ކުޅިވަރު

ސިޓީން ލިވަޕޫލަށް ގާޑްއޮފްއޮނާ އަރުވާނެ: ގާޑިއޯލާ


މެންޗެސްޓާ ސިޓީ އާއި ލިވަޕޫލް މާދަމާ ރޭ ކުޅޭ މެޗުގައި ލިވަޕޫލަށް ގާޑްއޮފްއޮނާ އަރުވަން ސިޓީން ނިންމައިފިއެވެ.

ހުސްވި ދެ ސީޒަނުގެ ޕްރެމިއާ ލީގުގެ ޗެމްޕިއަން ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ ސިޓީގެ ދަނޑަށް ލިވަޕޫލް މާދަމާ ރޭ އައުމުން އެ ޓީމަށް ގާޑްއޮފް އޮނާ އަރުވަނީ ޕްރެމިއާ ލީގުގެ އާ ޗެމްޕިއަނުންނަށް ވާތީ ކަމަށެވެ.

"އަހަރުމެން އެމީހުންނަށް ގާޑް އޮފް އޮނާ އަރުވާނަން. އަހަރުމެން މިދަނީ އެކަމަށް ތައްޔާރުވަމުން އެމީހުންނަށް އެކަން ހައްގު. އަހަރުމެން އެމީހުންނަށް މަރުހަބާ ކިޔާނެ،" ގާޑިއޯލާ ބުންޏެވެ.

30 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ޕްރެމިއާ ލީގު ލިވަޕޫލް ކާމިޔާބުކުރީ ބާކީ ހަތް މެޗު އޮއްވައެވެ. މިހެންވެ ސިޓީން މިދިޔަ ސީޒަނުގެ ކުރިން ހޯދި 101 ޕޮއިންޓްގެ ރެކޯޑް މުގުރާލުމުގެ ފުރުސަތު ވެސް ލިވަޕޫލަށް އެބައޮތެވެ.

މި ދެ ޓީމުގެ މެޗުގެ ކުރިން ވާހަކަ ދައްކަމުން ގާޑިއޯލާ ވަނީ ސިޓީގައި އޭނާ ހަދާފައިވާ ކޮންޓްރެކްޓް އާކުރުމާ ބެހޭ ގޮތުން ވާހަކަ ދައްކަން އިންކާރުކޮށްފަ އެވެ. ނަމަވެސް އޭނާ ބުނީ ސީޒަނުގެ ބާކީ ހުރި މުބާރާތްތައް ކާމިޔާބުކުރަން އޭނާގެ ޓީމު އޮތީ ތައްޔާރަށް ކަމަށެވެ. އަދި އޭގެ ފަހުން އަންނަ ސީޒަނުގައި ރަނގަޅޫ ނަތީޖާތަކެއް ނެރުމަފަހު ދެން ވާގޮތެއް ޖެހޭނީ ބަލަން ކަމަށެވެ.

ގިނަ ބަޔަކު ދެކޭ ގޮތުގައި މިވާހަކައިގެ މާނައަކީ އަންނަ ސީޒަނަށް ފަހު އެހެން ޓީމަކަށް ބަދަލުވާން ގާޑިއޯލާ ބޭނުންވުމެވެ. އޭނާ ހޯދުމަށް ކުރީގެ ކުލަބު ބާސެލޯނާ ވެސް ދަނީ މަސައްކަތް ކުރަމުންނެވެ.