މުނިފޫހިފިލުވުން

ބައިސްކަލުގައި ބަައްޕަ ގޮވައިގެން ދިގު ދަތުރެއްކުރި ޖޯތީއަށް ފަރަޙްޚާންގެ އެހީ

ކޯވިޑް-19ގެ ސަބަބުން އިންޑިއާގައި ފުރަބަންދު އިޢުލާންކުރުމުން އެކަމުގެ އެންމެ ބޮޑު ގެއްލުމެއް ލިބުނީ، ވަޒީފާ އަދާކުރުމަށް އެއް އަވަށުން އަނެއް އަވަށަށް ދަތުރުކުރާ މަސައްކަތްތެރިންނަށެވެ. ފުރަބަންދުގެ ސަބަބުން އަމިއްލަ ވަޒަނަށް ނުދެވި އެތައް ހާސް މަސައްކަތްތެރިންނެއް އިންޑިއާގެ އެކި ސްޓޭޓްތަކުގައި ތާށިވިއެވެ. އަދި ޕަބްލިކް ޓްރާންސްޕޯޓުގެ ޚިދުމަތް ލިބެންނެތުމުން ގިނަ ބަޔަކު ވަނީ ފައިމަގުގަޔާއި، ބައިސްކަލުގައި އަމިއްލަ ވަޒަނަށް ދިއުމުގެ މަސައްކަތްކުރަމުންނެވެ.

މިފަދަ އެއް ފަރާތަކީ އިންޑިއާގެ ބިހާރު ސްޓޭޓްގެ ދަރްބަންގާ އަވަށަށް އުފަން އުމުރުން އެންމެ 15 އަހަރުގެ ޖޯތީ ކުމާރީ ޕަސްވަނެވެ. ޖޯތީވަނީ ދިއްލީގައި ހުރި އޭނާގެ ބަލި ބައްޕަ ގޮވައިގެން ދަރްބަންގާއި ދެމެދު ގާތްގަނޑަކަށް 1200 ކިލޯމީޓަރުގެ ރާސްތާއެއް ބައިސްކަލުގައި ދަތުރުކޮށްފައެވެ. އޭނާގެ މި ދަތުރަަށް ހަފްތާއެއްހާ ދުވަސް ހޭދަވިއިރު، ގިނަ ދުވަސްދުވަހު އޭނާހުރީ ބަނޑުހައިކަންމަތީގައެވެ. ޖޯތީގެ ހިތްވަރަށް ގިނަ ބަޔަކު ތަޢުރީފުކޮށްފައިވާއިރު، އޭނާގެ މި ވާހަކަ ވަނީ އިންޑިއާގެ މީޑިއާތަކުގެ އިތުރުން ބައިނަލްއަޤްވަމީ މީޑިއާތަކުގެ ސަމާލުކަންވެސް ހޯދާފައެވެ.

އެހާ ޅަ އުމުރެއްގައި ޖޯތީ ދެއްކި ނަމޫނާގެ ސަބަބުން ޖޯތީއާއި އޭނާގެ އާއިލާއަށް އެކި ފަރާތްތަކުން ވަނީ އެހީތެރިކަން ފޯރުކޮށްދޭން ފަށާފައެވެ. އޭގެ ތެރެއިން އެކަކަކީ ބޮލީވުޑްގެ އެންމެ ކާމިޔާބު އަދި އެންމެ ނުފޫޒުގަދަ އެއް ޑައިރެކްޓަރ ފަރަޙް ޚާނެވެ. ފަރަޙް ވަނީ ޖޯތީއާއި އޭނާގެ ދެ ކޮއްކޮ ކިޔަވާ ނިމެންދެން، އެމީހުންގެ ކިޔެވުން ކޮންމެ އަހަރަކު ސްޕޮންސަރކޮށްދޭން ނިންމާފައެވެ. މިކަމާގުޅޭގޮތުން ރަސްމީ ސިފައެއްގައި ފަރަޙް ވަކި އެއްޗެއް ހާމަކޮށްފައިނުވި ނަމަވެސް، މިކަން އޭނާގެ ގާތްފަރާތަކުން ވަނީ ޔަޤީންކޮށްދީފައެވެ.

ޖޯތީގެ ބައްޕަ މޯހަން ޕަސްވަނަކީ ދިއްލީގެ ފައިނޭންޝަލް އަދި ޓެކްނޮލޮޖީ ހަބެއްގެގޮތުގައި މަޝްޙޫރުވެފައިވާ އަވަށެއްކަމަށްވާ ގުރުގްރާމުގައި ރިކްޝާ ޑްރައިވަރެއްގެ ވަޒީފާ އަދާކުރަމުންދިޔަ މީހެކެވެ. ނަމަވެސް ދިމާވި އެކްސިޑެންޓެއްގެ ސަބަބުން ލިބުނު އަނިޔާތަކަކާ ގުޅިގެން އޭނާއަށް އެ މަސައްކަތް އިތުރަށް ކުރެވޭގޮތް ވަނީ ނުވެފައެވެ. ޖޯތީ އޭނާގެ ބައްޕަގެ ގާތަށްދިޔައީ ބައްޕަގެ ޙާލާއިހުވާލު ބަލާލުމަށެވެ. އެއީ މިއަހަރުގެ މާރިޗުމަހުގެ ތެރޭގަައެވެ. ނަމަވެސް ފުރަބަންދު އިޢުލާންކުރުމާގުޅިގެން ޖޯތީއާއި އޭނާގެ ބައްޕަވެސް އަމިއްލަ ވަޒަނަށް ނުދެވި ދިއްލީގައި ތާށިވިއެވެ. އޭރު އޭނާގެ ބައްޕަގެ އަތުގައިވެސް އެހާ ފައިސާނެތުމުން، ޖޯތީ ބައިސްކަލެއް ހޯދާފައިވަނީވެސް އެކި މީސްމީހުން ކައިރިން ސަލާންޖަހައިގެންނެވެ.

ޖޯތީއާއި އޭނާގެ ދެ ކޮއްކޮގެ ކިޔެވުން ޑައިރެކްޓަރ ފަރަޙް ސްޕޮންސަރކޮށްދީފައިވާއިރު، ބިހާރުގެ ލޮކް ޖަންޝަކްތީ ޕާޓީންވެސްވަނީ ޖޯތީ ޝަޢުގުވެރިވާ ދާއިރާއަކުން ކިޔެވުމަށް ސްޕޮންސަރޝިޕް ދޭނެކަމަށް ބުނެފައެވެ. އަދި އުއްތަރް ޕްރަދޭޝްގެ ސަމަޖްވާދީ ޕާޓީންވެސް ވަނީ އެއްލައްކަ ރުޕީސްގެ މާލީ އެހީ ޖޯތީގެ އާއިލާއަށް ހަދިޔާކޮށްދީފައެވެ. މީގެ އިތުރުން އިންޑިއާގައި ހިސާބު އިލްމަށް މަޝްހޫރު ޓީޗަރު އާނަންދު ކުމާރު ހިންގާ ކޯޗިންގ ސެންޓަރ "ސުޕަރ-30" އިން އައި.ޓީއާއި ޓެކްނޮލޮޖީގެ ރޮނގުން ކުރިއަށްދާން ބޭނުންވާނަމަ، ހިލޭ އެ ފުރުޞަތު ފަހިކޮށްދޭނެކަން އާނަންދު ވަނީ ހާމަކޮށްފައެވެ.