ޚަބަރު

އާމިރާ ފިޔަވައި ސީއެސްސީގެ އެހެން މެމްބަރުން ވަކިކުރުމަށް ނިންމައިފި


ސިވިލް ސަރވިސް ކޮމިޝަނުގެ މެމްބަރުކަމުން ފާޠިމަތު އާމިރާ ފިޔަވައި ދެންތިއްބެވި 4 މެމްބަރުން ކޮމިޓީން ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމިޓީން ފާސްކޮށްފިއެވެ.

މިނިވަން މުވައްސާތަކާއި ބެހޭ ކޮމިޓީގައި މިއަދު ބޭއްވި ބައްދަލުވުމުގައި ކޮމިޓީން ވަނީ ސިވިލްސާވިސް ކޮމިޝަންގެ 5 މެމްބަރުންނާއި ގުޅޭގޮތުންވެސް ކޮމިޓީން ބަލަންޖެހޭ ބެލުންތައް ބަލައި ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކާއިމެދު ފިޔަވަޅު އެޅުމަށް ނިންމާފައެވެ. މިއަދުގެ ކޮމިޓީގެ ރިޔާސަތު ބަލަހައްޓަވާފައި ވަނީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަސީމެވެ.

އާމިރާ ފިޔަވައި ދެންތިއްބެވި 4 މެމްބަރުން ކޮމިޓީން ވަކި ކުރުމަށް މީގެކުރިންވެސް ވަނީ ކޮމިޓީން ނިންމާފައެވެ. އާމިރާގެ މައްސަލާގައި ކޮމިޓީން ވަނީ ލިޔުމުން ޖަވާބުދާރީވުމަސް 5 ދުވަހުގެ މުއްދަތެއް ދެއްވާފައެވެ. އާމިރާ ފިޔަވައި ކޮމިޝަނުގައި ހިމެނި ވަޑައިގަންނަވާ އެހެން މެމްބަރުން ވަކިކުރުމަށް ނިންމައި އެކަން ކުރިއަށް ގެންދިއުމަށް އެމެމްބަރުން ލިޔުމުން ޖަވާބުދާރީވުމަށް އަންގަވާފަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހުގައެވެ.

ކޮމިޓީންވަނީ އާމިރައަށް ތުހުމަތުކުރެވުނު ކަންތައްތަކާއި ގުޅިގެން މައްސަލަތައް ސާފުކޮށް އާމިރާ ވަކިކުރަންޖެހޭ ސަބައެއް ނެތްކަމަށް ނިންމާފައެވެ. އާމިރާ ވަކިކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް ފާސްކުރުމަށް ހުށަހެޅުއްވީ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމްއެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމެވެ. މިމައްސަލާގައި ނެގުނު ވޯޓުގައި އަމިރާ ކޮމިޝަނުން ވަކިކުރުމަށް ނުފެންނަކަމަށް ކޮމިޓީގެ 5 މެމްބަރުންވަނީ ވޯޓު ދެއްވާފައެވެ.

ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ޑރ.ޢަލީ ޝަމީމާއި، ނާއިބު ރައީސް ޝަހީދު މުޙައްމަދާއި މެމްބަރު ޒަކަރިއްޔާ ޙުސައިނާއި މެމްބަރު އިބްރާހީމް ޝަހީޤާ ގުޅޭގޮތުން މިނިވަން މުވައްސަސާތަކާއިބެހޭ ކޮމިޓީން ބަލާފައި ވަނީ މައިގަނޑު 5 މައްސަލައެކެވެ. އޭގެ ތެރޭގައި ހިމެނެނީ ސިވިލް ސަރވިސް މުވައްޒަފުން ވަޒީފާއިން ވަކިކުރުމުގައި ގެންގުޅެފައިވާ ނާއިންސާފު ގޮތްތަކުގެ މައްސަލަތަކާއި، އޮފީސްތަކުގެ ބައެއް ޕާމަނަންޓް ސެކްރެޓެރީން އައްޔަންކުރުމުގައި ނުފޫޒުގެ ބޭނުންކުރުމާއި، ކޮމިޝަނުގެ ބައެއް މަޤާމުތަކަށް މުވައްޒަފުން ނެގުމުގައި އަމަލުކޮށްފައިވާ ގޮތާއި، ކޮމިޝަންގެ މެމްބަރުންގެ މެދުގައި ހުރި މައްސަަލަތަކެވެ.