ވިޔަފާރި

ބީއެމްއެލްއިން މާލޭގައި އިތުރު އޭޓީއެމް ސެންޓަރެއް ހުޅުވައިފި


ބޭންކް އޮފް މޯލްޑިވްސް އިން މާލޭގައި އިތުރު އޭޓީއެމް ސެންޓަރެއް ހުޅުވައިފިއެވެ.

މިއަދު ހުޅުވި މި އޭޓީއެމް ސެންޓަރު ހުންނަނީ މ.ސްޓަރ ކްލައުޑް (ކުރީގެ ސްޓަރ ސިނަމާ) އިމާރާތުގައެވެ.

މި އޭޓީއެމް ސެންޓަރ މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ފަސޭހަކަމާއެކު ބޭންކިންގ ހިދުމަތް ލިބިގެންދާނެކަމަށް ބީއެމްއެލްއިން ބުނެއެވެ. މިތަނުން 24 ގަޑިއިރު ޙިދުމަތް ލިބެން ހުންނާނެއެވެ.

މި ސެންޓަރުގައި އެންމެ ޒަމާނީ އޭޓީއެމްގެ ހިދުމަތްތައް އެކުލެވިގެންވާ 3 އޭޓީއެމް ހިމެނެއެވެ. އަދި މި އޭޓީއެމްތައް މެދުވެރިކޮށް 24 ގަޑިއިރު ފައިސާ ނެގުމާއި، ފައިސާ ޖަމާކުރުމާއި، ޗެކް ޖަމާކުރުމާއި، ފައިސާ ދެއްކުމާއި ފައިސާ ފޮނުވުގެ ޚިދުމަތް ލިބިގެންދާނެއެވެ.

ބީއެމްއެލް ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ މި ސެލްފް ސަރވިސް ބޭންކިންގ ސެންޓަރ އަކީ މުޅި ރާއްޖެއަށް ބޭންކިންގ ވިއުގަ އިތުރަށް ފުޅާކުރުމުގެ ގޮތުން ކުރެވެމުންދާ އިންވެސްޓްމަންޓްގެ ދަށުން ގާއިމްކުރެވުނު އޭޓީއެމް ސެންޓަރެއްކަމަށެވެ. ބޭންކިންގ ހިދުމަތް ހޯދުމަށް ބްރާންޗަށް ޒިޔާރަތް ކުރުމުގެ ބަދަލުގައި މި ސެންޓަރ މެދުވެރިކޮށް ކަސްޓަމަރުންނަށް ފަސޭހައިން ބޭނުން ވަގުތެއްގައި ބޭންކިންގ ހިދުމަތް ހޯދޭނެކަމަށް ޓިމް ސޯޔަރ ވިދާޅުވިއެވެ.

ބޭންކް އޮފް މޯލްޑިވްސްއިން އަތޮޅުތެރޭގައި ކުރަމުންދާ އިންވެސްޓްމަންޓް އިތުރަށް ފުޅާކޮށް މުޖުތަމައަށް ފޯރުކޮށްދޭ އެހީތެރިކަމުގެދަށުން 4 ރަށެއްގައި އޭޓީއެމް ސެންޓަރެއް ޤާއިމްކުރުމަށް ހަމަޖެހިފައިވާކަން މިދިޔަ ހަފްތާގައި ވަނީ ހާމަކޮށްފައެވެ. މި 4 ރަށުގެ ތެރޭގައި ހިމެނެނީ ނ. ކެނދިކުޅުދޫ، ކ. ގުރައިދޫ، އއ. ތޮއްޑޫ އަދި ތ. ތިމަރަފުށި އެވެ. ވަރަށް އަވަހަށް މި ރަށްތަކުގައި އޭޓީއެމް ބެހެއްޓުމުގެ މަސައްކަތް ފަށާނެކަމަށް އެ ބޭންކުން ބުނެއެވެ.

ބީއެމްއެލްއިން މިހަރުވެސް އަންނަނީ 56 ސެލްފް ސަރވިސް ބޭންކިންގ ސެންޓަރ، 119 އޭޓީއެމް ސެންޓަރުން ރާއްޖޭގެ އެކި ސަރަހައްދުތަކަށް އަންނަނީ ޙިދުމަތްދެމުންނެވެ.