ޚަބަރު

ކުއްލި ނުރައްކަލުގެ ޙާލަތުގައި މައްސަލަތައް އިސްތިއުނާފްކުރުމަށް 30 ދުވަހުގެ މުއްދަތެއްދޭން ކޮމިޓީން ފާސްކޮށްފި


ކުއްލި ނުރައްކަލުގެ ޙަލަތުގައި ނުވަތަ ކާރިސާއެއްގެ ވަގުތުގައި މަތީ މަރުހަލާގެ ކޯޓުތަކުގައި މައްސަލަ އިސްތިއުނާފް ކުރަން 30 ދުވަހުގެ މުއްދަތެއްދެވޭނެގޮތަށް ޖިނާޢީ އިޖްރާޢަތުގެ ޤާނޫނަށް އިޞްލާޙު ގެނައުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝިއަރީ ކޮމިޓީން ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ ޖިނާޢީ އިޖްރާޢަތުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު ބޮޑެތި ބަދަލުތަކާއެކު ޖުޑީޝިއަރީ ކޮމިޓީން ވަނީ ފާސްކޮށްފައެވެ. ޖިނަޢީ އިޖުރާޢަތުގެ ޤާނޫނަށް ސަރުކާރުން އިޞްލާޙު ގެނައުމަށް ހުށައަޅާފައިވަނީ، އެޤާނޫނު ތަންފީޛުކުރުމުގައި ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށާއި، އެ ޤާނޫނުގައި އިތުރަށް ބަޔާންކުރަންޖެހޭ އިޖުރާއަތުތައް ކަނޑައެޅުމުގެ ބޭނުމުގައެވެ.

މި ބިލަށް ކޮމިޓީން ގެނެސްފައިވާ މައިގަނޑު ބަދަލުތަކުގެ ތެރޭގައި ކުއްލި ނުރައްކަލުގެ ޙާލަތުގައި ނުވަތަ ޤައުމަށް ދިމާވެފައިވާ ކާރިސާއެއްގެ ވަޤުތުގައި ޢަމަލުކުރާނެ އިޖްރާޢާތްތަަށް ވަނީ ބަޔާންކޮށްފައެވެ.

ޤާނޫނުއަސާސީން ނުވަތަ ޤާނޫނަކުން ބާރުލިބިގެން ކުއްލި ނުރައްކަލުގެ ޙާލަތެއް ނުވަތަ ކާރިސާގެ ޙާލަތެއް އިޢުލާންކޮށް، އަދި އެ ޙާލަތު ދެމިއޮތުމުގެ ސަބަބުން، އަދި އެ ޙާލަތު އިޢުލާނުކޮށްފައިވާ ރަށާއި ސަރަޙައްދުގައި ރައްކާތެރިކަން އޮތް މިންވަރަށާއި ނުވަތަ އެ ޙާލަތުގައި ކަންކަން މަނާކުރެވިފައިވާ މިންވަރަށް ރިޔާޢަތްކުރާއިރު، ޤާނޫނެއްގައި ނުވަތަ ޤާނޫނަކުން ބާރުލިބިދީފައިވާ ގަވާއިދެއްގައި ބަޔާންކުރާ އިޖުރާއަތުތައް ހިންގެން ނެތްނަމަ، ޚާއްޞަ އިޖުރާއަތުތަކަށް، ޢަމަލުކުރެވިދާނެކަމަށް ވަނީ ބަޔާންކޮށްފައެވެ. އެގޮތުން ތަޙްޤީޤު ފުރިހަމަކޮށް ދަޢުވާ އުފުލުމަށް މުއްދަތުތަކެއް ކަނޑައަޅާފައިވާ މައްސަލަތަކުގައި، ތަޙްޤީޤު ފުރިހަމަކޮށް ދަޢުވާ އުފުލުމުގައި ބޮޑެތި ހުރަސްތައް ކުރިމަތިވެފައިވާކަމަށް، ސަބަބުތަކުގެ މައްޗަށް ބިނާކޮށް ޕްރޮސިކިއުޓަރ ޖެނެރަލް ކަނޑައެޅުމުން، އެ މައްސަލަތަކުގެ ތަޙްޤީޤު ފުރިހަމަކޮށް ދަޢުވާ އުފުލުމަށް އިތުރު 60 ދުވަހުގެ މުއްދަތު ޕްރޮސިކިއުޓަރ ޖެނެރަލަށް ލިބިގެންވާކަމަށް ކޮމިޓީން ވަނީ ކަނޑައަޅާފައެވެ. އާންމު ޙާލަތުގައި ތަޙްޤީޤް ފުރިހަމަކުރުމަށް ލިބެނީ 30 ދުވަހުގެ މުއްދަތެކެވެ.

މީގެ އިތުރުން ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ ދަށުން، މަތީ މަރުޙަލާގެ ކޮންމެ ކޯޓެއްގައި މައްސަލައެއް އިސްތިއުނާފުކުރެވޭނެ މުއްދަތަކީ، އެ މައްސަލައިގެ ޙުކުމުގެ ލިޔުން ލިބޭ ތާރީޚުން ފެށިގެން ރަސްމީ ބަންދު ދުވަސްތައް ނުހިމެނޭ ގޮތުން، 30 ދުވަސްކަމަށް ވަނީ ކަނޑައަޅާފައެވެ. އަދި ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގައި ބަޔާންކުރާ ގޮތުގެމަތިން، 60 ދުވަހުގެ ތެރޭގައި އެ މައްސަލައެއްގެ ތަޙްޤީޤު ނިންމައި ޕްރޮސިކިއުޓަރ ޖެނެރަލަށް
ހުށައަޅަންވާނެކަމަށްވެސް ކޮމިޓީން ނިންމ،ި ރިޕޯޓްގައިވެއެވެ. އަދި އެ މައްސަލައެއް ޕްރޮސިކިއުޓަރ ޖެނެރަލަށް ހުށަހަޅާތާ 45 ދުވަހުގެ ތެރޭގައި ޕްރޮސިކިއުޓަރ ޖެނެރަލް ދަޢުވާ އުފުލަންވާނެކަމަށްވެސް އިޞްލާޙުގައި ވަނީ ބަޔާންކޮށްފައެވެ.


ހައްޔަރުކޮށްފައިވާ، ނުވަތަ ހައްޔަރުކުރުމަށްފަހު ބަންދުން ދޫކޮށްލާފައިވާ މީހުންގެ މައްސަލަތަކުގެ ތެރެއިން، ނުވަތަ އެނޫންވެސް މީހުންގެ މައްސަލަތަކުގެ ތެރެއިން، ތަޙްޤީޤު ފުރިހަމަކޮށް ދަޢުވާ އުފުލުމަށް ވަކި މުއްދަތުތަކެއް ކަނޑައަޅާފައިވާ މައްސަލަތަކުގައި، ތަޙްޤީޤު ފުރިހަމަކޮށް ދައުވާ އުފުލުމަށް ވަކި މުއްދަތެއް ކަނޑައަޅާފައިވާ މައްސަލަތުގައި ތަޙްޤީޤް ފުރިހަމަކުރުމަށާއި، ދައުވާ އުފުލުމުގައި ބޮޑެތި ހުރަސްތައް ކުރިމަތިވެފައިވާކަމަށް، ސަބަބުތަކުގެ މައްޗަށް ބިނާކޮށް ޕްރޮސިކިއުޓަރ ޖެނެރަލް
ކަނޑައަޅާ މައްސަލަތަކުގައި، ޕްރޮސިކިއުޓަރ ޖެނެރަލް ކަނޑައަޅާ މުއްދަތެއްގައި، ތަޙްޤީޤު ފުރިހަމަކޮށް ދަޢުވާ އުފުލުމަށް ނިންމުމުގެ އިޚްތިޔާރު ޕްރޮސިކިއުޓަރ ޖެނެރަލަށް ލިބިގެންވާކަމަށްވެސް ކުއްލި ޙާލަތުގައި ޢަމަލުކުރެވޭނެގޮތް ބަޔާންކޮށް ކޮމިޓީން ގެނައި އިޞްލާޙުގައިވެއެވެ.

މީގެ އިތުރުން ވީޑިއޯ އަދި އޯޑިއޯ މެދުވެރިކޮށް ޝަރީޢަތްތައް ކުރިއަށް ގެންދެވޭނެ ޙާލަތްތައްވެސް ޤާނޫނުގެ ދަށުން ހަދާ ޤަވާއިދުގައި ބަޔާންކުރައްވާނެކަމަށާއި، އެ ޤަވާއިދު އެއްމަސްދުވަހުގެ ތެރޭގައި ސުޕްރީމް ކޯޓުން ހަދަންވާނެކަމަށްވެސް މި ބިލަށް ގެނެސްފައިވާ އިޞްލާހުގައި ކޮމިޓިން ވަނީ ހިމަނާފައެވެ.