ވިޔަފާރި

ކޯވިޑް-19 : ކޮންމެ 10 ވިޔަފާރިއަކުން 5 ވިޔަފާރިއަކަށް އަސަރުކުރި


ކޯވިޑް19ގެ ސަބަބުން އިޤްތިޞާދީގޮތުން ކުރިމަތިވި ގެއްލުންތަކުގެ ސަބަބުން ކޮންމެ 10 ވިޔަފާރިއަކުން 5 ވިޔަފާރިއަކަށް އަސަރުކުރިކަމަށް ރާއްޖޭގައި ކުރިއަށްގެންދިޔަ ދިރާސާއަކުން ދައްކައިފިއެވެ.

ރައްޖޭގައި ފާހަގަކޮށްލެވޭ ޞިއްހީ ތަޖުރިބާކާރުންނާއި އިޤްތިޞާދީ މާހިރުންގެ ޓީމަކުން ކުރިއަށްގެންދިޔަ ދިރާސާއިން ދެއްކި ގޮތުގައި ރާއްޖޭގައި ހިންގާ ކޮންމެ 10 ވިޔަފާރިއަކުން 5 ވިޔަފާރިއަކަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ. އަދި ކޮންމެ 10 ވިޔަފާރިއަކުން 4 ވިޔަފާރިއަކަށް ލިބެމުންދިޔަ އާމްދަނީ އެއްކޮށް ހުއްޓުނުކަމަށްވެސް މިދިރާސާއިން ދައްކައެވެ. ދިރާސާއިން ދައްކާގޮތުން މާބޮޑު އަސަރެއް ނުވަތަ އެއްގޮތަކަށްވެސް އަސަރެއް ނުކުރަނީ ކޮންމެ 10 ވިޔަފާރިއަކުން 1 ވިޔަފާރިއަކަށެވެ.

ދިރާސާގައިވާ ގޮތުން ކޯވިޑްގެ ކުރިން ރާއްޖޭގެ އާބާދީގެ 71 އިންސައްތައަށް އާމްދަނީ ލިބެނީ ވަޒީފާއަކަށް ގޮސްގެނެވެ. 16 އިންސައްތަ މީހުންނަށް އާމްދަނީ ލިބެނީ ވިޔަފާރިކޮށްގެނެވެ. 6 އިންސައްތައަށް ކުއްޔާއި ޕެންޝަނުން އާމްދަނީ ލިބޭއިރު، 7 އިންސައްތަ މީހުންނަށްއެއްވެސް އާމްދަނީއެއް ނުލިބެއެވެ.

ދިރާސާއިން ދައްކާގޮތުން ކޯވިޑްގެ ސަބަބުން ވަޒީފާ އަދާކުރަމުންދިޔަ ކޮންމެ 10 މީހެއްގެ ތެރެއިން އެކަކަށް ލިބެންމުންދިޔަ އާމްދަނީ އެއްކޮށް ބަންދުވިއެވެ. އަދި ވަޒީފާ އަދާކުރާ ކޮންމެ 10 މީހެއްގެ ތެރެއިން 3 މީހަކަށް ލިބުނު އާމްދަނީ މަދުވިއެވެ. ދިރާސާއިން ދައްކާގޮތުން ވަޒީފާ ސަލާމަތްވީ ކޮންމެ 10 މީހެއްގެ ތެރެއިން 5 މީހެއްގެއެވެ. އަދި ކުރިއަށްއޮތް 10 މަސްދުވަހުގެ ތެރޭގައި ކޮންމެ 10 މީހެއްގެ ތެރެއިން އެކެއްގެ ވަޒީފާ ގެއްލިދާނޭކަމަށް މި ދިރާސާއިން ދައްކައެވެ.

އޮންލައިންކޮށް ކުރިއަށްގެންދިޔަ މިދިރާސާގައި 2697 މީހުން ބައިވެރިވެފައިވާއިރު، މިއީ ނެޝަނަލް ހެލްތު ރީސާޗް ކައުންސިލުން ފާސްކޮށް. ޤައުމީ ޔުނިވަރސިޓީގައި ރަޖިސްޓްރީކޮށްފައިވާ ދިރާސާއެކެވެ. ދިރާސާ ކުރިއަށްގެންދިޔަ ޓީމުގައި، ކުރީގެ ގަވަރުނަރު ޑރ. ފަޒީލް ނަޖީބް، ޑރ. ޝީނާ މޫސާ، ޑރ. މަރިޔަމް ސުޒާނާ، ޑރ. ރަހީމާ އަބްދުއްރަހީމް ހިމެނިވަޑައިގަންނަވައެވެ.