ޚަބަރު

ތުހުމަތުތައް ކުރެވޭ ފަރާތްތައް ކޮމިޝަންތަކުން ވަކިކޮށް އަންނަ މަހު އައު މެންބަރުން އައްޔަންކުރަނީ


ޖުލައި މަސް ނިމުމުގެ ކުރިން މިނިވަން މުވައްސަސާތަކުގައި ތިއްބެވި ތަފާތުއެކި ތުހުމަތުތައް ކުރެވޭ މެމްބަރުންތައް ކޮމިޝަންތަކުން ވަކިކޮށް، އައްޔަން ކުރަންޖެހޭ މީހުން މަޤާމުތަކަށް އައްޔަން ކުރެވިގެންދާނެ ކަމުގައި ރައްޔިތުންގެ މަޖިލީގުގެ މެޖޯރިޓީ ލީޑަރު ޢަލީ އާޒިމް ވިދާޅުވެއްޖެއެވެ.

މިނިވަން މުވައްސަސާތަކަށް މެމްބަރުން އައްޔަން ކުރުމުގައާއި، ތުހުމަތުތައް ކުރެވޭ މެމްބަރުން ވަކިކުރުމުގައި ލަސްވާ ލަސްވުމާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ "ބާބު 3" ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ ކުރީ ސަރުކާރުގައި ކޮމިޝަންތަކަށް އައްޔަން ކުރައްވާފައިވާ ބޭފުޅުންނާއިއެކު މަސައްކަތް ނުކުރެވޭނެކަން މިހާތަނަށްވެސް ހާމަވެފައިވާކަމަށެވެ. އެގޮތުން ޒިންމާތަކާއި މަސްއޫލިއްޔަތުތައް އަދާކުރެއްވުމުގައި އެކަށީގެންވާ މަސައްކަތް ނުކުރެވުމާއި، ނާޖައިޒްކަންކަން ކުރުމާއި، ސިޔާސީ ކަންކަމުގައި ހަރަކާތްތެރިވުމަކީ މިނިވަން ކޮމިޝަންތަކާއިމެދު ރައްޔިތުންގެ އިތުރުބާރު ގެއްލިގެންދިޔަ ސަބަބުތައްކަމަށް އާޒިމް ވިދާޅުވިއެވެ.

މިނިވަން ކޮމިޝަންތަކުގެ ތެރޭގައި ތިއްބެވި މިފަދަ އެކި ތުހުމަތުތައް ކުރެވޭ ބޭފުޅުން މަޤާމުތަކުން ވަކިކުރުމުގެ މަސައްކަތް މަޖިލީހުގެ ތެރެއިން ކުރިއަށްދާކަމަށް އާޒިމް ވިދާޅުވިއެވެ. މީގެކުރިން ކޮމިޝަންތަކުން މެމްބަރުން ވަކިކުރުމުގައި އެއްވެސް އުސޫލެއް ގެންގުޅެފައި ނުވާކަމަށް ތުހުމަތު ކުރައްވާ އާޒިމް ވިދާޅުވީ ކޮމިޝަންތަކުން މީހުން ވަކިކުރުމުގައި ވަކި އުސޫލުތަކަކާއި ހަމަތައް ބަޔާންކޮށްފައިވާކަމަށާއި އެކަން ކުރާނީ އެ އުސޫލުތަކުގެ ތެރެއިން ކަމަށެވެ. އެގޮތުން މިފަދަ މީހުން މަޤާމުތަކުން ވަކިކުރެވޭނީ، މަޖިލީހުގެ ގަވާއިދާއި އެއްގޮތްވާ ގޮތުގެ މަތީން ތުހުމަތު ކުރެވޭ ކަންކަމާއި، އެކަންކަމަށް ޖަވާބުދާރީ ވުމުގެ ފުރުސަތުވެސް ދިނުމަށްފަހު އަދިވެސް ބަލަންޖެހޭ ކަންކަން ބެލުމަށް ފަހުގައިކަމަށް އޭނާ ވިދާޅުވިއެވެ.

ނިމިދިޔަ ދައުރުގެ ތެރޭގައި ކޮމިޝަންތަކުން އޭރުގެ ރައީސްއާއި، ސިޔާސީ އިސްވެރިން އަންގާ އެންގުންތަކަށް ތަބާވެ، ވަކިގޮތަކަށް ކަންކަން ކޮށްފައިވާކަމަށް އާޒިމް ވަނީ ތުހުމަތު ކުރައްވާފައެވެ. އަދި ބައެއް ކޮމިޝަންތަކުގެ އެންމެ އިސްވެރިން ސިޔާސީ ޖަލްސާތަކާއި، ސިޔާސީ ހަރަކާތްތަކުގައި އަމަލީގޮތުން ބައިވެރިވެ ވަޑައިގެންފައިވާކަމަށްވެސް އާޒިމް ވިދާޅުވިއެވެ.

"މިސާލަކަށް ހިނގާ ބަލަލާމާ ސިވިލްސާވިސް ކޮމިޝަނަށް. ސިވިލްސާވިސް ކޮމިޝަންގައި ތިއްބެވި މެމްބަރުން ޤާނޫނާއި ޚިލާފަށް ވަރަށް ގިނ ަކަންތައްތަކެއް އެބަހުރިކޮށްފަ، ހަޤީގަތުގައި ނިމިދިޔަ 5 އަހަރު. އެގިވަޑައިގަންނަވާނެ ސިވިލްސާވިސް ކޮމިޝަން ރައީސް އަދި އެކޮމިޝަންގެ ބައެއް މެމްބަރުން އެބަތިބި ސިޔާސީ ކަންކަމުގައި ނިކުމެ އަމަލީ ގޮތުން ބައިވެރިވެފަ. ޕީޕީއެމް ތޮފި އަޅާލައިގެން ރައީސް ޔާމީނާއި ޖެހިގެން އެބަތިބޭ ކެންޕެއިން ޖަލްސާތަކުގައި" އާޒިމް ވިދާޅުވިއެވެ.

ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން މަޖިލީހުގެ ގިނަ މަސައްކަތްތަކެއްވެސް މަޑުޖެހި، ހުއްޓުންތަކެއް އައި ކަމުގައިވީނަމަވެސް މިހާރު އަލުން މަސައްކަތްކުރެވޭނެ މަގުފަހިވެ މަޖިލީހުގެ މަސައްކަތްތައް ބާރު ސްޕީޑެއްގައި ކުރެވެމުންދާކަމަށް އާޒިމް ވިދާޅުވިއެވެ. އެގޮތުން ކޮމިޝަންތަކަށް އައްޔަންކުރަންޖެހޭ މީހުން އައްޔަންކުރުމާއި، ވަކި ކުރަންޖެހޭ މީހުން ވަކި ކުރުމުގެ މަސައްކަތްތައް މިހާރުވެސް މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމިޓީން ކުރައްވަމުން ގެންދަވާކަމަށް އާޒިމް ވިދާޅުވިއެވެ. އަދި އަމާޒުހުރީ ޖުލައި މަހުގެ ތެރޭގައި މިމަސައްކަތް އެކީގައި ނިންމާލުމަށްކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"އާމެމްބަރުން އައްޔަންކުރާ އިރު ބަލަންޖެހޭ ކަންކަން އެބަހުރި، ވަކިވަކި ކޮމިޝަންތަކުގައި އެބަހުރި ތަފާތު މިންގަނޑުތަކެއްވެސް. މީގެކުރިން ކަންކަން ކުރިގޮތަށް އަޅުގަނޑުމެން ބޭނުމެއް ނޫންކަންކަން ކުރާކަށް. އެބަހުރި ކޮމިޝަނަށް އަންނަންވެގެން ޕާޓީން ވަކިވެ، އަނެއް ދުވަހު ކޮމިޝަނަށް އޭނާ އައްޔަންކޮށްފަވެސް. ކޮމިޝަންތަކަށް މެމްބަރުން ކަނޑައެޅުމުގައި ވަކި ޕްރޮސަސްތަކެއް އެބަހުރި، މި މަޖިލީހުން އެކަން ކުރާނީ އެ ޕްރޮސަސް ފުރިހަމަކުރުމަށްފަހު" އާޒިމް ވިދާޅުވިއެވެ.

މިނިވަން މުވައްސަސާތަކުގެ ތެރެއިން ގިނަ ކޮމިޝަންތަކެއްގެ މައްސަލަ މިހާރުވެސް ރައްޔިތުންގެ މަޖިލީގު މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމިޓީން ދަނީ ބަލަމުންނެވެ. އޭގެ ތެރޭގައި ސިވިލްސަރވިސް ކޮމިޝަނާއި، ނޭޝަނަލް އިންޓަރގްރިޓީ ކޮމިޝަނާއި، ބްރޯޑްކާސްޓިން ކޮމިޝަންގެ އިތުރުންވެސް ގިނަ ކޮމިޝަންތަކުގެ މައްސަލަތައް އެ ކޮމިޓީން ދަނީ ބަލަމުންނެވެ.