މުނިފޫހިފިލުވުން

ހުނަރުވެރި ފަންނާނުންނަށް އަބަދުވެސް ޖާގަދޭނަން - އަނުޝްކާ


ބޮލީވުޑްގެ ޒުވާންތަރި ސުޝާންތު ސިންގް ރާޖްޕުތުގެ ކުއްލި މަރާއެކު، ބޮލީވުޑްގައި އެންމެ އަޑުގަދަކޮށްކުރެވޭ ބަހުސަކީ "ނެޕޮޓިޒަމް" ނުވަތަ ނުފޫޒުގަދަ ފަންނާނުންގެ ދަރިންނާއި، އިންޑަސްޓްރީން ބޭރުން އަންނަ ފަންނާނުންނާމެދު ގެންގުޅޭ ތަފާތުކުރުންތަކާ ގުޅޭގޮތުންނެވެ.

އެގޮތުން އެކްޓަރުންގެ ފަންނުވެރިކަމާއި، ހުނަރުވެރިކަމަށް ބެލުމެއްނެތި، ވަކި އާއިލާއަކަށް ނިސްބަތްވާ ތަރިންނަށް ފޭވަރކުރުމާއި، އެފަދަ ތަރިން ޕްރޮމޯޓްކުރާކަމަށް ބުނެ ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރުންނަށް އެތައް ބަޔަކު އަންނަނީ ފާޑު ކިޔަމުންނެވެ. އަދި އިންޑަސްޓްރީން ބޭރުން އަންނަ ތަރިންނަށް ދާއިރާގައި ކުރިއަށްދިއުމުގައި ހުރި ގޮންޖެހުންތައް ބުނެދޭން ނޭންގޭނެކަމަށްބުނެ ބޮލީވުޑްގެ "ސްޓަރކިޑްސް"އަށް ސޯޝަލް މީޑިއާގައި އަންނަނީ ބޮޑެތި ފާޑުކިއުންތަކެއްވެސް ކިޔަމުންނެވެ.

"ނެޕޮޓިޒަމް" އާއި ގުޅުވައިގެން ދެކެވޭ ވާހަކަތަކާއި ގުޅޭގޮތުން ބޮލީވުޑްގެ ކުޅަދާނަ ބަތަލާ އަދި ޕްރޮޑިއުސަރ އަނުޝްކާ ޝަރުމާ ވަނީ އޭނާ ދެކޭގޮތް ހިއްސާކޮށްފައެވެ. އަނުކްޝާ ބުނިގޮތުގައި އޭނާގެ އުމުރުން 25 އަހަރުގައި ފިލްމް ޕްރޮަޑިއުސަރަކަށްވީ ހިސާބުންވެސް، ހުނަރުވެރި ފަންނާނުންނަށް ދާއިރާގައި ކުރިއަށްދިއުމުގެ ފުރުޞަތު ފަހިކޮށްދިނުމަކީ އޭނާގެ އަޒުމެކެވެ.

"ޒުވާން އައު މޫނުތަކަށް މި ދާއިރާގައި ރަނގަޅު މުސްތަޤުބަލެއް ހޯދައިދިނުމަކީ އަހަރެން އަބަދުވެސް ކުރާ އުއްމީދެއް. ފަންނާނުންގެ ހުނަރުވެރިކަމާއި ފަންނުވެރިކަން ޝޯކޭސް ކޮށްދޭވެނެ ޕްލެޓްފޯމެއް ހޯދައިދިނުމަށް ޕްރޮޑިއުސަރެއްގެ ހައިސިއްޔަތުން ކުރެވެންހުރި ހުރިހާކަމެއް ކުރާނަން" އަނުޝްކާ ބުންޏެވެ.

ބޮލީވުޑްގެ އެންމެ އަގު ބޮޑު ބަތަލާއިންގެ ތެރޭގައި ހިމެނޭ އަނުޝްކާ އަންނަނީ އޭނާގެ ބޭބެ ކަރްނޭޝް ޝަރުމާއާއި ގުޅިގެން "ކްލީން ސްލޭޓް ފިލްމްސް"ގެ ނަމުގައި އަމިއްލަ ޕްރޮޑަކްޝަން ހައުސްއެއް ހިންގަމުންނެވެ. އަނުޝްކާގެ ބޭބެ ކަރްނޭޝްވެސް ވަނީ އެމީހުންގެ ޕްރޮޑަކްޝަން ހައުސް ފެށިގެން އައިއިރުވެސް އެންމެ ބޮޑު ބޭނުމަކީ އައު ތަރިންނާއި، ޑައިރެކްޓަރުންނާއި ޓެކްނީޝަނުންނަށް ފުރުޞަތު ފަހިކޮށްދިނުންކަމަށެވެ. އަދި މިއަދާ ހިސާބަށްވެސް މަސައްކަތް ކުރަމުންދިޔައީ އެ ވިސްނުމުގައިކަން ފާހަގަކޮށް، އަނުޝްކާގެ ނިންމުމާމެދު އޭނާ ފުރިހަމައަށް ތާއީދު ކުރާކަމަށް ކަރްނޭޝް ބުނެފައިވެއެވެ.

އަނުޝްކާގެ ޕްރޮޑަކްޝަން ހައުސްއިން މިހާތަނަށް 3 ފިލްމެއް ގެނެސްދީފައިވާއިރު، އެމީހުންގެ 4 ވަނަ ފިލްމް "ބުލްބުލް" މިމަހުގެ 24 ވަނަ ދުވަހު ވަނީ ނެޓްފިލްކްސްގައި ޕްރިމިއަރކޮށްފައެވެ. މި ފިލްމަށް ބޮލީވުޑް ކްރިޓީކުންގެ ފަރާތުން މިކްސްޑް ރިވިއުސްތަކެއް ލިބިފައިވެއެވެ.