ވިޔަފާރި

އެމިރޭޓްސްގެ ދަތުރުތައް ޖުލައި 16ގައި ރާއްޖެއަށް ފަށަނީ


އެމިރޭޓްސް އެއަރލައިންގެ ދަތުރުތައް އަންނަމަހުގެ 16 ވަނަ ދުވަހު ރާއްޖެއަށް ފެށުމަށް ނިންމައިފިއެވެ.

އެމިރޭޓްސްއިން ރާއްޖެއަށް ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ ދުބާއީ އާއި ރާއްޖެއާއި ދެމެދުއެވެ. އެގޮތުން ކޮންމެ ހަފްތާއެއްގެ ބުރާސްފަތި، ހުކުރު، ހޮނިހިރު، އާދިއްތަ އަދި ހޯމަ ދުވަހު ރާއްޖެއަށް ދަތުރުތައް ބޭއްވުމަށް އެމިރޭޓްސްއިންވަނީ ނިންމާފައެވެ.

ދުނިޔޭގައި ހަލުވިކަމާއިއެކު ފެތުރެމުންދާ ކޯވިޑް-19 ވައިރަހުން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން އެމިރޭޓްސްއިން ފަސިންޖަރުން އަރުވައިގެން ކުރާ ދަތުރުތައް ވަގުތީގޮތުން ހުއްޓާލިނަމަވެސް މިހާރު އެއަރލައިނުން ވަނީ ބައިނަލްއަޤްވާމީ ގިނަ މަންޒިލްތަކަށް އަލުން ދަތުރުތައް ފަށާފައެވެ. އެގޮތުން އަންނަ މަސްތެރޭ ދަތުރުތައް އަލުން ފެށުމަށް ހަމަޖެހިފައިވާ މަންޒިލްތަކުގެ ތެރޭގައި ރާއްޖޭގެ އިތުރުން، ކައިރޯ، ޓިއުނިސް، ގްލަސްގޯ ހިމެނެއެވެ.

މި މަންޒިލްތަކަށް އަލުން ދަތުރުތައް ފެށުމުން އެއަރލައިނުން ދަތުރުތައް ކުރާ މަންޒިލްތަކުގެ އަދަދު 52އަށް އަރާނެއެވެ.

އަންނަމަހުގެ 7ވަނަ ދުވަހު ފަތުރުވެރިންނަށް ދުބާއީވެސް ހުޅުވާލުމަށްވަނީ ހަމަޖެހިފައެވެ. އެހެންކަމުން އެއަރލައިން ދަތުރުތައް ބާއްވާ މަންޒިލްތަކުން ދުބާއީއަށް ދާން ބޭނުންވާ ފަރާތްތަތަކަށް އެފުރުސަތު ފަހިވެގެންދާނެއެވެ.

ދިވެހި ސަރުކާރުންދަނީ އަންނަމަހުގެ 15ވަނަ ދުވަހު ފަތުރުވެރިންނަށް ރާއްޖެ ހުޅުވާލުމަށް މަސައްކަތްކުރަމުންނެވެ. އަދި ރާއްޖެއަށް އަންނަ އެއަރލައިންތަކަށް ލުއިތަކެއް ދިނުމަށްވެސް ސަރުކާރުންވަނީ ނިންމާފައެވެ.

ބޯޑަރު ހުޅުވާލާ ހިސާބުން ފެށިގެން އޯގަސްޓުގެ ނިޔަލަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް އަންނަ ޝެޑިއުލް ފްލައިޓްތަކަށް ބައެއް ހިދުމަތްތައް ހިލޭ ދިނުމަށްވަނީ ނިންމާފައެވެ. އެގޮތުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖައްސާ ބައިނަލްއަޤްވާމީ ފްލައިޓްތަކަށް ދެވޭ އެކި ހިދުމަތްތަކުން ނަގާ ފީތަކަށް ވަކި މުއްދަތަކަށް އެކީގައި ކަނޑާލައި، ބޮޑެތި ޑިސްކައުންޓް ދިނުން ހިމެނެއެވެ.

ރާއްޖޭގެ ބޯޑަރު ޖުލައި 15 ގައި އަލުން ހުޅުވުމަށް ތައްޔާރުވަމުންދާއިރު މިހާރުވެސް އޮޕަރޭޝަންތައް ފެށުމަށް 11 ބައިނަލްއަޤްވާމީ އެއަރލައިނަކުން އެދިފައިވާކަމަށް ސަރުކާރުން މީގެކުރިން މައުލޫމާތުދީފައިވެއެވެ.