ޚަބަރު

އިންޑިޔާގައި ކޯވިޑް-19 ޖެހިފައިވާ މީހުންގެ ޢަދަދު 500،000އަށްވުރެ މައްޗަށް


ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19 ޖެހިފައިވާ 17،000 މީހުން އިންޑިޔާއިން ފެނި އެ ޤައުމުގައި ބަލިޖެހިފައިވާ މީހުންގެ ޖުމްލަ ޢަދަދު 500،000އަށްވުރެ މަތިވެއްޖެއެވެ.

ދުނިޔޭގައި ކޯވިޑް-19ގެ އަސަރު ހަތަރުވަނައަށް އެންމެ ބޮޑަށް ކޮށްފައިވާ ޤައުމަކީ އިންޑިޔާއެވެ. އޭޝިޔާ ސަރަޙައްދުގައި އެންމެ ބޮޑަށް ބަލި ފެތުރިފައިވަނީ ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އާބާދީ އޮންނަ އިންޑިޔާގައެވެ.

އިންޑިޔާގައި ބަލި ފެތުރޭ މިންވަރު ކުރިއަށް އޮތް ދުވަސްތަކުގައި އިތުރުވަމުންދާނެކަމަށް ޞިއްޙީ މާހިރުން ޤަބޫލުކުރެއެވެ. އިންޑިޔާގައި ކޯވިޑް-19 ފެތުރޭ ގޮތް ދިރާސާކުރާ އިދާރާއަކުން ބުނީ ޖުލައި 15ވަނަ ދުވަހުގެ ކުރިން އިންޑިޔާގައި ބަލިޖެހިފައިވާ މީހުންގެ ޢަދަދު 770،000އާއި 925،000އާ ދެމެދުގެ ޢަދަދަކަށް އިތުރުވާނެކަމަށް ބެލެވޭކަމަށެވެ. އިންޑިޔާގެ ސަރުކާރުން ބުނީ އެ ޤައުމުގެ އަމާޒަކީ ބަލި ފެތުރޭ މިންވަރު ދަށްކުރުމުގެ ބަދަލުގައި ބަލީގައި މަރުވާ މީހުންގެ ޢަދަދު ދަށްކުރުންކަމަށެވެ.

ބަލި ޖެހޭ މީހުންގެ ޢަދަދު އިތުރުވެ، ހަސްފަތާލުތަކަށް ބާރުބޮޑުވަމުންދާތީ ހަލުވިކަމާއެކު ބަލި ފެތުރޭ ބައެއް ސިޓީތަކުގައި ދަނީ ބަލި މީހުން އެކަހެރިކޮށް އެމީހުންނަށް ފަރުވާދޭނެ ވަގުތީ މަރުކަޒުތަކެއް ތައްޔާރުކުރުމަށް މަސައްކަތްކުރަމުންނެވެ. 20 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ ވެރިރަށް ނިއު ދިއްލީގައި ކޯވިޑް-19 ޖެހިފައިވާ މީހުންނަށް ފަރުވާ ދިނުމަށް ލިބެން ހުރީ އެންމެ 13،200 އެނދެވެ. ކުރިއަށް އޮތް ހަފުތާތަކުގައި 20،000 އެނދު އިތުރުކުރާނެކަމަށް އެ ސިޓީންވަނީ ބުނެފައެވެ. އޭގެ ތެރެއިން ބައެއް ޞިއްޙީ މަރުކަޒުތައް ބަލަހައްޓާނީ އަސްކަރިއްޔާއިންނާއި އަސްކަރީ ޑޮކްޓަރުންނެވެ.

ބަލި ޖެހޭ މީހުންގެ ޢަދަދު އިތުރުވެ ފަރުވާ ދިނުމަށް އައު ވަގުތީ މަރުކަޒުތަކެއް ޤާއިމުކުރުމުން ޞިއްޙީ ފަރުވާ ދޭ މަރުކަޒުތަކުގައި މަސައްކަތްކުރަން ބޭނުންވާ ޢަދަދަށް މުވައްޒަފުން ނުލިބިދާނެކަމުގެ ކަންބޮޑުވުންވަނީ އިތުރުވެފައެވެ. ބަލި މީހުންގެ ޙާލަތަށް ރިޢާޔަތްކޮށް ބޮޑަށް މުހިންމުކަން ދޭންވީ ބަލިމީހުން ފާހަގަކުރާ ނިޒާމު އިތުރަށް ހަރުދަނާކުރުމަށްކަމަށް ބައެއް ސިޓީތަކުގެ ޞިއްޙީ އިދާރާތަކުން ދަނީ ގޮވާލަމުންނެވެ. ފަރުވާގެ ބޭނުން އެންމެ ބޮޑަށް ޖެހިފައިވާ މީހުންނަށް ފަރުވާ ލިބޭނޭކަން ޔަޤީންކުރުމަކީ މުހިންމުކަމެއްކަމަށް ޞިއްޙީ މާހިރުން ދަނީ ބުނަމުންނެވެ.