ޚަބަރު

މިނިސްޓަރ އަސްލަމަށް ރުހުން ދިނުން މާދަމާ


މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގް، ހައުސިންގް އެންޑް އިންފްރާންސްޓްރަކްޗަރގެ ނަމުގައި އުފައްދާފައިވާ މިނިސްޓްރީގެ މަސައްކަތުގެ ދާއިރާތައް ކަނޑައެޅުމަށް ރައީސުލްޖުމްހޫރިއްޔާ އޮފީހުން ފޮނުވިގޮތަށް ފާސްކޮށް، އަސްލަމަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.

މާދަމާގެ ޖަލްސާގައި މުހިންމު މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައި ވާއިރު، ކޮމިޓީތަކުން ހުށަހަޅާ ގިނަ ކަންތައްތަކެއްވެސް ވަނީ އެޖެންޑާކޮށްފައެވެ. މާދަމާގެ ޖަލްސާއަށް މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގް، ހައުސިންގް އެންޑް އިންފްރާންސްޓްރަކްޗަރގެ ނަމުގައި އުފައްދާފައިވާ މިނިސްޓްރީއަށް އައްޔަން ކުރައްވާފައިވާ މިނިސްޓަރު މުޙައްމަދު އަސްލަމަށް ރުހުން ދިނުމަށް ކޮމިޓީން ނިންމާފައިވަނީ މިމަހުގެ 17 ވަނަ ދުވަހުގައެވެ.

ކޮމިޓީން ވަނީ މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގް، ހައުސިންގް އެންޑް އިންފްރާންސްޓްރަކްޗަރގެ ނަމުގައި އުފައްދާފައިވާ މިނިސްޓްރީގެ މަސައްކަތުގެ ދާއިރާތައް ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ފޮނުއްވާފައިވާ ގޮތަށް ވަނީ ފާސްކޮށްފައެވެ.

ދެ މިނިސްޓްރީއެއް އެއްކޮށްލައި، މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގް ހައުސިންގް އެންޑް އިންފްރާންސްޓްރަކްޗަރގެ ނަމުގައި އުފެއްދެވި މިނިސްޓްރީއަށް މިނިސްޓަރު މުޙައްމަދު އަސްލަމް ޢައްޔަންކުރައްވައި މަޤާމުގެ ފަތްކޮޅު ދެއްވާފައި ވަނީ މިމަހުގެ 14 ވަނަ ދުވަހުގައެވެ.

މިނިސްޓްރީ އޮފް ހައުސިން އެންޑް އަރބަން ޑިވެލޮޕްމަންޓް އުވާލައްވާފައި ވަނީ އެމިނިސްޓްރީ ހިންގެވުމާއި ހަވާލުވެވަޑައިގެން ހުންނެވި އާމިނަތު އާތިފާ މަޤާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އެކަމަނާ މަޤާމުން އިސްތިއުފާދެއްވާފައި ވަނީ ސިއްޙީ ހާލުކޮޅު ހުރިގޮތުން މަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި އުޒުރުވެވަޑައިގަތުމާއި ގުޅިގެންކަމަށް ސަރުކާރުންވަނީ ހާމަކުރައްވާފައެވެ.