ޚަބަރު

ރޭޕްކުރުން ބޮޑުކުށެއްގެ ގޮތުގައި ކަނޑައަޅައި މަޖިލީހުން ބިލު ފާސްކޮށްފި


ޖިނާއީ ބޮޑު ކުށެއްގެ ގޮތުގައި 11 ކުށެއް ކަނޑައަޅައި، ޝަރީޢަތް ނިމެންދެން މީހަކު ބަންދުގައި ބަހައްޓަން ފަނޑިޔާރު ނިންމައިފިނަމަ، އެ ނިންމުން، ކޮންމެ 30 ދުވަހަކުން މުރާޖަޢާކުރަންޖެހޭ ގޮތަށް ޖިނާއީ އިޖުރާތު ޤާނޫނަށް ހުށައެޅި އިސްލާހުތަކާއިއެކު މަޖިލީހުން ބިލު ފާސްކޮށްފިއެވެ.

ޖިނާއީ އިޖުރާތު ޤާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން ފޮނުވި ބިލު މަޖިލީހަށް ހުށަހަޅައި ދެއްވީ މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރެވެ. ބިލުގައި ޖިނާއީ ބޮޑުކުށެއްގެ ގޮތުގައި 11 ކުށެއް ކަނޑައެޅުމަށް ވަނީ ހުށަހަޅާފައެވެ. ބިލުކޮމިޓީން ފާސްކޮށްފައިވަނީ މިމަހުގެ 9 ވަނަ ދުވަހުގައެވެ. މިބިލު މަޖިލީހުން ފާސްކުރުމާއިމެދު މިއަދު ނެގުނު ވޯޓްގައި ބިލު މަޖިލީހުން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 58 ވޯޓުންނެވެ.

ކޮމިޓީ ރިޕޯޓް މަޖިލީހަށް ހުށަހަޅައި ދެއްވަމުން ކޮމިޓީގެ މުޤައްރިރު މާފަންނު އުތުރުދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވީ މިބިލް ސަރުކާރުން ހުށަހެޅީ ކޯވިޑް19 އާއި ގުޅިގެން ޖިނާއީ މައްސަލަތައް ބެލުމުގައި ދިމާވާ ދަތިތައް ހައްލުކުރުމަށްކަމަށެވެ. ނަމަވެސް އާންމު ހާލަތުގައިވެ މައްސަލަތައް ބެލުމުގައި ދިމާވާ ދަތިތައް ހައްލުކުމަށް ކޮމިޓީގެ މެމްބަރުންނަށް ފެނިވަޑައިގަތުމުން އެކަންކަމަށްވެސް ބަލައި ގިނަ އިސްލާހުތަކެއް ގެނެވިފައިވާނެކަމަށް އިމްތިޔާޒް ވިދާޅުވިއެވެ.

  • ޖިނާއީ ބޮޑެތިކުށްތައް:
  • - މީހުން މެރުމުގެ ކުށް
  • - ރޭޕް ކުރުމުގެ ކުށް
  • - ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ކުށް
  • - ޓެރަރިޒަމްގެ ކުށް
  • - މަނީ ލޯންޑަރިންގ އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުމުގެ ކުށް
  • - ޓްރެފިކް ކުރުމުގެ ކުށް
  • - މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ކުށް
  • - އެއްލައްަކައަށްވުރެ މަތީ ފައިސާގެ އަދަދު ހިމެނޭކުށް
  • - ޓެކްސް ދެއްކުމުން އެއްކިބާވުމުގެ ކުށް
  • - ރިޝްވަތުގެ ކުށް
  • - ކޮރަޕްޝަންގެ ކުށް

ޖިނާއީ އިޖުރާތުގެ ޤާނޫނަށް ކޮމިޓީން ގެނެސްފައިވާ އިސްލާހުތަކުގެ ތެރޭގައި ސަލާމަތީ ބާރުތަކަށްވެސް ބޮޑެތި އިޚްތިޔާރުތަކާއި ބާރުތައް ދިނުމަށް ވަނީ ކަނޑައަޅާފައެވެ. އެގޮތުން ޤާނޫނު ތަންފީޛުކުރާ އިދާރާއަކުން ތަޙްޤީޤުކުރަމުންދާ ޖިނާއީ ކުށަކާއި ގުޅިގެން ޢާންމު ތަނަކަށް ވަންނަންޖެހިއްޖެނަމަ، ކޯޓު އަމުރަކާއި ނުލައި، އެ ތަނަކަށް ވަނުމުގެ ބާރު، ޤާނޫނު ތަންފީޛުކުރާ ކޮންމެ އިދާރާއަކަށް ލިބިގެންވާކަމަށް ހިމަނާފައިވެއެވެ.

ކޮމިޓީން ގެނެސްފައިވާ އިސްލާހުތަކުގެ ތެރޭގައި ޝަރީއަތެއްނެތި ބަންދުގައި ބައިތިއްބާފައިވާ މީހުންގެ މައްސަލަތަކުގައި އަމަލުކުރާނެ އުސޫލުތަކެއް ބަޔާންކޮށްފައިވާ އިސްލާޙެވެ. ޤާނޫނަށް މިހާރު ގެންނަ އިސްލާހާއިއެކު ޝަރީޢަތް ނިމެންދެން މީހަކު ބަންދުގައި ބަހައްޓަން ފަނޑިޔާރު ނިންމައިފިނަމަ، އެ ނިންމުން، ކޮންމެ 30 ދުވަހަކުން މުރާޖަޢާކުރަން ޖެހެއެވެ. އަދި، އޭނާ އިތުރަށް ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް އޮތްތޯ ބެލުމަށްޓަކައި، އޭނާ ހައްޔަރުކޮށްފައިވާ ފަރާތުން، އޭނާ ކޯޓަށް ހާޒިރުކުރަންވާނެކަމަށް މިއިސްލާހުގައި ވެއެވެ.

ޤާނޫނަށް ގެެނެސްފައިވާ އިސްލާހުތަކުގެ ތެރޭގައި ބަންދުގައި ބަހައްޓައިގެން ފުލުހުން މީހަކާއި ސުވާލުކުރާ ޙާލަތުގައި، އޭނާ އާއި ސުވާލުކުރަން ފެށުމުގެކުރިން، އޭނާގެ ޤާނޫނީ ވަކީލަށް ނުވަތަ އޭނާގެ ތިމާގެ މީހަކަށް ނުވަތަ އޭނާގެ މަޞްލަޙަތު ޙިމާޔަތްކޮށްދެވޭނެ އެހެން މީހަކަށް ފޯނުކުރުމުގެ ފުރުޞަތުދީ، އޭނާ ހުރިތަނެއް ބަޔާންކުރުމުގެ ފުރުޞަތު ދިނުމަށްވެސް ބިލުގައި ހިމަނާފައެވެ.

ޖިނާއީ އިޖުރާތުގެ ޤާނޫނަށް ބޮޑެތި އިސްލާހުތައް ގެނެސްފައިވާއިރު، ޖަލުތަކުގެ ޙާލަތު ރަނގަޅުކުރުމާއި، ޝަރީއަތަކައި ނުލައި ޖަލުގައިތިބި ފަރާތްތަކުގެ މައްސަލަތަކައިމެދު އަމަލުކުރާނެ ގޮތްތަކެއް ކަނޑައަޅައި އެކަންކަން ތަންފީޒުކުރުމުގެ މަސައްކަތް ޕީޖީ އޮފީހުންދަނީ ކުރަމުންނެވެ. އަދި މިމަސައްކަތުގައި ކޯޓްތަކުގައި ހުރި މައްސަލަތައް އަވަސްކޮށް ނިންމުމަށްވެސް ޕީޖީ އޮފީހުން ވަނީ އިރުޝާދު ދެއްވާފައެވެ.

ޖިނާހް

ޒިނޭކުރުމާއި އެއްޖިންސުން ގުޅުން ހިންގުމާއި ބަނގުރާ ބުިމާއި އިސްލާމް ދީނައް ފުރައްސާރަ ކުރުމާއި ކީރިތި ގުރުއާން ގެ އާހަތްތައް ދޮގު ކުރުމަކީ އެއްވެސް ވޮތަކުން ކުށަކައް އަކށް އިސްލާހު ކުރެވޭ ޖިނާއީ އިޖްރާތުގައި ހިނަން ޖެހޭނެ އެވެ.