ކޯވިޑް-19 ޖެހުނު މީހުންގެ ޢަދަދު 10 މިލިޔަނަށްވުރެ އިތުރުވެއްޖެއެވެ. އެއީ އަހަރެއްގެ މައްޗަށް އިންފުލުއެންޒާ ޖެހޭ މީހުންގެ ޢަދަދާ އެއްވަރު ޢަދަދެކެވެ.
ކޯވިޑް-19 ޖެހިފައިވާ މީހެއް ފުރަތަމަ ފަހަރަށް ފެނުނީ ޗައިނާގެ ވުހާން ސިޓީން ޖެނުއަރީ މަހުގެ 10ވަނަ ދުވަހުއެވެ. އޭގެ ފަހުން ވިލާތުގެ ޤައުމުތަކުގައި ހަލުވިކަމާއެކު ބަލި ފެތުރި، އެމެރިކާއާއި ރަޝިޔާގައި ބަލި ފެތުރޭ މިންވަރު އިތުރުވިއެވެ. އެއަށްފަހު ބުރެޒިލާއި އިންޑިޔާގައި ބަލި ޖެހޭ މީހުންގެ ޢަދަދު އިތުރުވެ، ބަލި ފެތުރުމުގެ އައު މަރުހަލާއެއްވަނީ ފެށިފައެވެ. އެ ދެ ޤައުމުގައި ދުވާލަކު 10،000އަށްވުރެ ގިނަ މީހުންނަށް ބަލި ޖެހެއެވެ. ފާއިތުވި ހަފުތާގައި ބަލި ޖެހުނު މީހުންގެ ތިންބައިކުޅަ އެއްބައި ޙިއްޞާކުރަނީ ބުރެޒިލާއި އިންޑިޔާއިންނެވެ. އޭގެ ސަބަބުން އެ ދެ ޤައުމުގެ ވަޞީލަތްތަކަށް ބާރުބޮޑުވެ، އެދެވޭ ފަރުވާ ދިނުމުގައި ދަނީ ދަތިތަކަކާ ކުރިމަތިލަމުންނެވެ.
ދެކުނު އެމެރިކާއާއި މެދުތެރޭ އެމެރިކާއާއި ވިލާތުން ބަލި ޖެހިފައިވާ މީހުންގެ ޖުމުލަ ޢަދަދުގެ 25 އިންސައްތަ ޙިއްޞާކުރެއެވެ. އޭޝިޔާއިން ޙިއްޞާކުރަނީ 11 އިންސައްތައެވެ. ބަލިޖެހިފައިވާ މީހުންގެ 9 އިންސައްތަ ޙިއްޞާކުރަނީ މެދުއިރުމަތީގެ ޤައުމުތަކުންނެވެ.
ކޯވިޑް-19 ޖެހުނު މީހުންގެ ޢަދަދު 10 މިލިޔަނަށް އިތުރުވެފައިވަނީ ބަލިން ރައްކާތެރިވުމަށް ގިނަ ޤައުމުތަކެއްގައި އަޅައިފައިވާ ހަރުކަށި ފިޔަވަޅުތަކަށް ލުއި ދޭން ފަށައިފައިވާ ދަނޑިވަޅެއްގައެވެ. ބައްޔާ ދެކޮޅަށް ވެކްސިނެއް ތައްޔާރުވަންދެން ދިއިރުޅުމާއި މަސައްކަތުގެ ވައްޓަފާޅިއަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ޤައުމުތަކަށްވަނީ މަޖުބޫރުވެފައެވެ. ބައެއް ޤައުމުތަކުގައި ބަލި ފެތުރޭ މިންވަރު އިތުރުވާން ފެށުމުން ފުރަބަންދުގެ ބައެއް އުޞޫލުތައްވަނީ އަލުން ރުޖޫޢަކޮށްފައެވެ. ކުރިއަށް އޮތް އަހަރާ ހަމައަށް އެފަދަ ގޮތަކަށް ފިޔަވަޅު އެޅުމުގައި ދެމިތިބެންޖެހިދާނެކަމަށް ޞިއްޙީ މާހިރުން ޤަބޫލުކުރެއެވެ.
ކޯވިޑް-19 ޖެހިގެން ފާއިތުވި 7 މަސް ދުވަހުގެ ތެރޭގައި ބައި މިލިޔަން މީހުންވަނީ މަރުވެފައެވެ. އެއީ އިންފުލުއެންޒާ ޖެހިގެން އަހަރެއްގެ މައްޗަށް މަރުވާ މީހުންގެ ޢަދަދާ އެއްވަރު ޢަދަދެކެވެ.