ކޯވިޑް-19 ޖެހޭ މީހުންނަށް ދިމާވާ އިތުރު ޞިއްޙީ މައްސަލަތައް ދެނެގަނެވިފައިވާކަމަށް ސައިންސުވެރިން ބުނެފިއެވެ.
ކުރިން ގާބޫލުކުރެވުނު ގޮތުގައި ކޯވިޑް-19އަކީ ނޭވާލާ ނިޒާމަށް ޖެހޭ ބައްޔެކެވެ. ނަމަވެސް ފަހުގެ ހޯދުންތަކުން އެނގޭ ގޮތުގައި ކޯވިޑް-19 ޖެހި ރަނގަޅުވުމުންވެސް އެތައް އަހަރެއްވަންދެން އެ ބަލީގެ އުނދަގޫތައް ހަށިގަނޑުގައި ދެމިހުރުން އެކަށީގެންވެއެވެ.
ކެލިފޯނިއާގެ ސްކްރިޕްސް ރިސާޗް ޓްރާންސްލޭޝަން އިންސްޓިޓިއުޓުގެ ޑިރެކްޓަރު ޑރ. އެރިކް ޓޮޕޮލް ވިދާޅުވީ ކުރިން ޤަބޫލުކުރެވުނު ގޮތާ ޚިލާފަށް ކޯވިޑް-19 ޖެހުމުން ނޭވާލުމުގެ ނިޒާމުގެ އިތުރުން ހަށިގަނޑުގެ އެހެން ގުނަވަންތަކަށްވެސް އަސަރުކުރެއެވެ. ލޭ ގަނޑުވުމުގެ މައްސަލަތައް ދިމާވެ ސްޓްރޯކު ޖެހުމުގެ ފުރުޞަތު ބޮޑުވާކަމަށާއި އެއް ފަހަރާ ގިނަ ޢަދަދެއްގެ ގުނަވަންތަކަށް އަސަރުކުރާ އާދަޔާޚިލާފު ދުޅަވުމެއްވެސް އެ ބަލީގެ ސަބަބުން ކުރިމަތިވާކަމަށް އައު ހޯދުންތަކުންވަނީ ފާގަހަވެފައެވެ. އޭގެ އިތުރުން ބޮލުގައި ރިހުމާއި ބޯ އެނބުރުމާއި ރަހަ ނުލުމާއި ވަސް ނުދުވުމާއި ފިޓު ޖެހުމާއި ވާނުވާ ނޭނގުމަކީވެސް ބަލީގެ ސަބަބުން ދިމާވާ ބައެއް މައްސަލަތަކުގެ ގޮތުގައި ސައިންސުވެރިންވަނީ ފާހަގަކޮށްފައެވެ. ކޯވިޑް-19ގެ ސަބަބުން ކުރިމަތިވާ ޞިއްޙީ ގިނަ މައްސަލަތަކުން އަރައިގަތުމަށް ގިނަ ދުވަސްތަކެއް ނަގާނެކަމަށާއި މީހުންގެ ދިރިއުޅުމުގެ ފެންވަރަށް ބޮޑެތި ބަދަލުތަކެއް އައުން އެކަށީގެންވާކަމަށްވެސް ސައިންސުވެރިން ބުނެއެވެ.
ޗިކާގޯގެ ނޯތު ވެސްޓަން މެޑިސިންގައި މަސައްކަތްކުރާ ހިތުގެ ޚާއްޞަ ޑޮކްޓަރެއްކަމަށްވާ ޑރ. ސާދިޔާ ޚާން ވިދާޅުވީ ކޯވިޑް-19 ޖެހި ރަނގަޅުވުމުންވެސް ޞިއްޙީ ގިނަ އުނދަގޫތަކަކާ ކުރިމަތިލާންޖެހޭނެކަމަށް ޤަބޫލުކުރެވޭކަމަށެވެ. އޭނާ ވިދާޅުވީ އައިސީޔޫގައި ފަރުވާދިން މީހުންނާއި ވެންޓިލޭޓަރު ބޭނުންކޮށްގެން ފަރުވާދިން މީހުން ބަލި ޖެހުމުގެ ކުރިން ހުރި ޙާލަތަށް އަނބުރާ ރުޖޫޢަވުމަށް ގިނަ ދުވަސްތަކެއް ވަންދެން ތެރަޕީ ދޭންޖެހޭނެކަމަށެވެ. ކުރިއާ އެއްވަރަށް ހަށިގަނޑުގެ ގަދަފަދަކަން އިތުރުނުވުމަކީވެސް އެކަށީގެންވާ ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.
ކޯވިޑް-19ގެ އަލާމަތްތައް ބަލިޖެހޭތާ ދެ ތިން ހަފުތާގެ ތެރޭގައި ނުފެނުނު ނަމަވެސް ގިނަ ދުވަސްތަކެއް ވަންދެން ނޭވާ ކުރުވާކަމަށާއި ވަރުބަލިވާކަމަށްވަނީ ފާހަގަވެފައެވެ. އެ ޢަލާމާތްތައް ދެމިހުންނާނީ ކިހާ ދުވަހަކަށްކަން ބުނަން ނޭނގޭކަމަށް ސައިންސުވެރިން ބުނެއެވެ. ބަލި ޖެހި ރަނގަޅުވި ކޮންމެ 10 މީހަކުން އެކަކަށް ގިނަ ދުވަސްތަކެއް ވަންދެން ބަލީގެ ޢަލާމާތްތައް ތަޙައްމަލުކުރަން ޖެހޭކަމަށް އޮކްސްފޯޑު ޔުނިވާސިޓީގެ ޑރ. ހެލެން ސަލިސްބަރީ ވިދާޅުވިއެވެ. ބްރިޓިޝް މެޑިކަލް ޖާނަލުގައި ޑރ. ސަލަސްބަރީ ލިޔުއްވާފައިވާ ގޮތުގައި ބަލި ޖެހުމުގެ ކުރިން ބުންވަރު ރަނގަޅު މީހުން ބަލި ޖެހި ރަނގަޅުވުމުން ސިޑިއަކުން އަރާލުމުންވެސް ވަރުބަލިވާނަމަ ނުވަތަ ގިނަގިނައިން ކެއްސާ ވަރުބަލިވާނަމަ ކުރީގެ ޞިއްޙަތަށް ދުވަހަކުވެސް އަނބުރާ ރުޖޫޢަ ނުވެދާނެކަމުގެ ބިރު އޮތްކަމަށެވެ.
ކޯވިޑް-19 ޖެހި ރަނގަޅުވުމަށްފަހު ކުރިމަތިވާ ނާރާއި ސިކުނޑީގެ މައްސަލަތަކަކީ ދާއިމީ މައްސަލައެއްތޯ ދެނެގަތުމަށް ސައިންސުވެރިންވަނީ ތަހުލީލުތަކެއް ކުރަން ފަށައިފައެވެ.