ކުޅިވަރު

އޭޝިއަން ޗެމްޕިއަންޝިޕަށް ޤައުމީ ޓީޓީ ޓީމްގެ ތައްޔާރީ


ޓޭބަލް ޓެނިސް އޭޝިއަން ޗެމްޕިއަންޝިޕަށް ތައްޔާރުވުމަށް ޤައުމީ ޓޭބަލް ޓެނިސް ޓީމް ތައްޔާރުވާން ފަށާނީ މިމަހުގެ 20ން ފެށިގެންކަމަށް ޓޭބަލް ޓެނިސް އެސޯސިއޭޝަނުން ބުނެފިއެވެ. ޓީވީއެމް ސްޕޯޓްސްއަށް މަޢުލޫމާތު ދެއްވަމުން ޓޭބަލް ޓެނިސް އެސޯސިއޭޝަންގެ އޮފިޝަލަކު ވިދާޅުވީ އޭޝިއަން ޗެމްޕިއަންޝިޕަށް ތައްޔާރުވުން ލަސްވަނީ ޓީމްގެ ފަރިތަކުރުންތައް ކުރިޔަށްގެންދާނެ ވަކިތަނެއް ހަމަޖެހިފައިނުވާތީކަމަށެވެ. ނަމަވެސް މިމަހުގެ 20ން ފެށިގެން ޒުވާނުންގެ މަރުކަޒުގެ ޓީޓީހޯލް ފަރިތަކުރުންތަކަށް ދޫކުރާނެ ކަމަށް ކުޅިވަރާބެހޭ ވުޒާރާއިން ވިދާޅުފެވައިވާކަމަށެވެ. އެހެންކަމުން 20ވަނަ ދުވަހުން ފެށިގެން ޤައުމީ ޓީޓީ ޓީމްގެ ފަރިތަކުރުން ފެށޭނެކަމުގެ އުއްމީދު އެބައޮތްކަމަށެވެ. ޓޭބަލް ޓެނިސް އޭޝިއަން ޗެމްޕިއަންޝިޕަކީ ދެއަހަރުން އެއްއަހަރު ބާއްވަމުން އަންނަ މުބާރާތެކެވެ. މިއަހަރު މިމުބާރާތް އޮންނާނީ އަންނަ ސެޕްޓެމްބަރު މަހުގެ 26ން އޮކްޓޯބަރ މަހުގެ ތިނަކަށް ބެންކޮކްގައެވެ. އޭޝިއަން ޗެމްޕިއަންޝިޕަށްދާ ޤައުމީ ޓީޓީ ޓީމްގައި ހިމެނެނީ ފިރިހެން 4 ކުޅުންތެރިންނާއި އަންހެން 4 ކުޅުންތެރިންނެވެ. ޤައުމީ އަންހެން ޓީޓީ ޓީމްވަނީ އެންމެފަހުން ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ޓީމް އިވެންޓުން ލޯމެޑަލް ހޯދާފައެވެ.