ޚަބަރު

ބައެއް ޤައުމުތަކުން އިނގިރޭސިވިލާތަށް ދަތުރުކުރާ މީހުން ކަރަންޓީނުވާކަށް ނުޖެހޭނެ


ކޯވިޑް-19ގެ ނުރައްކާތެރިކަން ބޮޑު ނޫން ޤައުމުތަކުން އިނގިރޭސިވިލާތަށް ދަތުރުކުރާ މީހުން ކަރަންޓީނުވާން ނުޖެހޭނެކަމަށް އެ ޤައުމުގެ ސަރުކާރުން ބުނެފިއެވެ.

އިނގިރޭސިވިލާތުން ކުރިން ނިންމާފައިވަނީ އެ ޤައުމަށް ދަތުރުކުރާ ހުރިހާ މީހުން 14 ދުވަހުގެ މުއްދަތަށް ކަރަންޓީނުކުރުމަށެވެ. އެ ނިންމުމަށް އެއަރލައިނުތަކާއި ވައިގެ ބަނދަރުތަކުންނާއި ވިޔަފާރިތަކުންވަނީ ވަރަށް ބޮޑަށް ފާޑުކިޔައިފައެވެ. ހީނަރުވެފައިވާ އިޤްތިޞާދު ކޮޅަށް ޖަހަން މަސައްކަތްކުރާ ދަނޑިވަޅެއްގައި އެފަދަ ފިޔަވަޅެއް އަޅައިފިނަމަ ޤައުމުގެ އިޤްތިޞާދަށް އިތުރު ގެއްލުންތަކެއް ލިބޭނެކަމުގެ އިންޒާރު ކަމާބެހޭ މާހިރުންވަނީ ދީފައެވެ. ސިޔާސަތަށް ގެނައި ބަދަލަކީ ޤައުމަށް ލިބޭ އިޤްތިޞާދީ ގެއްލުންތައް ކުޑަކުރުމަށް އަޅައިފައިވާ ފިޔަވަޅެކެވެ.

ތިން ގިންތިއަކަށް ޤައުމުތައް ބަހައި ފެހި އަދި އޮރެންޖު ގިންތީގައި ހިމެނޭ ޤައުމުތަކުން އިނގިރޭސިވިލާތަށް އަންނަ މީހުން ކަރަންޓީނުވާން ނުޖެހޭނެކަމަށް އެ ޤައުމުގެ ސަރުކާރުންވަނީ ނިންމާފައެވެ. ނަމަވެސް ރަތް ގިންތީގައި ހިމެނޭ ޤައުމުތަކުން އަންނަ މީހުން ކަނޑައެޅިފައިވާ އުޞޫލުގެ ދަށުން 14 ދުވަހަށް ކަރަންޓީނުވާން ޖެހޭނެއެވެ.

އިނގިރޭސިވިލާތުގެ ސަރުކާރުން ބުނީ ނުރައްކަލުގެ މިންވަރަށް ބަލައި ޤައުމުތައް ބަހާ ގޮތް ކުރިއަށް އޮތް ހަފުތާގެ ތެރޭގައި އިޢުލާނުކުރާނެކަމަށެވެ. އޭގެ ހަފުތާއެއް ފަހުން އެ އުޞޫލުތަކަށް އަމަލުކުރަން ފަށާނެއެވެ.