ޚަބަރު

ވިސާ މުއްދަތު ހަމަވެ ލަންކާގައި ހައްޔަރުކުރި ދިވެހި އާއިލާއަށް ދަނީ އެހީތެރިކަން ފޯރުކޮށްދެމުން - ފޮރިން މިނިސްޓްރީ


ވިސާގެ މުއްދަތު ހަމަވެ ގަވައިދާ ހިލާފަށް ސްރީލަންކާގައި ދިރިއުޅޭ ދިވެހި އާއިލާއެއް އެޤައުމުގައި ހައްޔަރުކޮށްފިއެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވީ މިފަދަ މައްސަލައެއްގެ މައުލޫމާތު ލިބިފައިވާކަމަށާއި އެކަން ސްރީލަންކާގައި ހުންނަ ދިވެހި ހައިކޮމިޝަނުން ބަލަމުންދާކަމަށެވެ. ޕީއެސްއެން ނިއުސްއަށް ކަށަވަރުވެފައިވާ ގޮތުން ސްރީލަންކާގައި ހައްޔަރުކުރި އާއިލާގެ މީހުންގެ ތެރޭގައި ވިސާ ހަމަވެ ގިނަ ދުވަސްވެފަިއވާ މީހުން ހިމެނެއެވެ، މީގެތެރޭގައި 5 އަހަރެއްހާ ދުވަހު ވިސާއާނުލައި އުޅޭމީހުންވެސް ހިމެނެއެވެ.

ފޮރިން މިނިސްޓްރީން ވަނީ ބޭރުގައުމުތަކުގައި ދިރިއުޅޭ ދިވެހި އާއިލާތަކުން ވިސާއާ ގުޅުހުރި މިފަދަ ކަންކަމަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަށް ތަކުރާރުކޮށް ނަސޭހަތްތެރިވަމުންނެވެ. އަވައްޓެރި ސްރީލަންކާއަކީ ދިރިއުޅުމަށާއި، އަދި ތަޢުލީމް ޙާސިލްކުރުމަށް ގިނަ އަދަދެއްގެ ދިވެހިން ގޮސް ދިރިއުޅޭ ޤައުމެކެވެ. މީގެ ކުރިންވެސް ވިސާގެ މައްސަލަތަކާއި އެނޫންވެސް ތަފާތު ކުށްތަކުގައި ލަންކާގައި ދިވެހިން ހައްޔަރުކޮށްފައިވެއެވެ.


ބޭރު ޤައުމުތަކަށް ދިވެހިން ގޮސްއުޅޭއިރު އެގައުމުތަކުގައި ހެދިފައިވާ ޤާނޫނުތަކާއި ޤަވާއިދުތަކަށް ފުރިހަމައަށް ބޯލެނބުމަށް ފޮރިން މިނސްޓްރީން އިލްތިމާސްކުރައްވައެވެ.