ވިޔަފާރި

މާވަރުލު އެއަރޕޯޓަށް ބުދަދުވަހު ދަތުރުތައް ފަށަނީ، އެއްކޮޅު ޓިކެޓް 827 ރުފިޔާ


މާވަރުލު އެއަރޕޯޓަށް ބުދަދުވަހު ދަތުރުތައް ފަށާއިރު އެއްކޮޅު ޓިކެޓްގެ އަގަކީ 827 ރުފިޔާކަމަށް މޯލްޑިވިއަނުން ބުނެފިއެވެ.

މާވަރުލު އެއަރޕޯޓަށް ބުދަ ދުވަހު ޝެޑިއުލް ދަތުރުތަށް ފަށުމަށް މިހާރު ވަނީ ތައްޔާރުވެފައެވެ. މޯލްޑިވިއަނުން ބުނީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން މާވަރުލު އެއަރޕޯޓަށް ދިއުމަށް އެއްކޮޅު ޓިކެޓްގެ އަގު އުޅެނީ 827 ރުފިޔާގައިކަމަށެވެ. މޯލްޑިވިއަންއަށް ގުޅައިގެން ބުކިން ހެދުމުގެ ފުރުސަތުވެސް އެ ކުންފުނިން މިހާރު ވަނީ ހުޅުވާލާފައެވެ.

މި އެއަރޕޯޓްގެ މަސައްކަތް ނިންމައި ޓެސްޓް ފްލައިޓް ބާއްވާފައި ވަނީ މިއަހަރުގެ މާރިޗުމަހުގެ 11 ވަނަ ދުވަހުއެވެ. ނަމަވެސް ކޯވިޑާއި ގުޅިގެން އެއަރލައިންތަކުގެ ދަތުރުތައް ހުއްޓާލާފައި ވާތީ، މިހާތަނަށް ވަނީ އެއާޕޯޓްގެ ޝެޑިއުލް ދަތުރުތައް ނުފަށައެވެ.

މާވަރުލު އެއަރޕޯޓް ތަރައްޤީކޮށްފައި ވަނީ 1200 މީޓަރު ދިގު ރަންވޭއެކެވެ. ޓެކްސީވޭ އަދި ފްލަޓް ޕަރކިންގ އޭރިއާ އާއި ޓާމިނަލް ހެދުމުގެ ޢަމަލީ މަސައްކަތް ކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އެމްޓީސީސީ އާއި ހަވާލުކޮށް 57 މިލިއަން ރުފިޔާއަށެވެ.

މާވަރުލު އެއަރޕޯޓް ހިންގާނީ ރީޖަނަލް އެއަރޕޯޓްސްގެ ބެލުމުގެ ދަށުންނެވެ. ރީޖަނަލް އެއަރޕޯޓްސްއިން ވިދާޅުވީ، ޖުލައިމަހު ދަތުރުތައް ފަށާނީ މޯލްޑިވިއަންގެ ދަތުރުތަކުން ކަމަށެވެ. ނަމަވެސް އެހެން އެއަރލައިންތަކުންވެސް މާވާރުލަށް ދަތުރުކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.