ޚަބަރު

ސަފާރީއެއްގައި ޖިންސީގޯނާކުރި މައްސަލާގައި މަޖިލީހަށް ކުއްލި މައްސަލައެއް


ހުޅުމާލެ ފަޅުގައި އަޅާފައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ގަދަކަމުން ޖިންސީ ގޯނާކުރި މައްސަލާގައި ކަންބޮޑުވުން ފާޅުކޮށް ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.

މިމައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ނޮޅިވަރަށް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދެވެ. މިމައްސަލަ މަޖިލީހަށް ހުށަހަޅާފައި ވަނީ ކުށުގެ ވެށިން މިކަމުގައި ޝާމިލްވި މީހުން ހައްޔަރުކޮށް މައްސަލަ ތަހުގީގް ނުކުރެވޭކަމަށް ބުނެއެވެ. އަދި މިކަމުގައި ފުލުހުންގެ މުވައްސަސާގެ އިހުމާލުވުން ބޮޑުކަމަށްވެސް އޭނާ ފާހަގަކުރައްވާފައިވެއެވެ. އަދި މިމައްސަލާގައި ސިޔާސީ ބާރުގަދަ ފަރާތްތަކެއްގެ ނުފޫޒު އޮތުމާއިއެކު މިކަން އެކަށީގެންވާ ގޮތަކަށް ބެލުމަކީ ދުރުކަމެއްކަމަށްވެސް ނަޝީދުގެ މައްސަލާގައި ބުނެފައިއެވެ.

މިމައްސަލަ މަޖިލީހަށް ބަލައި ގަތުމަށް ފާސްވެފައިވަނީ ވޯޓްގައި ބައިވެރިވެ ވަޑައިގެންނެވި 35 މެމްބަރުންގެ ވޯޓުންނެވެ. މިމައްސަލާގައި ވާހަކަ ދެއްކެވި މެމްބަރުންވަނީ މިމައްސަލައަކީ މުޖުތަމައުގައި ނުހަނު ބޮޑަށް ކަންބޮޑުވުން އޮތްކަމަކަށްވުމުން މިކަން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަންޖެހޭ ކަމަށެވެ. އަދި މިކަމުގައި ފުލުހުން ކުރައްވަމުންދާ ތަހުޤީޤު ހާމަކަންބޮޑުގޮތެއްގައި ކުރިއަށް ގެންދިޔުމަށްވެސް މެމްބަރުން ވަނީ ގޮވާލާފައެވެ. މިމައްސަލާގައި ސީރިއަސް ބޮޑެތި ތުހުމަތުތަކެއް ހުރުމުން މިކަން ބަލައި ރައްޔިތުންނަށް މުވައްސަސާތަކުގެ އިތުބާރު ނުގެއްލޭނެ ގޮތަކަށް މިމައްސަލައި އިންސާފު ގާއިމްކުރަންޖެހޭކަމަވެ. މިނޫނަސް އަންހެނުންނާއި ކުޑަކުދިންނަށް ކުރެވޭ ޖިންސީ ގޯނާތަކާއި ދެކޮޅަށް އަޅަންޖެހޭ ފިޔަވަޅު އެޅުމަށް މެމްބަރުން ވަނީ ވިދާޅުވެފައެވެ.

މިކަމާގުޅިގެން ފުލުހުން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ މިމަހުގެ 25ވަނަ ދުވަހުގެރޭ ހުޅުމާލެ ފަޅުގައި އަޅާފައިއޮތް ސަފާރީއެއްގައި ރާއްޖޭގައި މަސައްކަތްކުރާ 27 އަހަރުގެ ބިދޭސީ އަންހެނަކަށް ގަދަކަމުން ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާކަމަށެވެ. އެމައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ ހުކުރުދުވަހު ފަތިހު ހުޅުމާލެ، ލަކުޑި ޖެޓީ ސަރަހައްދުގައި އެ އަންހެންމީހާ އާއި އިތުރު 2 ފިރިހެނަކު ތިއްބާ ފުލުހުން އެތަނަށް ގޮސް މަޢުލޫމާތު އޮޅުންފިލުވުމުންކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ މިމައްސަލައާގުޅިގެން ފުލުހުންގެ ބެލުމުގެދަށަށް ގެނެވުނީ 39 އަހަރުގެ 2 ދިވެހި ދެފިރިހެނުން ކަމަށާއި، އެމީހުން ބަންދުން ދޫކޮށްލާފައި ވަނީ އެވަގުތާއި ހަމައަށް ލިބިފައިހުރި މަޢުލޫމާތު ތަކަށް ބަލާއިރު ބަންދުގައި ބައިތިއްބައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް ނުފެންނާތީކަމަށް ފުލުހުންގެ ބަޔާނުގައި ވަނީ ހާމަކޮށްފައެވެ. އަދި އެއްވެސް ނުފޫޒެއް ނެތި ފުރިހަމަ ތަހުޤީގެއް މިމައްސަލާގައި ހިންގައި އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅާނެކަމުގެ ޔަގީންކަން ފުލުހުން ވަނީ ދެއްވާފައެވެ.