ކުޅިވަރު

އެސްޕަންޔޯލް ބަލިކޮށް ރެއާލް އެއްވަނަ އަށް

އެސްޕަންޔޯލް 1-0 އިން ބަލިކޮށް ސްޕެނިޝް ލީގުގެ އެއްވަނައަށް ރެއާލް މެޑްރިޑް ޖެހިލައިފިއެވެ.

ކޮންމެ ޓީމަކަށް ލީގުގައި ބާކީ 6 މެޗު އޮތްއިރު ރެއާލް އެއްވަނާގައިވަނީ ދެވަނާގައިވާ އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ އަށްވުރެ ދެ ޕޮއިންޓް ކުރީގައި އޮވެގެންނެވެ. ރެއާލް އަށް 71 ޕޮއިންޓް ލިބިފައިވާއިރު ބާސެލޯނާ އަށް ލިބިފައިވަނީ 69 ޕޮއިންޓެވެ.

ރޭގެ މެޗުގައި ރެއާލްގެ ހަމައެކަނި ލަނޑު ޖެހީ 46 ވަނަ މިނިޓްގައި ބްރެޒިލްގެ މިޑްފީލްޑަރު ކަސެމީރޯއެވެ.

އެސްޕަންޔޯލް އަށްވުރެ ހުރިހާ ގޮތަކުން ވެސް މޮޅަށް ކުޅުނު ރެއާލްގެ ކޯޗު ޒައިނުއްދީން ޒިދާން ބުނީ ޓޭބަލުގެ އެއްވަނަ ލިބުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށާއި ނަމަވެސް އުނދަގޫވާނީ އެއްވަނަ މަގާމު ދަމަހައްޓަން ކަމަށެވެ. ހާއްސަކޮށް ސީޒަނުގެ ފަހުކޮޅު ކުޅެންޖެހޭ މެޗުތައް ވަރުގަދަވާނެ ކަމަށާއި މިހެންވެ އެއްވަނަ މަގާމު ދެމެހެއްޓޭނީ ވަރަށް ގިނަ ކަންކަން ރަނގަޅުކޮށްގެން ކަމަށެވެ.

ޒިދާން ބުނީ ވާދަވެރި ބާސެލޯނާ އޮތީ ވަރަށް ގާތުގައި ކަމަށާއި އޭނާގެ ޓީމު ހަދާ އެންމެ ގޯހަކުން ވެސް ލީގު ގެއްލިދާނެ ކަމަށެވެ. މިހެންވެ ކުރިއަށްހުރި ކޮންމެ މެޗަކަށް ވެސް ރެއާލް ނުކުންނާނީ ފައިނަލެއްގެ ގޮތުގައި ކަމަށެވެ.