ޚަބަރު

ޖިންސީ އަނިޔާކުރާ މީހުން މުޖުތަމަޢަށް ދޫވުމުގެ ފުރުސަތު ބޮޑުވާތީ ޤާނޫނަށް އިސްލާޙު ހުށަހަޅައިފި


ޖިންސީ ކުށުގެ ޤާނޫނު މިހާރު އޮތްގޮތުން ޖިންސީ ޝިކާރައަށްވާ މީހުން، އެކަން ރިޕޯޓުކުރަން ޖެހިލުންވެ، ޖިންސީ އަނިޔާކުރާ މީހުން މުޖުތަމަޢަށް ދޫވާނެ ފުރުސަތު ބޮޑުވާތީ ޤާނޫނަށް އިސްލާހު ހުށަހަޅައިފިއެވެ.

މިއިސްލާޙު މަޖިލީހަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަޙްމަދު ނަސީމެވެ. ޖިންސީ ކުށުގެ ޤާނޫނުގެ 53ވަނަ މާއްދާއަށް 3 އަކުރެއް އިތުރުކުރުމަށް ހުށަހެޅި، އިސްލާޙުތަކުގެ އެންމެބޮޑު ބޭނުމަކީ މިހާރު ޤާނޫނު އޮތްގޮތުން ކުށުގެ ޝިކާރައަށްވި މީހާއާއި އޭނާގެ ނަފުސުގެ އަބުރުވެރިކަމާއި އަޚްލާޤާއި ކުށުގެ ތުޙުމަތު ކުރެވުމުގެ ކުރިން، ތުޙުމަތު ކުރެވޭ މީހާއާއި ކުށުގެ ޝިކާރައަށްވި މީހާއާ ދެމެދުއޮތް ގުޅުމާއި ހިނގާފައިވާ މުޢާމަލާތްތައް، ކުށުގެ ޝިކާރައަށްވި މީހާއާ ދެކޮޅަށް ބޭނުންކުރެވިދާނެ ހެކީގެ ގޮތުގައި އޮތުމުމެވެ.

ޖިންސީ ގޯނާކުރާ މީހުންނާ ދެކޮޅަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ މިދަނޑިވަޅުގައި ޖިންސީ ގޯނާކުރުމާއި، ރޭޕްކުރުމުގެ މައްސަލަތަކެއް ފުލުހުންދަނީ ތަހުޤީޤު ކުރަމުންނެވެ. އަދި ހުކުރު ދުވަހުގެރޭ ހުޅުމާލޭގެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި އަންހެނަކަށް ޖިންސީ އަނިޔާކުރިކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހުގެ ޖެންޑާ ކޮމިޓީއަށްވެސް ހުށަހަޅައި އެޖެންޑާކޮށްފައެވެ.