ޚަބަރު

" ޓެލީއާއެކު ކޮއްކޮމެން" ގެ ނަމުގައި އާ އެނިމޭޓެޑް ޕްރޮގްރާމެއް


ދަރިވަރުންނަށް ޓީވީ މެދުވެރިކޮށް ކިޔަވައިދިނުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން " ޓެލީއާއެކު ކޮއްކޮމެން" ގެ ނަމުގައި އާ އެނިމޭޓެޑް ޕްރޮގްރާމެއް ފެށުމަށް ތައްޔާރުވެއްޖެއެވެ.

'ޓެލީއާއެކު ކޮއްކޮމެން' މިޕްރޮގްރާމަކީ ފުރަބަންދުގައި ކުދިން ގޭގައި ތިބޭއިރު ސްކޫލް މާހައުލްގެ ތެރެއިން ދަރިވަރުން ދަސްކުރާ، ލިޔަން ކިއުމަށް ބޭނުންވާ ބައެއް މުހިއްމު ހުނަރާއި މައުލޫމާތު ކުދިންނަށް ފޯރުކޮށްދިނުމުގެ ގޮތުން ޔުނިސެފްގެ އެހީތެރިކަމާއި އެކު މިނިސްޓްރީ އޮފް އެޑިޔުކޭޝަންނުން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމްގެ ތެރެއިން މަންހަޖުގައި ހިމެނޭ ބައެއް އަގުތަކާ ސިފަތަކާ އަދި ކޯވިޑްއިން ރައްކާތެރިވުމުގެ ގޮތުން ކުރެވޭނެ ބައެއް ކަންކަމުގެ މައުލޫމާތު ލިބިގެން ދާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. މި ޕްރޮގްރާމް ދައްކާނީ ކޮންމެ ހޯމަ އަދި ބުރާސްފަތި ދުވަހެއްގެ މެންދުރު 14:15 އިން 14:45 އަށް ދިވެހި ޗެނަލްއިންނެވެ.

މިޕްރޮގްރާމު އެކުލެވިގެންވާނީ 20މިނިޓްގެ، 15 އެޕިސޯޑް ގެ މައްޗަށެވެ. މިގޮތުން ލިޔަން ކިޔުމަށް އިސްކަން ދީގެން ހިމަނާފައިވަނީ، ދިވެހި، އިނގިރޭސި، އަރަބި އަކުރު އަދި ހިސާބު މާއްދާއެވެ. ކޮންމެ އެޕިސޯޑެއްގައި ކޯވިޑްގެ މަޢުލޫމާތަށް ހާއްސަ ބައެއް އެކުލެވިގެންވާނެކަމަށްވެސް މިނިސްޓްރީން ވިދާޅުވެއެވެ.

ކޯވިޑްގެ ފުރަބަންދަށް ދިން ލުއިތަކާއި އެެކު ކުޑަކުދިންނަށް ބޭރަށް ނުކުމެ އުޅޭ ވަގުތުތަކާއި ޓެލިކްލާސްތައް ގެނެސްދޭ ވަގުތައް ދިމާވާތީ އެ ގަޑިތަކަށް ބަދަލު ގެނެސްފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. މިގޮތުން މިހާރު މި ކްލާސްތައް ދެއްކުމަށް ހަމަޖެހިފައިވަނީ 14:15 އިން 15:15އާ ދެމެދުގައެވެ.