ޚަބަރު

އެސްޓްރަޒެނެކާގެ ވެކްސިން އުފެއްދުމަށް ބުރެޒިލުން 127 ބިލިއަން ޑޮލަރު ޚަރަދު ކުރަނީ


އިނގިރޭސިވިލާތާއާއި ސްވިޑަނުގެ އެސްޓްރަޒެނެކާ ކުންފުނިން ތައްޔާރުކުރާ ކޯވިޑް-19 ވެކްސިން ބުރެޒިލުގައި އުފެއްދުމަށް 127 ބިލިއަން އެމެރިކާ ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާކަމަށް އެ ޤައުމުން ބުނެފިއެވެ.

ކޯވިޑް-19އާ ދެކޮޅަށް ތައްޔާރުކުރަމުންދާ ވެކްސިންތަކުގެ ތެރެއިން އެންމެ އުންމީދު ބޮޑީ އެސްޓްރަޒެނެކާ ކުންފުނިން ތައްޔާރުކުރާ ވެކްސިންކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ، ޑަބްލިއުއެޗުއޯއިންވަނީ ބުނެފައެވެ. އޮކްސްފޯޑު ޔުނިވާސިޓީގެ ސައިންސުވެރިން ތައްޔާރުކުރާ ވެކްސިން ދަނީ އިންސާނުން ބޭނުންކޮށްގެން ފުޅާ ދާއިރާއެއްގައި ތަހުލީލުކުރަމުންނެވެ.

ބުރެޒިލުގެ ޞިއްޙަތާބެހޭ ވުޒާރާގެ އެގްޒެކެޓިވް ސެކެޓްރީ އެލުސު ފްރެންކޯ ވިދާޅުވީ ފުރަތަމަ މަރުޙަލާގައި ވެކްސިންގެ 30 މިލިއަން ޑޯޒް އެ ޤައުމުގައި އުފައްދަން ނިންމާފައިވާކަމަށެވެ. އެގޮތުން ޑިސެމްބަރު މަހުގެ ކުރިން 15 މިލިއަން ޑޯޒު އަދި ޖެނުއަރީ މަހުގެ ކުރިން 15 މިލިއަން ޑޯޒު އުފައްދަން ނިންމާފައިވާކަމަށް އޭނާ ވިދާޅުވިއެވެ. ފްރެންކޯ ވިދާޅުވީ ބުރެޒިލުން ވެކްސިނަށް ބޮޑު ޚަރަދެއް ކުރަނީ އޭގެ ހިރާސް އެނގިހުރެކަމަށާއި އެ ވެކްސިނަށް ޙުއްދަ ނުލިބިދާނެކަމާއި އެއަށްވުރެ ކުރިން އެހެން ވެކްސިނެއް ތައްޔާރުވުމަކީވެސް ވެދާނެކަމެއްކަމަށް ޤަބޫލުކޮށްގެންކަމަށެވެ. ވެކްސިން އުފެއްދުމުގެ މަސައްކަތްކުރާނީ ބުރެޒިލުގެ އެންމެ ކުރިއަރާފައިވާ ޢާންމު ޞިއްޙަތާބެހޭ ކުންފުނި ފަންޑަކޯ އޮސްވަލްޑޯ ކުރުޒުންނެވެ.

ދުނިޔޭގައި ކޯވިޑް-19 ދެވަނައަށް އެންމެ ބޮޑަށް ފެތުރިފައިވަނީ ބުރެޒިލުގައެވެ. އެ ޤައުމުގައި 1.2 މިލިޔަނަށްވުރެ ގިނަ މީހުނަށް ކޯވިޑް-19 ޖެހި، 55،000 މީހުންވަނީ މަރުވެފައެވެ.