމަތުގައި އޭރުގެ އެސްޓީއޯ ހިންގުމާއި ހަވާލުވެ ހުންނެވި ރައީސް އަބްދުﷲ ޔާމީނުގެ މައްސަލަތަކެއް ރައްޔިތުންގެ މަޖިލީހުންވެސް ވަނީ ބަލާފައެވެ. ނަމަވެސް މި ރިޕޯޓް އެކުލަވާލަމުން ދިއުމާއި އަދި އިތުރަށް ތަހުގީގް ކުރަންޖެހޭ ކަންކަން ހުރުމުން އޭރު ވަނީ މައްސަލަ މަޑުޖެހިފައެވެ.