ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި ސަފާރީން ހައްޔަރުކުރި 2 މީހުން އެކަށީގެންވާ ސަބަބެއް ނެތުމުން ދޫކޮށްލައިފި


ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި 2 މީހުން ބަންދުގައި ބަހައްޓަން ޖެހޭ އެކަށީގެންވާ ސަބަބެއް ނެތުމުން ދޫކޮށްލައިފިއެވެ. މި ދެ މީހުން ދޫކޮއްލިނަމަވެސް، މި މައްސަލަ ފުލުހުން އަދިވެސް ތަޙްޤީޤުކުރަމުންދާކަމަށް ފުލުހުން ވިދާޅުވިއެވެ.

ހުޅުމާލެ ކައިރީގައި އަޅާފައިއޮތް ސަފާރީއަކަށް ދިޔަ ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވަނީ ރޭ ފަތިހު 5:00 ހާއިރުއެވެ. މި މައްސަލައާއި ގުޅިގެން ކުށުގެ ވެށިން 39 އަހަރުގެ ދިވެހި 2 ފިރިހެނުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަކަމަށް ފުލުހުން ވިދާޅުވެއެވެ. އެހެންނަމަވެސް، މި ދެމީހުން ދޫކޮށްލީ ބަންދުގައި ބަހައްޓަން ޖެހޭ އެކަށީގެންވާ ސަބަބެއް ނެތުމުންކަމަށާ އެ މައްސަލަ އަދިވެސް ތަޙުޤީޤުކުރަމުންދާކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި ތަޙުޤީޤު ކުރިއަށްދާވަރަކުން ހާމަކުރަންޖެހޭ މަޢުލޫމާތު ހާމަކުރަމުންދާނެކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.