ޚަބަރު

ޞިއްޙަތަށް ގެއްލުން ލިބޭ ބާވަތްތަކުގެ ޑިއުޓީ ބޮޑުކުރުމަށް ޤާނޫނަށް އިސްލާހު ހުށަހަޅައިފި


ދިވެހިރާއްޖެއަށް އެތެރެކުރާ މުދަލުގެ ތެރެއިން ޞިއްޙަތަށް ގެއްލުން ލިބޭ ބާވަތުގެ ތަކެތިން ނަގާ ޑިއުޓީ ބޮޑުކޮށް އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހަށް ހުށަހަޅައިފިއެވެ.

މިބިލް މަޖިލީހަށް ހުށަހަޅައި ދެއްވީ ރައްޔިތުންގެ މަޖިލީހުގެ ގަމުދާއިރާގެ މެންބަރު މުޙައްމަދު ވިސާމްއެވެ. މިއީ އެކި ސިނާޢަތްތަށް ފަށައި، ތަރައްޤީކުރުމަށް ބޭނުންވާ ތަކެއްޗާއި، ޢާންމު ދިރިއުޅުމުގައި ބޭނުންކުރާ ބައެއް ތަކެތިން ނަގާ ޑިއުޓީ ކުޑަ ކުރުން ނުވަތަ ޑިއުޓީ ކަނޑާލުމަށް އިސްކަން ދީގެން އެކުލަވާލާފައިވާ ބިލެއްކަމަށް ބިލް މަޖިލީހަށް ހުށަހަޅުއްވަމުން މެމްބަރު ވިސާމް ވިދާޅުވިއެވެ. ބިލުގެ ސަބަބުން ރާއްޖޭގައި އޮޑިދޯނި ފަހަރުގެ މަސައްކަތް ކުރައްވާ ފަރާތްތަކަށާއި، އާންމު އެކި މަސައްކަތް ކުރައްވާ ބޭފުޅުންނަށް މަސައްކަތަށް ބޭނުންވާ ތަކެތި ގެނަމުގައި ބޮޑެތި ލުއިތަކެއް ދެވިގެންދާނެކަމަށެވެ.

މީގެ އިތުރުން ރާޢްޖޭގައި އިޤްތިޞާދީ ޙަރަކާތްތައް އިތުރުކުރުމަށްޓަކައި، މަސްވެރިކަމަށް ބޭނުންކުރާ އޮޑި ދޯނި ފަހަރާއި ބޯޓު ބަނުމާއި ޢިމާރާތްކުރުމަށް އަދި އަންނައުނު އުފެއްދުމަށް ބޭނުންކުރާ ގިނަ ތަކެތިން ޑިއުޓީ ކަނޑާލުމަށްވެސް ހުށަހަޅާފައި ވެއެވެ.

މިބިލްހުށަހެޅި މަޤްޞަދުތަކުގެ ތޭރޭގައި އުފެއްދުންތެރިކަން އިތުރުކުރުމުގެ ގޮތުން، ދިވެހިރާއްޖެއަށް އެތެރެކުރެވޭ ބައެއް ބާވަތުގެ މުދަލުން އިމްޕޯޓް ޑިއުޓީ ނެގުން ކުޑަކުރުން ނުވަތަ ހުއްޓާލުމާއި، ޞިއްޙަތަށް ގެއްލުން ލިބޭ ބާވަތުގެ ތަކެތި ބޭނުންކުރުމުން ދުރުހެލިވުމަށް ބާރުއެޅުމަށްޓަކައި އެފަދަ މުދަލުގެ އިމްޕޯޓް ޑިއުޓީ ބޮޑުކުރުމެވެ.

މީގެ އިތުރުން އެއްގަމު އުޅަދުފަހަރު ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ރަށްތަކެއްގައި ބޭނުންކުރާ ޙާލަތުގައި އެ އުޅަނދުފަހަރަށް ކަނޑައަޅާފައިވާ އިމްޕޯޓް ޑިއުޓީ މަޢާފުކުރެވޭ ގޮތަށް ހަމަޖެއްސުމާއި އިމްޕޯޓް ޑިއުޓީ ދެއްކުމަކާ ނުލައި ވަގުތީ ގޮތުން އެތެރެކުރުމުގެ ހުއްދަ ދެމުން އައި އުޅަނދު ފަހަރު އެތެރެކުރުން ހުއްޓާލައި، ވަކި ތާރީޚެއްގެ ފަހުން އެފަދަ އުޅަނދުތަކުން އިމްޕޯޓް ޑިއުޓީ ދައްކަންޖެހޭ ގޮތަށް ކަނޑައެޅުމަށްވެސް ޤާނޫނަށް ވަނީ އިސްލާހު ހުށަހަޅާފައެވެ.

ޑިއުޓީ ބޮޑުކޮށްފައިވާ ތަކެތީގެ ތެރޭގައި:

- ދުންފަތް އެކުލެވޭ ބާވަތްތަކުން %200
- ދުންފަތާއި ދުންފަތުން ތައްޔާރުކޮށްފައި ހުންނަ ބާވަތްތަކާއި، ދުންފަތުގެ ބަދަލުގައި ބޭނުންކުރާ ބާވަތްތައް %200
- އީސިގިރޭޓް އަދި ދުނަފަތުގެ އިސްތިއުމަލު ކުރުމަށްބޭނުންކުރާ އާލާތްތައް އަޅާ ފްލޭވަރ ތެލާއި ކެމިކަލްސް %200
- ސިގިރޭޓާއި ބިޑި ހެދުމަށް ބޭނުންކުރާ ކަރުދާސް %200
- ހައިޑްރޯކްލޯފްލޯރޯފްލޯރޯކާބަންސް އެކުލެވޭތަކެތިން %100
- ބަޔޯޑިގްރޭޑަބަލް ނޫން ޕްލާސްޓިކް ކޮތަޅާއި، ޕްލާސްޓިކް ގޯނިން %400
- ޑްރިންކިންގ ސްޓްރޯއިން %400
- ސިންގަލް ޔޫސް ނުވަތަ ޑިސްޕޯސަބަލް ފިލްމާއި، ޝީޓާއި، ޓިއުބުރޯލް އަދި ޕްލޭޓްސްއާއި، ކަލްޓަރީސް ފަދަ ތަކެތިން %200
- ފަސިންޖަރުން އުފުލުމަށް ޚާއްސަކޮށް ހަދާފައި ހުންނަ އެއްގައުމުގައި ދުއްވާ އެއްޗެހީގެ ތެރެއިން ބޭނުންކޮށްފައި ހުންނަ، ކާރު، ޖީޕް، ވޭން %300
- ފަސިންޖަރުން އުފުލުމަށް ޚާއްސަކޮށް ހަދާފައި ހުންނަ އެއްގަމުގައި ދުއްވާ އުޅަނދުގެ ތެރެއިން ކާރު، ޖީޕް، ވޭން، އޮޓޯ ސައިކަލާއި، މޮޓޯސައިކަލް ފިޔަވައި އެހެނިހެން އުޅަދުން %150
- ފަސިންޖަރުން އުފުލުމަށް ހާއްސަކޮށް ހަދާފައި ހުންނަ އެއްގައުމުގައި ދުއްވާ އުޅަނދުގެ ތެރެއިން އެއްގަމުގައި ދުއްވާ ހައިބްރިޑް އުޅަނދު ތަކުގެ ތެރެއިން ބޭނުންކޮށްފައިވާ އުޅަދުން %150

މީގެ އިތުރުން ސިނގިރޭޓާއި ބިޑި ފިޔަވައި ދުންފަތާއި ދުންފަތުން ތައްޔާރުކޮށްފައި ހުންނަ ބާވަތްތަކާއި، ދުންފަތުގެ ބަދަލުގައި ބޭނުންކުރާ ބާވަތްތަކުން ޑިއުޓީގެ ގޮތުގައި ނަގަނީ 200 އިންސައްތައެވެ. އަދި ސިނގިރޭޓުން ޑިއުޓީގެ ގޮތުގައި މިހާރު ނަގަމުންދަނީ 25 އިންސައްތައެވެ. ޤާނޫނުގައިވާގޮތުން ސިނގިރޭޓަކުން ޑިއުޓީގެ ގޮތުގައި ނަގަނީ 2 ރުފިޔާއެވެ. ނަމަވެސް ސިނގިރޭޓަކަށް ނަގާ ޑިއުޓީ ބޮޑުކޮށް ސިގިރޭޓަކުން 3 ރުފިޔާ ޑިއުޓީއެއް ނެގުމަށް ވަނީ ހުށަހަޅާފައެވެ.

މި ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، އެކިއެކި ލިޔުންތަކުގައި ރެވެނިޔު ސްޓޭމްޕް ޖެހުމުގެ ޤާނޫނުގެ ދަށުން އެކްސްޕޯޓް ލައިސަންސްއާއި އިމްޕޯޓް ލައިސަންސްއަށް، ލައިސަންސް ދޫކުރެވޭ ޢަދަދުގެ ކޮންމެ 100 ރުފިޔާއަކަށް 10 ލާރީގެ މަގުން ޖަހަމުންއައި ރެވެނިޔު ސްޓޭމްޕް ޖެހުން ނިމުމަކަށް އަންނާނެއެވެ. އަދި މިޤާނޫނުގެ ދަށުން ލައިސަންސް ދޫކުރެވޭ ޢަދަދުގެ ކޮންމެ 100 ރުފިޔާއަކުން 1 ރުފިޔާގެ ރެވެނިއު ފީއެއް ދައްކާގޮތަށްވެސް ވަނީ ބަދަލު ގެނެސްފައެވެ.

މިޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން މި ޤާނޫނުގެ 7 ވަނަ މާއްދާގެ (ރ) ގެ ދަށުން އެތެރެކޮށްފައިވާ އުޅަނދުފަހަރު، މި ޤާނޫނަށް ޢަމަލުކުރަން ފެށުމަށްފަހު ދިވެހިރާއްޖޭގައި ބޭނުންކުރެވޭނީ، އެ އެއްޗެއް ދިވެހިރާއްޖެ އެތެރެކުރިއިރު އެ އެއްޗެއް ބޭނުންކުރަން ހުއްދަކޮށްފައިވާ ތާރީޚުގެ ނިޔަލަށް ނުވަތަ 31 ޑިސެމްބަރ 2023 ގެ ނިޔަލަށެވެ. އެ ތާރީޚުގެ ފަހުން އެފަދަ އުޅަނދެއް ދިވެހިރާއްޖޭގައި ބޭނުންކުރެވޭނީ، އެފަދަ އުޅަނދުތަކަށް ކަނޑައެޅިފައިވާ ޑިއުޓީ ދެއްކުމަށްފަހުގައެވެ.

މި ޤާނޫނުގެ 7 ވަނަ މާއްދާގެ ޗެޕްޓަރުތަކުގައި ހިމެނޭ ތަކެތީގެ ތެރެއިން ޕްލާސްޓިކާއި، ޕްލާސްޓިކުން ތައްޔާރުކޮށްފައި ހުންނަ ތަކެތީގެ ތެރެއިން، ސިންގަލް ޔޫސް ޕްލާސްޓިކްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ބާވަތްތައް، 1 ޖަނަވަރީ 2021 އިން ފެށިގެން ދިވެހިރާއްޖެއަށް އެތެރެ ކުރުމަކީ މަނާކަމެއްކަމަށްވެސް ވަނީ ކަނޑައަޅާފައެވެ.