ޚަބަރު

އަލުން އިންތިޚާބު ބޭއްވުމުން މަލާވީގެ ރައީސަށް ވެރިކަން ގެއްލިއްޖެ


ކުރިން ބޭއްވި ރިޔާސީ އިންތިޚާބުގައި ބޮޑެތި މައްސަލަތަކެއް އުޅޭކަމަށް ނިންމައި އަލުން އިންތިޚާބު ބޭއްވުމުން މަލާވީގެ ރައީސް ޕީޓަރ މުތަރިކާއަށް ވެރިކަން ގެއްލިއްޖެއެވެ. މަލާވީގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރައްވާފައިވަނީ އެ ޤައުމުގެ އިދިކޮޅު ސިޔާސީވެރިޔާ ލަޒަރުސް ޗަކްވެރާއެވެ.

މީގެ 13 މަސް ދުވަސް ކުރިން މަލާވީގައި ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބުކުރައްވާފައިވަނީ ރައީސް ޕީޓާރ މުތަރިކާއެވެ. ނަމަވެސް އެ އިންތިޚާބުގައި ބޮޑެތި މައްސަލަތަކަކާއި އޮޅުވާލުންތަކެއް ހުރިކަމަށް ވިދާޅުވެ، އިންތިޚާބުގެ ނަތީޖާ ޤަބޫލުކުރައްވަން ދެކޮޅު ހައްދަވައި އިންތިޚާބުގެ ނަތީޖާއަށް ގޮންޖައްސަވައި ނަތީޖާ ބާޠިލުކޮށް އަލުން އިންތިޚާބު ބޭއްވުމަށް ޗަކްވެރާވަނީ ކޯޓަށް މައްސަލައެއް ހުށަހަޅުއްވައިފައެވެ. މިދިޔަ ފެބްރުއަރީ މަހު އެ ޤައުމުގެ ކޯޓުން ނިންމީ އިންތިޚާބުގެ ނަތީޖާގައި މައްސަލަތަކެއް އުޅޭކަމަށާއި އަލުން އިންތިޚާބު ބޭއްވުމަށެވެ. އެ ނިންމުމަކީ މަލާވީގައި ޑިމޮކްރަސީ ޤާއިމުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަމަށް ދިރާސާކުރާ ފަރާތްތަކުން ސިފަކުރެއެވެ.

ދެވަނަ ފަހަރަށް އިންތިޚާބު ބޭއްވުމުން 65 އަހަރުގެ ޗަކަވެރާއަށްވަނީ 58.57 އިންސައްތަ ވޯޓު ލިބިވަޑައިގެންފައެވެ. ޗަކްވެރާ ވިދާޅުވީ އޭނާގެ ކާމިޔާބީއަކީ ޑިމޮކްރަސީއާއި އިންސާފު ޤާއިމުކުރުމަށް ލިބުނު ފުރުޞަތެއްކަމަށެވެ.