މުނިފޫހިފިލުވުން

ޑިޒްނީގެ "މުލާން" ސްކީނަށް އަންނާނީ އޯގަސްޓް 21 ގައި


ޑިޒްނީގެ ލައިވް އެކްޝަން ފިލްމްތައް ބަލާލުމަށް ކެތްމަދުވެފައިވާ ފަރާތްތަކުން މިހާރު އެންމެ އިންތިޒާރު ކުރަމުންދާ އެއް ފިލްމަކީ "މުލާން"އެވެ. މިއީ ހަމަ މިނަމުގައި 1998 ވަނަ އަހަރު ޑިޒްނީން އުފެއްދި ކާމިޔާބު އެނިމޭޓެޓް ކާޓޫންގެ ލައިވް އެކްޝަން އެޑެޕްޓޭޝަނެކެވެ.

މުލާންގެ އޮފިޝަލް ޓީޒަރ 7 ޖުލައި 2019 ގައި ޔޫޓިއުބްގައި ޑިޒްނީން އާއްމުކުރުމާއެކު، މި ފިލްމް ބަލާލުމަށް އެތައް ބަޔަކު ތިބީ ކެތްމަދުވެފައެވެ. އަދި ފިލްމުގެ އޮފިޝަލް ޓްރެއިލަރ 5 ޑިސެމްބަރު 2019 ގައި އާއްމުކުރުމާއެކު ފިލްމަށް އޮތް ޝަޢުގުވެރިކަން އިތުރަށް ބޮޑުވެގެންދިޔައެވެ.

މި ފިލްމް ސިނަމާތަކުގައި އެޅުވުމަށް ފުރަތަމަ ނިންމާފައިއޮތީ 2 ނޮވެމްބަރު 2018 ގައެވެ. ނަމަވެސް ހަމަ އެ ތާރީޚުގައި ޑިޒްނީގެ އެހެން ފިލްމެއްކަމަށްވާ "ދަ ނަޓްކްރެކަރ އެންޑް ދަ ފޯ ރެލްމްސް" ސިނަމާތަކަށް އަންނާތީވެ، ޑިޒްނީން ވަނީ މި ފިލްމް ރިލީޒްކުރުން 27 މާރިޗު 2020 އަަށް ފަސްކޮށްފައެވެ. ނަމަވެސް ކޯވިޑް-19ގެ ސަބަބުން ޑިޒްނީން ވަނީ އެމީހުންގެ ތީމްޕާކު އެޓްރެކްޝަނެއްކަމަށްވާ ޖަންގަލް ކްރޫޒް އަސްލަކަށް ބަލައިގެން އުފައްދާ އެޑްވެންޗަރ ފިލްމް "ޖަންގަލް ކްރޫޒް" ރިލީޒްކުރުމަށް ކަނޑައެޅި ތާރީޚުކަމަށްވާ 24 ޖުލައި 2020 ގައި "މުލާން" ރިލީޒްކުރާގޮތަށް ހަމަޖައްސާ، "ޖަންގަލް ކްރޫޒް" ރިލީޒްކުރުން 2021 ވަނަ އަހަރަށް ފަސްކޮށްފައެވެ.

އެހެންނަމަވެސް އެމެރިކާގައި އަދިވެސް ކޯވިޑް-19 ފެތުރުން ކޮންޓްރޯލްކުރެވިފައިނުވާތީ، ޑިޒްނީން މިވަނީ މި ފިލްމް ރިލީޒްކުރުން 3 ވަނަ ފަހަރަށް ފަސްކޮށްފައެވެ. އެގޮތުން "މުލާން" ދެން ސިނަމާތަކަށް އަންނާނެކަމަށް ޑިޒްނީން ބުނަނީ 21 އޯގަސްޓް 2020 ގައެވެ. ފިލްމް ރިލީޒްކުރުން ފަސްކުރިނަމަވެސް މި ފިލްމަށް އޮތް މަޤުބޫލުކަން ކުޑަވެދާނެކަމަށް ޤަބޫލުނުކުރެވޭކަމަށް ޑިޒްނީގެ ކޯޗެއަރމެން އަލަން ހޯން އަދި އަލަން ބާގްމެން އާއްމުކުރި ޖޮއިންޓް ސްޓޭޓްމަންޓެއްގައި ބުނެފައިވެއެވެ.

"ކޯވިޑް-19 ޕެންޑަމިކްގެ ސަބަބުން "މުލާން" ރިލީޒްކުރާ ތާރީޚު ފަސްކުރިއަސް ފިލްމަށް އޮތް މަޤުބޫލުކަމާއި، ފިލްމުން ގެނުވައިދޭ އުއްމީދީ މެސެޖާމެދު އާއްމުންދެކޭގޮތް ބަދަލުވެދާނެކަމަކަށް ޤަބޫލެއް ނުކުރެވޭ. އޯގަސްޓްމަހު މި ފިލްމް ރިލީޒްކުރާގޮތަށް މިހާރު ހަމަޖައްސާފައިވީނަމަވެސް ކޯވިޑް-19ގެ ޙާލަތަށް އެހާތަނަށް އެދެވޭ ބަދަލުތަކެއް ނާންނަމަ، މުލާން ރިލީޒްކުރުން އަނެއްކާވެސް ފަސްކުރަންޖެހިދާނެ، އެ ޙާލަތަށް ތައްޔާރުވެގެން މިތިބީ" ޑިޒްނީގެ ސްޓޭޓްމަންޓުގައި ބުނެފައިވެއެވެ.

"މުލާން"ގެ ލައިވް އެކްޝަން ފިލްމެއް ހެދުމުގެ މަސައްކަތް ޑިޒްނީން އެންމެ ފުރަތަމަ ފެށީ 2010 ވަނަ އަހަރެވެ. ނަމަވެސް ތަފާތު ސަބަބުތަކާހުރެ އެ މަސައްކަތް މަޑުޖެހިފައި އޮތުމަށްފަހު، ފިލްމުގެ ޕްރޮޑަކްޝަން މަސައްކަތްތައް ފެށޭވަރުވީ 2018 ވަނަ އަހަރުގެ ފަހުކޮޅެވެ.

މި ފިލްމް ހަދަން އުޅޭކަން ޑިޒްނީން އިޢުލާންކުރުމާއެކު "މުލާން"ގެ ރޯލު ހޮލީވުޑްގެ ތަރިއަކަށްނުދީ، އެ ރޯލު އޭޝިއަން ދަރިކޮޅަށް ނިސްބަތްވާ ތަރިއަކަށް ދިނުމަށް ގޮވާލާ ސޯޝަލް މީޑިއާ މެދުވެރިކޮށް ޕެޓިޝަނެއްވެސް ހުށަހެޅިއެވެ. ސަބަބެއްކަމަށް ބުނެފައިވަނީ މިއީ ޗައިނީޒް ރަސްކަމުގެ ވާހަކަތަކެއް ގެނެސްދޭ ފިލްމެއްކަމުން، މުލާންގެ ރޯލުން ފެންނަންވާނީ ޗައިނީޒް ދަރިފަސްކޮޅަށް ނިސްބަތްވާ ތަރިއެއްކަމަށް ފެންނާތީކަމަށެވެ.

އެހެންކަމުން މި ފިލްމްގައި މުލާންގެ ރޯލަށް ކަމުދާ ޗައިނީޒް ދަރިކޮޅަށް ނިސްބަތްވާ އެކްޓަރެސްއެއް ހޯދަމަށް ފަސް ޤަައުމަކަށް ފިލްމްގެ ޑައިރެކްޓަރުން ދަތުރުކޮށް އޮޑިޝަންތައް ބާއްވާފައިވެއެވެ. ފިލްމްގެ ލީޑް މުލާންގެ ރޯލު އެންމެ ފަހުން ދީފައިވަނީ ޗައިނީޒް އެމެރިކަން ތަރި ލިއު ޔައިފޭއަށެވެ. އޭނާއަށް އެ ރޯލު ދީފައިވަނީ އެރޯލަށް ފިޓްވާ 1000 މީހުން ބައިވެރި އޮޑިޝަންތަކަކަށް ފަހުއެވެ. ލިއު ޔައިފޭގެ އިތުރުން ދެން މި ފިލްމުގައި ފެނިގެންދާ މުހިއްމު ކާސްޓުންގެ ތެރޭގައި ޔޮސޮން އަން، ޑޮނީ ޔެން، ގޮންގް ލީ، އަދި ޖޭސަން ސްކޮޓް ލީގެ އިތުރުން ޖެޓްލީވެސް ހިމެނެއެވެ.

ގާތްގަނޑަކަށް 200 މިލިއަން ޑޮލަރުގެ ބަޖެޓަކާއެކު އުފައްދާ މި ފިލްމް ޑައިރެކްޓްކޮށްފައިވަނީ ނިއުޒިލޭންޑުގެ ފިލްމް ޑައިރެކްޓަރެއްކަމަށްވާ ނިކީ ކާރޯއެވެެ.