ޚަބަރު

ޗައިނާގެ އިސްވެރިންނަށް ވިސާ ދޫނުކުރަން އެމެރިކާއިން ނިންމައިފި


ޤައުމީ ސަލާމަތާ ބެހޭ ޤާނޫނެއް ހޮންގްކޮންގުގައި ތަންފީޒުކުރުމަށް ނިންމުމާ ގުޅިގެން ޗައިނާގެ ސަރުކާރުގެ އިސްވެރިންނަށް ވިސާ ދޫނުކުރަން އެމެރިކާގެ ސަރުކާރުން ނިންމައިފިއެވެ.

އެމެރިކާގެ ނިންމުން އިޢުލާނުކުރައްވާފައިވަނީ އެ ޤައުމުގެ ޚާރިޖީ ވަޒީރު މައިކް ޕޮންޕެއޯއެވެ. ނަމަވެސް ވިސާ ދޫނުކުރަން ނިންމާފައިވާ އިސްވެރިންގެ ނަންތަކެއް އޭނާ ހާމަކުރައްވާފައެއް ނުވެއެވެ. އެމެރިކާއިން އެ ފިޔަވަޅު އަޅާފައިވަނީ ހޮންގްކޮންގުގައި ޤައުމީ ސަލާމަތާ ބެހޭ ޤާނޫނު އެކުލަވާލުމަށް ޗައިނާގެ ޤާނޫނުހަދާ މަޖިލީހުން ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ. ޕޮންޕެއޯ ވިދާޅުވީ އެ ނިންމުމުގެ އަސަރު ކުރާނީ ހޮންގްކޮންގުގެ މިނިވަންކަމަށް ހުރަސްއަޅަން މަސައްކަތްކޮށްފައިވާ ޗައިނީސް ކޮމިއުނިސްޓު ޕާޓީގެ ކުރީގެ އަދި މިހާރުގެ މެންބަރުންނަށްކަމަށެވެ.

ޗައިނާގެ އިސްވެރިންނަށް ވިސާ ދޫނުކުރަން ނިންމި ނިންމުމަކީ ހޮންގްކޮންގުގެ މައްސަލައިގައި އެމެރިކާއިން އަޅާފައިވާ ފުރަތަމަ މައިގަނޑު ފިޔަވަޅެވެ. ނަމަވެސް އެމެރިކާގެ ސެންޓަރ ފޮރ ސްޓްރެޓެޖިކް އެންޑް އިންޓަނޭޝަނަލް ސްޓަޑީސްގެ އޭޝިޔާ ސަރަޙައްދުގެ މާހިރެއްކަމަށްވާ ބޮނީ ގްލޭސާ ވިދާޅުވީ ވިސާ ދޫނުކުރަން ނިންމާ ނިންމުންތަކަކީ ޢާންމު ގޮތެއްގައި ރަމްޒީ ނިންމުމެއްކަމަށާއި ފިޔަވަޅު އަޅަން ނިންމާފައިވާ މީހުންގެ ނަން އިޢުލާނުކޮށްފައިނުވުމަކީ އެ ފިޔަވަޅުގެ އަސަރު ކުޑަވާނެ ސަބަބަކަށް ވެދާނެކަމަށެވެ.

ހޮންގްކޮންގަކީ ޗައިނާގެ ބައެއް ނަމަވެސް އެ ސަރަޙައްދުގައި އޮންނަނީ ވަކި ސަރުކާރެކެވެ. ހޮންގްކޮންގަށް އިތުރު މިނިވަންކަން ދިނުމަށް ގޮވާލާ މިދިޔަ އަހަރުން ފެށިގެން އެ ޤައުމުގައި ދަނީ ބޮޑެތި މުޒާހަރާތަކެއް ކުރަމުންނެވެ. ޗައިނާއިން ހުށަހަޅާފައިވާ އައު ޤާނޫނުތަކަށް ޚާރިޖީ ފަރާތްތަކުންނާއި ވިޔަފާރިތަކުންނާއި އިންވެސްޓަރުންވެސްވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ގިނަ ބަޔަކު ދެކޭ ގޮތުގައި ޗައިނާއިން ތަޢާރަފުކުރަން މަސައްކަތްކުރާ އައު ޤާނޫނުތަކުގެ ސަބަބުން ހޮންގްކޮންގުގެ މިނިވަންކަމަށް ހުރަސްއެޅޭނެކަމަށާއި އެއް ޤައުމެއްގެ ގޮތުގައި އޮތް ނަމަވެސް އަމިއްލަ ސަރުކާރަކުން ހޮންގްކޮންގު ހިންގުމަށް ހުރަސްއެޅޭނެކަމަށެވެ. މިދިޔަ މަހުގެ ތެރޭގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަންޕްވަނީ ޗައިނާގެ ނިންމުމާ ދެކޮޅު ހެދުމުގެ ގޮތުން އެމެރިކާއިން ހޮންގްކޮންގަށް ދީފައިވާ ޚާއްޞަ އިޤްތިޞާދީ އިނާޔަތްތައް ކަނޑާލާފައެވެ.

އެމެރިކާގައި ހުންނަ ޗައިނާގެ އެންބަސީގެ ތަރުޖަމާނެއްކަމަށްވާ ފެންގް ހޮންގް ވިދާޅުވީ އެމެރިކާގެ ނިންމުމަށް ޗައިނާއިން ދެކޮޅު ހަދާކަމަށާއި ޗައިނާއިން ތަންފީޒުކުރަން ނިންމާފައިވާ ޤާނޫނު އަމާޒުކުރަނީ ޤައުމީ ސަލާމަތަށް އަސަރުކޮށްފާނެ ވަރަށް މަދު ޢަމަލުތަކަކަށްކަމަށެވެ.