ޚަބަރު

ސަފާރީއެއްގައި ޖިންސީގޯނާކުރިކަމަށް ހުށަހެޅި މައްސަލައިގެ ތަހްގީގު ނުފޫޒެއް ނެތި ހިންގާނެ - ފުލުހުން


ހުޅުމާލެ ފަޅުގައި އަޅާފައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ގަދަކަމުން ޖިންސީ ގޯނާކުރިކަމަށް ހުށަހެޅި މައްސަލަ، އެއްވެސް ނުފޫޒެއް ނެތި ފުރިހަމަ ތަހުގީގެއް ހިންގައި އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅާނެކަމުގެ ޔަގީންކަން ފުލުހުންދެއްވައިފިއެވެ.

މިކަމާގުޅިގެން ފުލުހުން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ މިމަހުގެ 25ވަނަ ދުވަހުގެރޭ ހުޅުމާލެ ފަޅުގައި އަޅާފައިއޮތް ސަފާރީއެއްގައި ރާއްޖޭގައި މަސައްކަތްކުރާ 27 އަހަރުގެ ބިދޭސީ އަންހެނަކަށް ގަދަކަމުން ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާކަމަށެވެ. އެމައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ ހުކުރުދުވަހު ފަތިހު ހުޅުމާލެ، ލަކުޑި ޖެޓީ ސަރަހައްދުގައި އެ އަންހެންމީހާ އާއި އިތުރު 2 ފިރިހެނަކު ތިއްބާ ފުލުހުން އެތަނަށް ގޮސް މަޢުލޫމާތު އޮޅުންފިލުވުމުންކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މިދިޔަ ބުރާސްފަތިދުވަހުގެރޭ ރައްޓެއްސެއްގެ ފަރާތުން ލިބުނު ދަޢުވަތަކަށް، މިމައްސަލާގައި ތުހުމަތުކުރެވޭ 2 މީހުންނާއެކު ސަފާރީއަކަށްގޮސް ވަގުތު ހޭދަކުރިކަމަށާ، އެ މީހުން، ސަފާރީ ތެރޭގައި އޭނާގެ ނުރުހުމުގައި އޭނާގެ ގައިގައި އަތްލައި ޖިންސީ ގޯނާ ކުރިކަމަށާ، އެމީހުންގެ އަމަލުތައް ހުރިގޮތުން އެފަދަ ޢަމަލެއް ތަކުރާރުކޮށްފާނެތީ ސަލާމަތްވުމުގެގޮތުން މޫދަށް ފުންމާލުމުން ޑިންގީއެއްގައި އެދެމީހުން އައިސް އޭނާ ޑިންގީއަށް ނަގައިގެން ގެނެސް ޖެޓީއަށް ބޭލީކަމަށް އެއަންހެންމީހާ މަޢުލޫމާތު ދީފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

އެމައްސަލަ ހުށަހެޅުމުން، އެތަނުގައި ތިބި 2 ފިރިހެނުން އެވަގުތު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ، އެއީ ދެމިގެންދިޔަ ކުށުގެ ވެއްޓެއް ކަމަށްވާތީ މައްސަލައާ ގުޅިގެން އަނިޔާ ލިބުނުމީހާ 26ވަނަ ދުވަހުގެ ހެނދުނު ހޮސްޕިޓަލަށް ގެންގޮސް ޑޮކްޓަރަށް ދައްކާފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ މިމައްސަލައާގުޅިގެން ފުލުހުންގެ ބެލުމުގެދަށަށް ގެނެވުނީ 39 އަހަރުގެ 2 މީހަކުކަމަށާ، އެމީހުން ބަންދުން ދޫކޮށްލާފައިވަނީ އެވަގުތާ ހަމައަށް ލިބިފައިހުރި މަޢުލޫމާތު ތަކަށް ބަލާއިރު ބަންދުގައި ބައިތިއްބައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް ނުފެންނާތީކަމަށް ފުލުހުންގެ ބަޔާނުގައި ވަނީ ހާމަކޮށްފައެވެ.

މީގެ އިތުރުން މިމައްސަލައިގެ ތަހުގީގު ހިނގަމުން ދަނިކޮށް އަނިޔާ ލިބުނު ފަރާތުން ފުލުހުންނަށް ދީފައިވާ ބަޔާނާ ޚިލާފަށް، އަނިޔާ ލިބުނު މީހާގެ ފަރާތުން ދިން މަޢުލޫމާތުކަމަށްބުނެ މީޑިއާގައި ތަފާތު ގޮތަކަށް މަޢުލޫމާތު ފަތުރަމުންދާތީ، އެކަމާގުޅިގެން އިތުރަށް މަޢުލޫމާތު ސާފުކުރުމުން، މިމައްސަލައާ ގުޅިގެން ކުރިން ފުލުހުންނަށް ދީފައިވާ ބަޔާނަކީ ކަންހިނގާފައިވާގޮތަށް ދީފައިވާ ބަޔާނެއްކަމުގައި އެއަންހެން މީހާ ބުނެފައިވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. އަދި މިމައްސަލައާ ގުޅިގެން އެއްވެސް މީޑިއާއަކަށް އޭނާގެ ފަރާތުން އެއްވެސް މަޢުލޫމާތެއް ފޯރުކޮށްދީފައިނުވާނެކަމަށާ، މީޑިއާގައި އޭނާގެ ފޮޓޯ ހާމަކޮށް ހަޤީޤަތާޚިލާފު މަޢުލޫމާތު ފަތުރަމުންދާތީ ކަންބޮޑުވާކަން ހާމަކޮށް، އޭނާގެ ފޮޓޯއާއި މަޢުލޫމާތު މީޑިއާތަކުން ނަގައިދިނުމަށް އެދިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

މިމައްސަލައިގެ އަނިޔާލިބުނު ފަރާތަށް ފުލުހުންގެ ވިކްޓިމް ސަޕޯރޓް ޑިޕާޓްމަންޓްގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދެމުންދާކަމަށާ، މިފަދަ ނާޒުކު މައްސަލަތަކުގެ މަޢުލޫމާތު މީޑިއާތަކުން ގެނެސްދިނުމުގައި ހަޤީޤަތާ ޚިލާފަށް އަދި އަނިޔާލިބިފައިވާ މީހާއަށް އިތުރު އުނދަގޫ ކުރިމަތިވާ ގޮތަށް މަޢުލޫމާތު ނުފެތުރުމަށް ފުލުހުންވަނީ އިލްތިމާސްކުރައްވާފައެވެ. އަދި މިފަދަ މަޢުލޫމާތު ދައުރުކުރުމުގައިވެސް ކަމުގެ ހަގީގަތް އޮޅުންފިލުވައި ޒިންމާދާރުކަމާއެކު މަޢުލޫމަތު އާންމުކުރުމަށް ފުލުހުންވަނީ ނަސޭހަތްތެރިވެފައެވެ.