ޚަބަރު

ކޯވިޑް-19އާ ދެކޮޅަށް މަސައްކަތްކުރުމަށް 31.3 ބިލިއަން އެމެރިކާ ޑޮލަރު ބޭނުންވޭ


ކޯވިޑް-19އާ ދެކޮޅަށް މަސައްކަތްކުރުމަށް ކުރިއަށް އޮތް 12 މަސް ދުވަހުގެ ތެރޭގައި 31.3 ބިލިއަން އެމެރިކާ ޑޮލަރު ބޭނުންވާނެކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ، ޑަބްލިއުއެޗުއޯ އިސްވެ ބައްޔާ ދެކޮޅަށް މަސައްކަތްކުރުމަށް އުފައްދާފައިވާ ޚާއްޞަ އިއްތިޙާދުން ބުނެފިއެވެ.

އޭސީޓީ އެކްސެލަރޭޓާރ ހަބުގެ ނަން ދީފައިވާ އިއްތިޙާދު އުފައްދާފައިވަނީ މިދިޔަ އޭޕްރިލު މަހުއެވެ. އެ އިއްތިޙާދުގައި ޑަބްލިއުއެޗުއޯގެ އިތުރުން ބޭސް އުފައްދާ ކުންފުނިތަކާއި ބޭސް ފޯރުކޮށްދޭ ޖަމާޢަތްތަކާއި މާލީ އެހީތެރިކަން ފޯރުކޮށްދޭ ޖަމާޢަތްތަކުން ދަނީ މަސައްކަތްކުރަމުންނެވެ. އެ އިއްތިޙާދުގެ ބޭނުމަކީ ކޯވިޑް-19އަށް ތަހުލީލުކުރާ 500 މިލިއަން ކިޓު އުފައްދާ ފޯރުކޮށްދިނުމާއި ބަލީގެ ފަރުވާއެއްގެ ގޮތުގައި ބޭނުންކުރެވިދާނެ ބޭހެއްގެ 245 މިލިއަން ޑޯސް ފަޤީރު އަދި މެދު ފަންތީގެ ޤައުމުތަކަށް 2021ވަނަ އަހަރުގެ ތެރޭގައި ފޯރުކޮށްދިނުމެވެ. ކޯވިޑް-19އާ ދެކޮޅަށް އުފައްދާ ވެކްސިނުގެ 2 ބިލިއަން ޑޯސް ފޯރުކޮށްދިނުމަށްވެސް އެ އިއްތިޙާދުން އުންމީދުކުރެއެވެ. އޭގެ ތެރެއިން 1 ބިލިއަން ޑޯސް ވިއްކާނީ ފަޤީރު އަދި މެދު ފަންތީގެ ޤައުމުތަކަށެވެ.

އޭސީޓީ އެކްސެލަރޭޓާރ ހަބުން ބުނީ އެ އިއްތިޙާދަށް 3.4 ބިލިއަން އެމެރިކާ ޑޮލަރުގެ އެހީތެރިކަން ލިބިފައިވާކަމަށާއި އިތުރު 27.9 ބިލިއަން އެމެރިކާ ޑޮލަރު ބޭނުންވާކަމަށެވެ. އޭގެ ތެރެއިން 13.7 ބިލިއަން އެމެރިކާ ޑޮލަރަކީ މިހާރުން މިހާރަށް ބޭނުންވާ ޢަދަދެއްކަމަށް އެ އިއްތިޙާދުން ބުންޏެވެ. އެ އިއްތިޙާދުން ބުނީ ބޭނުންވާ ފައިސާގެ ޢަދަދަކީ ވަރަށް ބޮޑު ޢަދަދަކަށްވި ނަމަވެސް އެ ޢަދަދަކީ ކޯވިޑް-19ގެ ސަބަބުން ލިބޭނެކަމަށް ލަފާކޮށްފައިވާ ގެއްލުމަށްވުރެ ވަރަށް ކުޑަ ޢަދަދެއްކަމަށެވެ. އޭސީޓީ އެކްސެލަރޭޓާރ ހަބުން ބުނީ އެ އިއްތިޙާދުގެ މަސައްކަތަށް ބޭނުންވާ ފައިސާގެ ޢަދަދަކީ ދުނިޔޭގެ އިޤްތިޞާދަށް ކޮންމެ މަހަކު ލިބެމުންދާކަމަށް ލަފާކޮށްފައިވާ ޢަދަދުގެ ދިހަ ބައިކުޅަ އެއްބަޔަށްވުރެވެސް ދަށް ޢަދަދެއްކަމަށެވެ.