އެކި މައްސަލަތަކުގައި 2019ވަނަ އަހަރު ފުލުހުން އަތުލައިގަނެފައިވާ މަސްތުވާތަކެތީގެ ޢަދަދު 4 ގުނަ އިތުރުވެފައިވާކަމަށް ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެންބީއެސް)ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެންބީއެސްއިން ނެރިފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން 2019ވަނަ އަހަރު ފުލުހުން ވަނީ ހަތަރު ސަތޭކަ އަށެއް ޕޮއިންޓު ތިނެއް ކިލޯ ގްރާމްގެ މަސްތުވާތަކެތި އަތުލައިގަނެފައެވެ.
މިއަދު ފާހަގަކުރާ ދުނިޔޭގެ މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރާ ބައިނަލްއަޤްވާމީ ދުވަހާ ގުޅުވައިގެން ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިންވަނީ މަސްތުވާތަކެތީގެ މައްސަލަތަކާއި މިފަދަ މައްސަލަތަކުގައި އަތުލައިގަނެފައިވާ މަސްތުވާތަކެތީގެ މިންވަރާއި ހައްޔަރުކުރެވިފައިވާ މީހުންގެ ތަފާސްހިސާބު ޢާންމުކޮށްފައެވެ. މިގޮތުން ޢާންމުކޮށްފައިވަނީ 2014 އަހަރުން ފެށިގެން 2019ވަނަ އަހަރާއި ހަމަޔަށް އެއްކުރެވިފައިވާ ތަފާސްހިސާބުތަކެވެ.
މިތަފާސްހިސާބުތައް ދައްކާގޮތުން 2019ވަނަ އަހަރު ފުލުހުން އަތުލައިގަނެފައިވާ މަސްތުވާތަކެތީގެ ޢަދަދުވަނީ 2018ވަނަ އަހަރާ އަޅާބަލާއިރު 4 ގުނަ އިތުރުވެފައެވެ. މިގޮތުން 2019ވަނަ އަހަރު ފުލުހުން ހިންގި އެކި އޮޕަރޭޝަންތަކުގައި 408.3 ކިލޯ ގްރާމްގެ މަސްތުވާތަކެތި އަތުލައިގަނެފައިވެއެވެ. 2018ވަނަ އަހަރު ފުލުހުން ހިންގި އޮޕަރޭޝަންތަކުގައި އަތުލައިގަނެފައިވަނީ 104.7 ކިލޯ ގްރާމްގެ މަސްތުވާތަކެއްޗެެވެ. މީގެތެރެއިން އެންމެ ގިނަ ޢަދަދަކަށް އަތުލައިގަނެފައިވަނީ ކެނަބިސް ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.
މަސްތުވާތަކެއްޗާއި ބެހޭ 2188 މައްސަލައެއް 2019ވަނަ އަހަރު ފުލުހުންނަށް ވަނީ ހުށަހަޅާފައެވެ. މިއީ 2018ވަނަ އަހަރާއި އަޅާބަލާއިރު %1.9ދަށް ޢަދަދެކެވެ. 2018ވަނަ އަހަރު ފުލުހުންނަށް ހުށަހަޅާފައިވަނީ މަސްތުވާތަކެތީގެ 2230 މައްސަލައެވެ. 2019ވަނަ އަހަރު ފުލުހުން ވަނީ މަސްތުވާތަކެތީގެ މައްސަލަތަކުގައި 1490 މީހުން ހައްޔަރު ކޮށްފައެވެ. މީގެތެރޭގައި ހިމެނެނީ %88 އަކީ ދިވެހިންނެވެ. އަދި %11 އަކީ ބިދޭސީންނެވެ. މީގެތެރެއިން ދެޖިންސު ވަކިވަކިން ބަލާނަމަ، %3 އަކީ އަންހެހުންނެވެ. ފިރިހެނުންގެ ނިސްބަތަކީ %97 އެވެ.
2019ވަނަ އަހަރު މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރި މީހުންގެ ތެރެއިން %69 މީހުންނަކީ ޢުމުރުން 18 އަހާރި 34 އަހަރާއި ދެމެދުގެ މީހުންނެވެ.
މަސްތުވާތަކެތީގެ މައްސަލައިގައި 2019ވަނަ އަހަރު ހައްޔަރުކުރި މީހުންގެ ތެރެއިން %45 މީހުން ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި އަތުގައި ބެހެއްޓުމުގެ ކުށުގައެވެ. އަދި %29 މީހުން ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ބޭނުންކުރުމުގެ މައްސަލަތަކުގައެވެ. މީގެތެރެއިން %15 މީހުން ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ވިއްކުމުގެ މައްސަލަތަކުގައެވެ. އަދި %9 މީހުން ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރުމުގެ ކުށުގައެވެ.
2019ވަނަ އަހަރު މަސްތުވާތަކެތި ބޭނުންކުރުމުގެ ކުށުގައި ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން %54 މީހުންނަކީ ޢުމުރުން 25 އަހަރާއި 39 އަަހަރާ ދެމެދު މީހުންނެވެ. އަދި %30 މީހުންނަކީ ޢުމުރުން 24 އަހަރާއި 18 އަހަރާ ދެމެދުގެ މީހުންނެވެ. އަދި %15 މީހުންނަކީ 40 އަހަރުން މަތީގެ މީހުން ކަމަށާއިި %1 މީހުންނަކީ ޢުމުރުން 16 އަހަރުން ދަށުގެ ކުދިންކަމަށް ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ތަފާސްހިސާބުތަކުން ދައްކައެވެ.