ޚަބަރު

އެޖެންޑާ 19ގައި ވަޢުދުވި ޤާނޫނުތަކުގެ ތެރެއިން %80 ޤާނޫނު ނިމިއްޖެ


އެޖެންޑާ-19ގެ ދަށުން ނިންމަން ވައުދުވެފައިވާ ޤާނޫނުތަކުގެ ތެރެއިން %80 ޤާނޫނުގެ މަސައްކަތް ނިންމާފައިވާކަމުގައި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު، އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު ޢަލީ އާޒިމް ވިދާޅުވެއްޖެއެވެ.

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ "ބާބު 3" ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ 65 މެމްބަރުންނާއިއެކު ރައްޔިތުން އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ ދީފައިވަނީ ވަރަށް ފޮނި އުންމީދުތަކާއި އެކުގައިކަމަށެވެ. ރައްޔިތުންގެ އުންމީދުތައް ހާސިލްކުރުމަށް އެމްޑީޕީން މަޖިލީހަށް ވަނީވެސް ރައްޔިތުން ބޭނުންވާ ޤާނޫނުތައް ފާސްކޮށް، އެކަންކަން ތަންފީޒުކުރުމަށް ކަމަށެވެ.

ރައްޔިތުން އެމްޑީޕީއަށް އެހާބޮޑު އުންމީދެއްކޮށް ބޮޑު މެޖޯރިޓީއެއް ދީފައިވަނީ 18 ވަނަ މަޖިލީހުގައި ކަންކަން ކޮށްފައިވާ ގޮތުންކަމަށްވެސް އާޒިމްވިދާޅުވިއެވެ. އޭނާ ވިދާޅުވީ 19 ވަނަ މަޖިލީހުގައިވެސް ހާސިލް ކުރަންޖެހޭ ކަންތައްތަކުގެ ތެރެއިން މިހާރުވެސް ގިނަ ކަންތައްތަކެއް ހާސިލް ކުރެވިފައިވާކަމަށެވެ. އެގޮތުން ހަދަން ބުނި ޤާނޫނުތަކުގެ ތެރެއިން %80 ޤާނޫނުތަކުގެ މަސައްކަތް ނިންމާފައިވާކަމަށް އާޒިމް ވިދާޅުވިއެވެ. ނަމަވެސް އަދިވެސް މުހިންމު ގިނަ މަސައްކަތްތަކެއް ނުކުރެވި ހުރިކަމަށާއި، އެކަންކަން ކުރިއަށް އޮތްތަނުގައި މަޖިލީހުގެ ތެރެއިން ހާސިލް ކުރާނެކަމަށްވެސް އާޒިމް ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް ރައްޔިތުން ހަވާލުކުރީ 5 އަހަރުގެ ދައުރެއް. ޤަބޫލުކުރަން ރައްޔިތުން ބޭނުންވަނީ ބާރު ސްޕީޑުގައި ކަންކަން ވުމަށް. އަޅުގަނޑުމެން ވައުދުވެފައިވާ ޤާނޫނުތަކުގެ ތެރެއިން %80 ޤާނޫނު ނިންމުމަކީ މަސައްކަތް ނިމުމެއްނޫން. އަދި އޮތީ އަޅުގަނޑުމެން ކުރަންޖެހޭ ކަންކަން. މަޑު ޖެހިފައިވާ ކަންކަންކޮށް އެކަންކަން އަޅުގަނޑުމެން ހާސިލް ކުރާނަން" އާޒިމް ވިދާޅުވިއެވެ.

މަޖިލީހުގެ ޖަލްސާތަކަށް މައިނޯރިޓީ ޕާޓީގެ މެމްބަރުން ހާޒިރު ނުވާ މައްސަލާގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅު މަދު ބަޔަކު ތިއްބެވިއިރު، މައިނޯރިޓީގެ އަޑު ކަނޑުވާލައިގެން އުޅެނީ އަމިއްލައަށްކަމަށެވެ. މަދު ރައްޔިތުންތަކެއް ވޯޓުދީގެން ނަމަވެސް އެރައްޔިތުންގެ އަޑު އިއްވުމަށް ދީފައި ފުރުޞަތުގައި މަޖިލީހަށް އެ މެމްބަރުން ވަޑައިނުގަތުމަކީ ވަރަށް ޒިންމާދަރުކަން ކުޑަ ކަމެއްކަމަށް އާޒިމްވަނީ ވިދާޅުވެފައެވެ.

އިދިކޮޅު މެމްބަރުން މަޖިލީހުގެ ޖަލްސާތަކަށް ނުދާން ނިންމާފައިވަނީ ޤާނޫނު އަސާސީ އިސްލާހު ކުރުމަށް މިމަހުގެ ފުރަތަމަ ދުވަހުގެރޭ މެންދަމު ބޭއްވި ޖަލްސާގައި ހިނގަދިޔަ ހަމަނުޖެހުންތަކަކަށް ފަހުގައެވެ. މަޖިލީހަށް ވަޑައި ނުގަންނަވާ މައްސަލާގައި ޕީޕީއެމް، ޕީއެންސީން ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅު މެމްބަރުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވާނެ ކަމުގެ އެއްވެސް ޔަގީންކަމެއް މިހާތަނަށް މަޖިލީހުގެ ރައީސް ދެއްވާފައި ނުވާ ކަމަށެވެ.

މަޖިލީހަށް އިދިކޮޅު މެމްބަރުން ވަޑައި ނުގަންނަވާ މައްސަލާގައި އާޒިމް ވިދާޅުވީ 19 ވަނަ މަޖިލީހުގައި އިދިކޮޅު މެމްބަރުންނަށް ފުރުސަތުލިބޭ ވަރަށް ފުރުސަތުލިބުނު އެހެން އެއްވެސް މަޖިލީހެއް ނެތްކަމަށެވެ. ނިމިދިޔަ 18 ވަނަ މަޖިލީހުގައި އޭރުގެ އިދިކޮޅު މެންބަރުންނަށް މަސައްކަތް ކުރުމަށާއި، ވާހަކަ ދެއްކުމަށާއި، ސަރުކާރު ޖަވާބުދާރީ ކުރުމަށްވެސް ފުރުސަތު ލިބިފައި ނުވާކަމަށް އާޒިމް ވިދާޅުވިއެވެ.

"18 ވަނަ މަޖިލީހަކީ ބުނެވިދާނެ، އެއީ ފުރުސަތު ނުދިން މަޖިލީހެކޭ. އަޅުގަނޑުމެންނަށް އެތާތެރެއަކަށް ވަންނާކަށް ފުރުސަތެއް ނުދޭ. ޖަލްސާއެއް އަޅުގަނޑުމެން ބާއްވަން އެދިގެން އެފުރުސަތެއް ނުލިބޭ. ވަޒީރަކާއި ސުވާލުކުރުމުގެ ފުރުސަތެއް ނުލިބޭ. އަޅުގަޑުމެންނަށް ބަހުސްގަ ވައިވެރިވުމުގެ ފުރުސަތުވެސް ނުލިބޭ" 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަލީ އާޒިމް ވިދާޅުވިއެވެ.

މަޖިލީހުގެ ޤަވާއިދަށް ބަދަލު ގެނައުމުގައި އެންމެބޮޑު ސަމާލުކަމެއް ދީފައިވަނީވެސް މެމްބަރުންގެ މެދުގައި އޮތް ތަފާތުކުރުން ނައްތާލުމަށްކަމަށް އާޒިމް ވިދާޅުވިއެވެ. އެގޮތުން އިދިކޮޅު މެމްބަރެއްވިޔަސް އަދި ސަރުކާރަށް ތާއީދުކުރާ މެމްބަރަކަށްވިޔަސް މަޖިލީހުގައި ބަހުސް ކުރުމަށް އެއްވަރަކަށް ވަގުތު ދީފައިވާކަމަށް އާޒިމް ވިދާޅުވިއެވެ. އަދި މިނޫންވެސް މަޖިލީހުގެ ގިނަކަންކަމުގައި އިދިކޮޅު މެމްބަރުންނަށް ގިނަ ފުރުސަތުތަކެއް ފަހިކޮށްފައިވާކަމަށް އާޒިމް ވިދާޅުވިއެވެ.