ޚަބަރު

ތެލުގެ ވަގުވިޔަފާރީގެ ލިޔުންތައް އެބަހުރި، މައްސަލަ ރިވިއުކުރަން ވަނީ ނިންމާފަ


އެސްޓީއޯ މެދުވެރިކޮށް ހިންގާފައިވާ 800 މިލިއަން ޑޮލަރުގެ ތެލުގެ ވަގު ވިޔަފާރިއާއި ގުޅިގެން ރައީސް ނަޝީދުގެ ވެރިކަމުގައި އިގިރޭސިވިލާތުގެ ގްރާންޓް ތޯޓަންއާއި ހަވާލުކޮށްގެން އެކުލަވާލި ރިޕޯޓުގެލިޔުންތައް އޭސީސީގައި އެބަހުރިކަމަށް އެކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އޭސީސީން ވިދާޅުވީ އެސްޓީއޯ މޯލްޑިވްސް ސިންގަޕޫރު ލިމިޓެޑުން ތެލުގެ ވަގު ވިޔަފާރިއެއް ހިންގިކަމަށް ބުނާ މައްސަލަ ތަޙުޤީޤުކުރުމަށް ޙަވާލުކުރި ގްރާންޓް ތޯންޓަން އިން ކުރި މަސައްކަތުގައި ބޭނުންކުރި ލިޔުންތައް 2013 ވަނަ އަހަރުގެ ތެރޭގައި އެޓަރނީ ޖެނެރަލްގެ އޮފީހުން އެކޮމިޝަނާ ޙަވާލުކޮށްފައިވާކަމަށެވެ. އަދި އެ ލިޔުންތައް މިހާރުވެސް އެ ކޮމިޝަނުގައި ހުރިކަމަށެވެ.

މިދިޔަ ބުދަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ކުރީގެ ޑެޕިއުޓީ އެޓާނީ ޖެނެރަލް އަދި ވިލިމާލޭ ދާއިރާގެ މެމްބަރު އަޙްމަދު އުޝާމްވެސް ވަނީ އެ ލިޔެކިއުންތައް އޭސީސީއާއި ހަވާލުކުރެއްވިކަމަށް ވިދާޅުވެފައެވެ.

އޭސީސީން މި މައްސަލަ އަލުން ރިވިއު ކުރުމަށް ނިންމާފައިވަނީ 2008 ވަނަ އަހަރު މި މައްސަލައާއި ގުޅިގެން އިތުރަށް ބަލަންޖެހޭ ކަމެއް އޮތްތޯ ނުވަތަ ނެތްތޯ ބެލުމެއްނެތި އެ މައްސަލަ އިތުރަށް ކުރިއަށް ނުގެންދަން އޭސީސީން ނިންމާފައިވާތީ، މި މައްސަލައަކީ ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކުރެވޭ މައްސަލައަކަށް ވުމާއެކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި އާންމުން މިކަމާމެދު ސުވާލު އުފައްދަމުން ދާތީ ކަމަށެވެ.

މި މައްސަލައަކީ، 11 މޭ 2011 ވަނަ ދުވަހު މިކޮމިޝަނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން ތަޙުޤީޤުކުރަން ފެށި މައްސަލައަކަށްވާއިރު، އެ މައްސަލައިގެ ތަޙުޤީޤު އިތުރަށް ކުރިއަށްގެންދެވޭވަރަށް މަޢުލޫމާތު ނެތްކަމަށް 2018 މޭ 8 ގައި ކަނޑައަޅައި، މައްސަލަ ފައިލްކުރުމަށް ނިންމާފައިވާކަމަށެވެ. ނަމަވެސް، މި މައްސަލަ ކޮމިޝަނުގެ ފަރާތުން ރިވިއުކުރަން ނިންމާފައިވާކަން އޭސީސީން ވަނީ ވިދާޅުވައެވެ.

މިމައްސަލާގައި މަޖިލީހުގައި ވާހަކަ ދައްކަވަމުން ވިލިމާލެ ދާއިރާގެ މެމްބަރު އަދި ކުރީގެ ޑެޕިއުޓީ އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ވިދާޅުވީ އެސްޓީއޯ މެދުވެރިކޮށް ތެލުގެ ވަގު ވިޔަފާރިއެއް ކުރި ކަމަށް ތުހުމަތުކުރާ މައްސަލައިގެ ހުރިހާ ލިޔެކިއުމެއް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅާފައިވާނެ ކަމަށެވެ. ފައިލްތައް އޭސީސީއާ ހަވާލުކުރީ ގްރާންޓް ތޯންޓަން އިން ދިން އިރު ހުރިގޮތަށް، ކަނޑައިވެސް ނުލައި ކަމަށާއި، ފައިލްތައް އޭސީސީގައި ނެތްނަމަ އެއީ އެއިދާރާގެ މައްސަލައެއްކަމަށެވެ.

މިމައްސަލަ އަކީ އެސްޓީއޯގެ 100 ޕަސެންޓު މިލްކުވެރި ކުންފުންޏެއްގެ ގޮތުގައި 1997 ގައި އުފެއްދި އެސްޓީއޯ މޯލްޑިވްސް ސިންގަޕޯ ޕްރައިވެޓް ލިމިޓެޑުން ރާއްޖެއިން ބޭރުގައި ހިންގި 800 މިލިޔަން ޑޮލަރުގެ ވަގު ވިޔަފާރީގެ މައްސަލައެވެ. މަނީ ލޯންޑަރިންގެ ތެރެއިން ދައުލަތުން ގެއްލިފައިވާ ގިނަދަދެއްގެ ފައިސާ ހޯދުމަށް ބޭރުގެ އެކައުންޓިން ފާމަކަށް ހަވާލުކުރި ރައީސް ނަޝީދު ވެރިކަމުގައި 2010 ވަނަ އަހަރުގެ ޖޫން މަހުގެ 8 ވަނަ ދުވަހުއެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމްގެ ވެރިކަމުގައި އެސްޓީއޯތެެރެއިން ހިންގިކަމަށް ތުހުމަތުކުރެވޭ ތެލުގެ ވަގު ވިޔަފާރީގެ ރިޕޯޓް ހޯދުމަށް އެ މައްސަލަ މަޖިލީހަށް ހުށައެޅުއްވީ މާފަންނު ހުނޅަގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހުއެވެ. މިރިޕޯޓަށް ބަހުސްކޮށް މިމައްސަލަ ބަލައި ގަތުމަށް ވަނީ ވޯޓަށް އަހާފައެވެ. މި މައްސަލަ ބަލައިގަތުމަށް ފާސްވީ 67 މެމްބަރުންގެ ވޯޓާއިއެކުގައެވެ. މިމައްސަލަ ދިރާސާކުރެއްވުމަށް ފޮނުވާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށެވެ.

އެސްޓީއޯއިން ހިންގާފައިވާ 800 މިލިޔަން ޑޮލަރުގެ ވަގު ވިޔަފާރީގެ މައްސަލައިގެ ތުހުމަތުގައި އޭރުގެ އެސްޓީއޯ ހިންގުމާއި ހަވާލުވެ ހުންނެވި ރައީސް އަބްދުﷲ ޔާމީން މައްސަލަތަކެއް ރައްޔިތުންގެ މަޖިލީހުންވެސް ވަނީ ބަލާފައެވެ. ނަމަވެސް މި ރިޕޯޓް އެކުލަވާލަމުން ދިއުމާއި އަދި އިތުރަށް ތަހުގީގް ކުރަންޖެހޭ ކަންކަން ހުރުމުން އޭރު ވަނީ މައްސަލަ މަޑުޖެހިފައެވެ.