އަފްޣާނިސްތާނުގައި ތިބި އެމެރިކާގެ އަސްކަރީ ފައުޖުތަކަށް ޙަމަލާ ދިނުމަށް ޠާލިބާނު ޖަމާޢަތުގެ ހަނގުރާމަވެރިންނަށް ރަޝިޔާއިން އިނާމު ހުށަހަޅާފައިވާކަމަށް އެމެރިކާގެ ޖާސޫސީ އިދާރާތަކުން ބުނެފިއެވެ.
އަފްޣާނިސްތާނަށް ޞުލްޙަ ގެނައުމަށް ޠާލިބާން ޖަމާޢަތާއި އެމެރިކާއާ ދެމެދު މިދިޔަ ފެބްރުއަރީ މަހު ސޮއިކުރި އެއްބަސްވުމުގެ ދަށުން އެމެރިކާ ސިފައިންނާއި ގުޅިފައިވާ އަސްކަރީ އިއްތިޙާދުގެ ފައުޖުތައް އަފްޣާނިސްތާނުން ފޭބުމުގެ މަސައްކަތްވަނީ ފަށައިފައެވެ. އެއްބަސްވުމުގައިވާ ގޮތުން އަފްޣާނިސްތާނުގައި ތިބި އެމެރިކާއާއި ނޭޓޯގެ އަސްކަރީ ފައުޖުތައް ވަކި މުއްދަތެއްގެ ތެރޭގައި އެ ޤައުމުން ފައިބާނެއެވެ. އަދި އެމެރިކާއާއި އެ ޤައުމަށް ވާގިވެރިވާ ޤައުމުތަކަށް ބިރުދެއްކުމަށް އަފްޣާނިސްތާނު ބޭނުން ނުކުރުމަށް އަލްޤައިދާ ހިމެނޭގޮތަށް ހަނގުރާމަވެރި ޖަމާޢަތްތަކުންވަނީ އެއްބަސްވެފައެވެ.
އެމެރިކާގެ ނޫހެއްކަމަށްވާ ނިއު ޔޯކު ޓައިމްސްގައި ޝާއިޢުކޮށްފައިވާ ލިޔުމެއްގައި ބުނެފައިވަނީ އަފްޣާނިސްތާނުގައި ތިބި އެމެރިކާއާއި ގުޅިފައިވާ ފައުޖުތަކުގެ ސިފައިންނަށް ޙަމަލާ ދިނުމަށް ރަޝިޔާގެ ޖާސޫސީ އިދާރާތަކުންވަނީ ޠާލިބާނު ޖަމާޢަތަށް އިނާމު ހުށަހަޅައިފައެވެ. އެ ހުށަހެޅުމުގެ ދަށުން ޠާލިބާނުންގެ ބައެއް ހަނގުރާމަވެރިންނާއި އެ ޖަމާޢަތާ ގުޅުންހުރި އެހެން ހަނގުރާމަވެރި ޖަމާޢަތްތަކަށް ފައިދާތަކެއް ލިބިފައިވާކަމަށް އެ ލިޔުމުގައިވަނީ ބުނެފައެވެ. އެ މަޢުލޫމާތު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަންޕަށް ޙިއްޞާކޮށްފައިވާކަމަށާއި ރަޝިޔާއާމެދު އަޅާނެ ފިޔަވަޅެއް އެމެރިކާގެ ސަރުކާރުން ނިންމާފައިނުވާކަމަށްވެސް އެ ލިޔުމުގައިވަނީ ބުނެފައެވެ.
2019ވަނަ އަހަރު އަފްޣާނިސްތާނުގައި އެމެރިކާގެ 20 ސިފައިންވަނީ މަރުވެފައެވެ. އޭގެ ތެރެއިން ރަޝިޔާއާއެކު އޮތް އެއްބަސްވުމުގެ ދަށުން ޠާލިބާނުން މަރާލާފައިވަނީ ކިތައް މީހުންކަމެއް ސާފެއް ނުވެއެވެ. ރަޝިޔާއިން ބުނީ އެ ޤައުމާ ދެކޮޅަށް އެފަދަ އެއްވެސް ތުޙުމަތެއް ކޮށްފައިވާކަން އެނގިފައިނުވާކަމަށާއި އެފަދަ ތުހުމަތެއް ކޮށްފިނަމަ އެއަށް ޖަވާބުދާރީވާނެކަމަށެވެ. ޠާލިބާނުންގެ ތަރުޖަމާނެއް ކަމަށްވާ ޒާހިބުﷲ މުޖާހިދު ބުނީ އެއްވެސް ޤައުމެއްގެ އެއްވެސް ޖާސޫސީ އިދާރާއަކާ ޠާލިބާނު ޖަމާޢަތާ ގުޅުމެއް ނޯންނާނެކަމަށާއި ނިއު ޔޯކު ޓައިމްސުގައި އެލިޔުން ޝާއިޢުކޮށްފައިވަނީ ޠާލިބާނުންގެ އަގުވައްޓާލުމަށްކަމަށެވެ. އޭނާ ބުނީ މީގެ ކުރިން އެމެރިކާގެ ސިފައިންނަށް އެ ޖަމާޢަތުން ރާވައިގެން ޙަމަލާ ދިން ނަމަވެސް އެ ޖަމާޢަތާއި އެމެރިކާއާ ދެމެދުވެފައިވާ އެއްބަސްވުމުގެ ދަށުން އެމެރިކާގެ ފައުޖުތަކަށް ޙަމަލާ ދިނުން ހުއްޓާލާފައިވާކަމަށެވެ.