ޚަބަރު

ކުރީގެ މިނިސްޓަރ އަބްދުﷲ ހަމީދު އަވަހާރަވެއްޖެ


ދައުލަތަށް ގިނަ ދުވަހު އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ، ނިޝާން އިއްޒުއްދީންގެ އިއްޒަތްތެރި ވެރިކަމުގެ ލަގަބު އަރުވާފައިވާ ހ. މީނާޒް އަލްއުސްތާޛް އަބްދުﷲ ހަމީދު އަވަހާރަ ވެއްޖެއެވެ.ޢަބްދުﷲ ޙަމީދު އަވަހާރަވީ މީގެ 3 ދުވަސްކުރިން ހާޓް އެޓޭކެއް ޖެހިވަޑަގެން ބެންގަލޫރުގެ ހޮސްޕިޓަލެއްގައި ފަރުވާދެއްވަމުން ގެންދަވަނިކޮށް މިއަދުގެ މެންދުރު ފަހުގެ  ވަގުތެއްގައެވެ.މައިނަރ ސްޓްރޯކެއް ޖެހިވަޑައިގެން އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯއްދެވުމަށްފަހު، އިތުރު ފަރުވާއަށް ބެންގަލޫރަށް ފުރާވަޑައިގަތީ ޖުލައި މަހުގެ 15 ވަނަ ދުވަހުއެވެ.ކުރީގެ ރައީސް މައުމޫން ޢަބްދުލް ގައްޔޫމްގެ ކޮއްކޯފުޅު އަދި މިހާރުގެ ރައީސް އަބްދުﷲ ޔާމީންގެ ބޭބޭފުޅު އަބްދުﷲ ހަމީދަކީ ސަރުކާރުގެ އިސް ގިނަ މަގާމްތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ. މިގޮތުން ރައީސް މައުމޫންގެ ސަރުކާރުގެ އިތުރުން ރައީސް އިބްރާހިމް ނާސިރުގެ ސަރުކާރުގައިވެސް މުހިއްމު މަގާމްތަކެއް އަބްދުﷲ ހަމީދް ފުރުއްވާފައިވެއެވެ.އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަޤާމުގެ އިތުރުން ޚާއްސަ މަޖިލީހުގެ ރައީސްކަމާއި، ވަޒީރުންގެ މަޖިލީހުގެ ސެކެޓްރީ ކަމާއި، އަތޮޅުވެރިކަމާއި، އެއާރޕޯޓް އޮފީހުގެ ވެރިޔާގެ މަގާމަކީވެސް އަލްމަރުޙޫމް އަބްދުއްﷲ ހަމީދުގެ މަސައްކަތްޕުޅު މިގައުމަށް ފެނިގެންދިޔަ ދާއިރާތަކެވެ.އަދި ރައީސް މައުމޫނުގެ ދައުރުގައި އެޓޯލްސް މިނިސްޓަރ ކަމުގެ ބުރަ މަސްއޫލިއްޔަތު ގިނަ ދުވަސްތަކެއްވަންދެން އަދާކުރައްވުމުގެ އިތުރުން  އެޑިއުކޭޝަން މިނިސްޓަރގެ މަގާމްވެސް ފުރުއްވާފައިވެއެވެ. މީގެ އިތުރުން އޭރުގެ ޖަސްޓިސް މިނިސްޓްރީ ހިންގެވުމާވެސް ހަވާލުވެ ވަޑައިގެން އެ މަސްއޫލިއްޔަތުވެސް އަދާ ކުރައްވާފައިވެއެވެ. އަލްމަރްހޫމް އަބްދުﷲ ހަމީދު އެންމެ ފަހުން ފުރުއްވާފައިވަނީ ސަރުކާރުގެ ސީނިއަރ މިނިސްޓަރ  ކަމުގެ މަޤާމެވެ.އެމަނިކުފާނުގެ އަރިހުގައި މަސައްކަތްކުރެއްވި ބޭފުޅުން ސިފަކުރައްވާ ގޮތުގައި އެމަނިކުފާނަކީ، ކުރައްވަވާ މަސައްކަތެއްގައި ވަރަށް ޝައުގުވެރިކަމާއެކު މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށާއި، އަރިހުގައި މަސައްކަތް ކުރައްވާ ބޭފުޅުންނަށް ވަރަށް ފުރިހަމައށް އިރުޝާދު ދެއްވަވާ ބޭފުޅެއް ކަމަށެވެ.އެމަނިކުފާނު އަވަހާރަވިއިރު 6 އަންހެން ބޭފުޅަކާއި 6 ފިރިހެން ބޭފުޅަކު ދުނިޔޭގައި އެބަތިއްބެވިއެވެ. އަދި ކާފަ ވިދާޅުވާ 23 ބޭފުޅަކުވެސް އެބަތިއްބެވިއެވެ.އަބްދުﷲ ހަމީދު އަވަހާރަވިއިރު އުމުރުފުޅަކީ 76 އަހަރެވެ.