ކޯވިޑް-19ގެ ސަބަބުން ކުރިމަތިވި އިޤްތިޞާދީ ހީނަރުކަމުގެ ސަބަބުންނާއި ވަޞީލަތްތައް މަދުވުމުގެ ސަބަބުން އިތުރަށް ރޮހިންޔާ މުސްލިމުންނަށް އެ ޤައުމުން ޖާގަ ދެވެން ނެތްކަމަށް މެލޭޝިޔާގެ ސަރުކާރުން ބުނެފިއެވެ.
މުސްލިމުންގެ ބޮޑު އާބާދީއެއް އޮންނަ މެލޭޝިޔާއަކީ އައު ދިރިއުޅުމެއް ހޯދުމަށް މަސައްކަތްކުރަމުންދާ ރޮހިންޔާ މުސްލިމުން ޙިޖުރަކުރުމަށް މަޤުބޫލު ޤައުމެކެވެ. ނަމަވެސް މެލޭޝިޔާއަކީ ރަސްމީ ސިފައެއްގައި އެގޮތަށް ހިޖުރަކުރާ މީހުންގެ މަޤާމު ބަލައިގަންނަ ޤައުމެއް ނޫނެވެ. ކޯވިޑް-19 ފެތުރެނީ ޤައުމަށް އަންނަ ބިދޭސީންގެ ފަރާތުންކަމަށާއި ދަޢުލަތުގެ މާލިއްޔަތުގައި ހުރި ފައިސާ ޚަރަދުކުރަން ޖެހެނީ ބިދޭސީންނަށްކަމަށް ބުނެ މެލޭޝިޔާގެ ގިނަ ޢަދަދެއްގެ ރައްޔިތުން ޝަކުވާކުރެއެވެ. ފާއިތުވި ހަފުތާތަކުގައި ރޮހިންޔާ މުސްލިމުން ގޮވައިގެން މެލޭޝިޔާއަށް ދަތުރުކުރި ގިނަ ޢަދަދެއްގެ ބޯޓުތަކުން މީހުން ފޭބުމުގެ ޙުއްދަ ނުދީ އެ ބޯޓުތައް އަނބުރާ ފޮނުވާލައި އެތައް ސަތޭކަ މީހުންވަނީ ބަންދުކޮށްފައެވެ.
އާސިއާންގެ ޤައުމުތަކުގެ އިސްވެރިންގެ މެދުގައި ބޭއްވި ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މެލޭޝިޔާގެ ބޮޑުވަޒީރު މުޙްޔިއްދީން ޔާސީން ވިދާޅުވީ އެ ޤައުމުގެ ވަޞީލަތްތައް މަދުކަމަށާއި ކޯވިޑް-19ގެ ސަބަބުން ޤައުމުގެ ޙާލަތު އިތުރަށް ގޯސްވެފައިވާކަމަށެވެ. އެހެންކަމުން މެލޭޝިޔާއަށް ހިޖުރަކުރާ ހުރިހާ މީހުން އެ ޤައުމުން ބަލައިގަންނާނެކަމަށް ދެކިގެންނުވާނެކަމަށް އޭނާ ވިދާޅުވިއެވެ. މެލޭޝިޔާގައި ތިބި ރޮހިންޔާ މުސްލިމުން އެހެން ޤައުމުތަކަށް ބަދަލުކުރުމުގެ މަސައްކަތް އަވަސްކުރުމަށް ބޮޑުވަޒީރު މުޙްޔިއްދީންވަނީ އދއަށް ގޮވާލައްވާފައެވެ.
މެލޭޝިޔާއަށް 100،000އަށްވުރެ ގިނަ ރޮހިންޔާ މުސްލިމުން ހިޖުރަކޮށްފައިވާކަމަށް އދގެ ރެފިއުޖީންނާބެހޭ އިދާރާއިން ބުނެއެވެ. ނަމަވެސް އެ ޤައުމަށް ހިޖުރަކޮށްފައިވާ ރޮހިންޔާ މުސްލިމުންގެ ޢަދަދު އެއަށްވުރެ އިތުރުވާނެކަމަށް އިންސާނީ ހައްޤުތަކަށް މަސައްކަތްކުރާ ޖަމާޢަތްތަކުން ބުނެއެވެ.