ވިޔަފާރި

އިޤްތިސާދު ލާމަރުކަޒީކޮށް، މާލެ އަށް ބަރޯސާވެގެން ވިޔަފާރިކުރުން ހުއްޓާލަންޖެހޭ


އިޤްތިސާދީ ހަރަކާތްތައް ލާމަރުކަޒީކޮށް، ގްރޭޓަރ މާލެއަށް ބަރޯސާވެގެން ވިޔަފާރިކުރުން ހުއްޓާލަންޖެހޭކަމަށް ރެޖިސްޓްރާ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމް ވިދާޅުވެއްޖެއެވެ.

ނޭޝަނަލް ފެޑެރޭޝަން އޮފް މޯލްޑިވިއަން އެމްޕްލޯޔާސްއިން "ފިއުޗަރ އޮފް މައިކްރޯ، ސްމޯލް އަދި މީޑިއަމް އެންޓަރޕްރައިސަސް 'ގެ ނަމުގައި ބޭއްވި ވެބިނަރގައި ވާހަކަދައްކަވަމުން ރެޖިސްޓްރާ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމް ވިދާޅުވީ މާލެއަށް މުދާ އިމްޕޯޓުކުރުން ހުއްޓާލާ ހިސާބުން އަތޮޅުތެރެއަށް މުދާ ލިބުން 50 އިންސައްތަ މެދުކެނޑޭނެކަމަށެވެ.

"ކޯވިޑާއި ގުޅިގެން ލިބުނު ލެސަންއެއް ކަންނޭގެ، މާލޭގެ މިސާލަކަށް ޓްރޭޑިންގއަށް ބެލިކަމުގައި ވިޔަސް، މާލެއަށް މުދާ އިމްޕޯޓުކުރުން މަޑުޖައްސާލަން ޖެހޭ ހިސާބުން، އަތޮޅުތެރޭގައި ގާތްގަނޑަކަށް ސަޕްލައި ބައި 50 ޕަސަންޓު އެ މެދުކެނޑުނީ، މިކަންކަން މިހެން ނުވާނެ ގޮތަށް އިޤްތިސާދު ބައްޓަން ކުރަން ޖެހޭ،" ވިސާމް ވިދާޅުވިއެވެ.

ވިސްނުން ބަދަލުކޮށް، އިމްޕޯޓަށް ބަރޯސާވެފައި އޮތް މިންވަރު ކުޑަކުރަން ޖެހޭ ކަމަށް ވިސާމް ވިދާޅުވިއެވެ. އެގޮތުން މުދާ އިމްޕޯޓު ކުރުމުގެ ބަދަލުގައި ރާއްޖެގައި ތަކެތި އުފެއްދުމަށް މަސައްކަތްކުރަން ޖެހިފައިވީ ނަމަވެސް ފަތުރުވެރިކަމާއި މަސްވެރިކަން ފިޔަވައި ދެން ހުރި ދާއިރާތަކުން ފެންވަރު ހުރެގެން އުފެއްދުމެއް ދެމެހެއްޓެނިވި ގޮތަކަށް ބާޒާރަށް ނެރެމުންދާތަން ނުފެންނަކަމަށް ވިސާމް ވިދާޅުވިއެވެ.

" އުފެއްދުންތެރިކަމުގެ މަސައްކަތްތަކަށް ބަލާލާއިރު، ފެންވަރު ހުރެގެން ވޮލިއުމް ނެރެވޭ ތަނެއް ނުފެނޭ، މަސްވެރިކަމާއި، ހޮސްޕިޓަލިޓީ ސަރވިސް ފިޔަވައި، ޑެޓް ސޭސް އަލޮޓު އަބުޓު އަވަރ އިކޮނޮމީ، މީގެ މާނައަކީ ހަޤީގަތުގައި ކަންކަން އަތުރާލެވިގެން ފެންވަރުގައި ކުރުމަށް ކެޕޭސިޓީ ބިލްޑު ނެތިއްޔޭ ނުވަތަ ޕްލޭނިންގ މައްސައެކޭ މިއުޅެނީ" ވިސާމް ވިދާޅުވިއެވެ.

ރާއްޖޭގައި އަލަށް ވިޔަފާރިއެއް ފަށާއިރު 3 އަހަރު ދުވަހުގެ ތެރޭގައި ވިޔަފާރި ފަނާވެގެންދާ ގޮތަށް ބައްޓަންވެފައިހުރި ވިޔަފާރިތައް ގިނަ ކަންވެސް ވިސާމް ފާހަގަކުރެއްވިއެވެ. މިކަން ރަގަޅުކުރުމަށް މަސައްކަތްތަކެއް ކުރަން ޖެހިފައިވާކަމަށް ވިސާމް ވިދަޅުވިއެވެ.