ޚަބަރު

ބަންގްލަދޭޝްގެ އިތުރު 200 މީހުން ޤައުމަށް ފޮނުވާލައިފި


ރާއްޖޭގައި މަސައްކަތް ކުރަމުންދިޔަ ބިދޭސީންގެ ތެރެއިން އެނބުރި ރަށަށް ދާން ބޭނުންވި ބަންގްލަދޭޝްގެ 200 ރައްޔިތަކު މިއަދުވެސް އަނބުރާ ޤައުމަށް ފޮނުވާލައިފިއެވެ.

މިއެންމެންވެސް ފޮނުވާލީ ޑާކާއަށް މިއަދު ދިޔަ މޯލްޑިވިއަންގެ ފްލައިޓްގައެވެ.

މިއާއެކު ރާއްޖޭގައި ދިރިއުޅޭ 3،000 ވުރެ ގިނަ ބަންގްލަދޭޝް ރައްޔިތުން ވަނީ އަނބުރާ ޤައުމަށް ފޮނުވާލާފައެވެ. މީގެ ތެރޭގައި ރާއްޖޭގައި އެއްވެސް ލިޔެކިއުމެއް ނެތި ޤަވާއިދާއި ޚިލާފަށް އުޅެމުންދިޔަ 2،500 ވުރެ ގިނަ މީހުންވެސް ހިމެނެއެވެ.

ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ ތެރެއިން ވާކް ވިސާ ނެތި ޤަވާއިދާ ޚިލާފަށް އެންމެ ގިނައިން އުޅެނީ ބަންގްލަދޭޝްއަށް ނިސްބަތްވާ މީހުންނެވެ. ރާއްޖޭގައި މަސައްކަތް ކުރާ ބަންގްލަދޭޝްގެ ރައްޔިތުންގެ އިތުރުން އެހެން ޤައުމުތަކުގެ ރައްޔިތުންވެސް ޤައުމުތަކަށް ފޮނުވާލުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އެގޮތުން އިންޑިއާގެ 2500 ވުރެ ގިނަ މީހުންވަނީ އަނބުރާ ޤައުމަށް ގެންގޮސްފައެވެ. އަދި ޕާކިސްތާނުގެ 40 ވުރެ ގިނަ ރައްޔިތުންވެސް ވަނީ އެމީހުންގެ ޤައުމަށް ފޮނުވާލާފައެވެ.

ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ފޮނުވާލުމުގެ މަސައްކަތް ކުރަމުން އަންނަ އިރު އަމިއްލަ ޤައުމަށް ދާން ބޭނުންވެ ދެވޭނެ ގޮތެއް ނެތިފައި ތިބި ބައެއް މީހުންވެސް އަންނަނީ ފޮނުވާދެމުންނެވެ. ރާއްޖޭގައި ވޯކް ޕާމިޓާއި ނުލާ މަސައްކަތް ކުރާ 5000 ބިދޭސީން ކުރިއަށް ތިން މަސްދުވަހުގެ ތެރޭގައި އަނބުރާ ޤައުމުތަކަށް ފޮނުވާލާނެކަން ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ.